ކޮވިޑް-19: ޗައިނާ އިން 30،000 ސާޖިކަލް މާސްކް ހަދިޔާކޮށްފި

ޗައިނާ އިން ރާއްޖެ އަށް ހަދިޔާކުރި 30،000 ސާޖިކަލް މާސްކްއާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ހަވާލުވެވަޑައިގެންފި އެވެ.


ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ ތަކެތި ސަރުކާރާ ހަވާލުކުރީ ޗައިނާ ސަފީރު ޖާން ލިޖޯން އެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާގެ ވުހާން ސިޓީން ފެނުނު ވައިރަސް މިހާރު މުޅި ދުނިޔެ އަަށް ފެތުރިފައިވާ އިރު ޗައިނާ އިން އަންނަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެކި ގައުމުތަކަށް އެހީވަމުންނެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ބޭނުންވާނެ ތަކެތީގެ ލިސްޓުން ކުރިން ވަނީ ޗައިނާއާ ހަވާލުކޮށްފަ އެވެ.

ފޮރިން މިނިސްޓަރު ކުރެއްވި ޓްވީޓެއް

ޗައިނާ އިން މިއަދު ރާއްޖެ އަށް ހަވާލުކުރި ތަކެތީގެ ތެރޭގައި 10،080 މެޑިކަލް ޕްރޮޓެކްޓިވް މާސްކާއި އެއް ފަހަރު ބޭނުންކުރާ 10،000 ރަބަރު އަންގި އާއި 500 ސްޓެތޮސްކޯޕުގެ އިތުރުން 200 ޕްރޮޓެކްޓިވް ގޮގްލްސް އަދި 500 ޕްރޮޓެކްޓިވް ހެދުން ހިމެނެ އެވެ.

ފަރުވާއެއް އަދި ހޯދިފައި ނުވާ މި ބަލިން ރައްކާތެރިވުމަށް ޗައިނާ އިން ރާއްޖެ އަށް ވަމުން އަންނަ އެހީއަށް ޗައިނާގެ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނަށް މިނިސްޓަރު ޝާހިދު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. އަދި މި ބަލިން ސަލާމަތްވެވޭނީ، ހުރިހާ ގައުމެއް ގުޅިގެން މަސައްކަތްކުރުމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު (ކ) އާއި ޗައިނާ ސަފީރު ޖާން ލިޖޯން ވާހަކަދައްވަނީ، --ފޮޓޯ:ފޮރިން މިނިސްޓްރީ

މި ރަސްމިއްޔާތުގައި ޗައިނާގެ ސަފީރު ވިދާޅުވީ ވެންޓިލޭޓަރު ފަދަ ތަކެތި ރާއްޖެ އަށް ފޯރުކޮށްދިނުމުގައި ދަތިތަކެއް ދިމާވަނީ، ޗައިނާގައި ވެސް މި ވަގުތު އެކަށީގެންވާ ވަރަށް އެ ތަކެތި ނެތުމުން ކަމަށެވެ.

"އެހެން ކަންތައްތަކަށް ވުރެ ދިވެހި ރައްޔިތުންގެ ފުރާނަ (ދިވެހި ސަރުކާރުން) އިސްކުރިކަން އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނު،" ޗައިނާ ސަފީރު ވިދާޅުވި އެވެ.

އެނބުރި ރާއްޖެ އަންނާނެ ގޮތެއް ނެތި އެކި ގައުމުތަކުގައި ތާށިވެފައި ތިބި ދިވެހިންނަށް އެހީވުމުގެ މަސަައްކަތް ވެސް ސަރުކާރުން ކުރަމުން އަންނަ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ. ނަމަވެސް ގިނަ ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައިވާތީ އެ މީހުން ގެނައުމުގައި ދަތިތަކެއް ދިމާވަނީ ކަމަށް ވިދާޅުވި އެވެ.

ކޮރޯނާވައިރަހަށް ރާއްޖެ އިން ޕޮޒިޓިވްވެފައިވާ 14 މީހުންގެ ތެރޭގައި ހިމެނެނީ އެންމެ ދިވެއްސެކެވެ. އެއީ އިނގިރޭސި ވިލާތުން މިދިޔަ އާދިއްތަ ދުވަހު އައި މީހެކެވެ. ހޮލިޑޭ އައިލެންޑް ރިސޯޓުގައި ކަރަންޓީން ކޮށްފައިވާ އެ މީހާގެ ޓެސްޓުގެ ނަތީޖާ ލިބުނީ މިއަދު އެވެ. ބާކީ ތިބި 13 މީހުންނަކީ ރިސޯޓުތަކުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނާއި ޓޫރިސްޓުންނެވެ. އޭގެ ތެރެއިން ނުވަ މީހަކު މިހާރު ވަނީ ރަނގަޅުވެފަ އެވެ.