ކޮވިޑް-19: ކަރަންޓީނަށް ފަހު ރާއްޖެ އިން ފުރި އިޓަލީގެ ދެ މީހުން ޕޮޒިޓިވްވެއްޖެ

ސާދަ ދުވަހުގެ ކަރަންޓީނަށް ފަހު ރާއްޖެ އިން ފުރައިގެން ދިޔަ އިޓަލީގެ ދެ ޓޫރިސްޓަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެއްޖެ އެވެ.


ކޮވިޑް-19އާ ގުޅިގެން ދަރުބާރުގޭގައި މިއަދު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ރާއްޖޭގައި މިހާރު އައިސޮލޭޝަން އަދި ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން 14 ދުވަހުގެ ކަރަންޓީނު މުއްދަތު ހަމަކުރުމަށް ފަހު ފުރައިގެން ދިޔަ އިޓަލީގެ ދެ މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ކަރަންޓީނުގައި ތިބޭ މީހުންގެ ތެރެއިން ހައި ރިސްކް މީހުން ފުރައިގެން ދިއުމުގެ ކުރިން އެ މީހުން ޓެސްޓު ކުރާ ކަމަށެވެ. ޓެސްޓު ކުރަނީ ރިސާޗް ބޭނުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖޭގައި އައިސޮލޭޝަނާއި ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން 14 ދުވަހުގެ ކަރަންޓީނު ނިންމާފައި ފުރައިގެންދިޔަ އިޓަލީގެ ދެ މީހަކު ޕޮޒިޓިވްވިކަން އަޅުގަނޑުމެންނަށް މިއަދު ފާހަގަކުރެވޭ. ކަރަންޓީން ނިންމާފައި ހައި ރިސްކު މީހުން ފުރައިގެން ދިއުމުގެ ކުރިން ވެސް އަޅުގަނޑުމެންގެ ރިސާޗަށް ސާމްޕަލް ނަގަން. އެގޮތުން ނެގި ސާމްޕަލްގެ ތެރެއިން ދެ މީހަކު ޕޮޒިޓިވްވިކަން މިއަދު އަޅުގަނޑުމެން ފާހަގަކުރަން. އެ ދެ މީހުން އިޓަލީ އަށް ދަތުރުކުރަމުން ދަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅޭ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަބްދުލް އަޒީޒް "މިހާރަ"ށް މިއަދު ވިދާޅުވީ، ޕޮޒިޓިވްވި ދެ މީހުންނަކީ އައިލެންޑް ސަފާރީން ކަރަންޓީނު ކުރި ދެ މީހުން ކަމަށެވެ. އެއީ އައިލެންޑް ސަފާރީން ޕޮޒިޓިވްވި ދެ މީހުންނާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާތީ ކަރަންޓީން ކުރި ދެ މީހުން ކަމަށް މަބްރޫކް ވިދާޅުވި އެވެ.

އައިލެންޑް ސަފާރީން ދެ މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެ ސަފާރީގައި ތިބި އެންމެން ވެސް ވަނީ ކަރަންޓީނުކޮށްފަ އެވެ. އެއީ 16 ދިވެހިންނާއި 16 ޓޫރިސްޓުންނެވެ. އޭގެ ތެރެއިން ޓޫރިސްޓުން އެނބުރި ގައުމަށްދާން ފަށާފައި ވަނީ މިއަދު ކަމަށް މަބްރޫކް ވިދާޅުވި އެވެ.

އައިލެންޑް ސަފާރީ ރާއްޖޭގައި ބަނދަރުކޮށްފައި ވަނީ ފުވައްމުލަކުގަ އެވެ. ސަފާރީން މީހަކު ބައްޔަށް ޝައްކު ކުރެވި ޕޮޒިޓިވްވި ހިސާބުން އެ ސަފާރީ ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

އައިލެންޑް ސަފާރީން އެންމެ ފުރަތަމަ މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކު މި މަހުގެ 20 ވަނަ ދުވަހު ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް އިތުރު ފަރުވާ އަށް ބަދަލުކޮށްފަ އެވެ.

އިނގިރޭސި ވިލާތުން މި މަހު 22 ވަނަ ދުވަހު ރާއްޖެ އައި ދިވެއްސެއް ވަނީ ޕޮޒިޓިވްވެފަ އެވެ. ރާއްޖޭގައި މިހާތަނަށް ވަނީ 14 މީހުން ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭން ނުވަ މީހުން ވަނީ ރަނގަޅުވެފަ އެވެ.