ކޮވިޑް-19: ސަފާރީ ކަރަންޓީނު ކުރީ މި މަހު 13 ގައި: ވެރިފަރާތް

ރާއްޖެ އިން ފުރި ފަހުން އިއްޔެ ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވި ދެ މީހުން ތިބި "އައިލެންޑް ސަފާރީ-1" މި މަހު 13 ގައި ކަރަންޓީނުކޮށްފައި އޮތް ކަމަށް އެ ސަފާރީގެ ވެރިފަރާތުން މިއަދު ވިދާޅުވެއްޖެ އެވެ.


ސަފާރީގެ ވެރިޔާ މޫސާ ރަޝީދު "މިހާރު"އަށް ވިދާޅުވީ ސަފާރީގައި ތިބި މީހުންގެ ތެރެއިން އެކެއްގެ ކިބައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނުނު އިރު އެ އުޅަނދު އޮތީ އައްޑޫގައި ކަމަށާއި އެ ހިސާބުން އެޗްޕީއޭގެ ހޮޓްލައިނަށް ގުޅާ އެ މައުލޫމާތު ދިން ކަމަށެވެ.

"އެހިސާބުން އެޗްޕީއޭގެ އެންގުމާ އެއްގޮތަށް ސަފާރީ އޮތީ ކަރަންޓީނު ވެގެން. އަނބުރާ ފުވައްމުލަކު ބޭރަށް ދިޔައީ ވެސް އެޗްޕީއޭއިން އެންގީމާ. އަލާމާތްތައް ފެނުނު ދެ މީހުންގެ ސާމްޕަލް ނެގީ ފުވައްމުލަކު ބޭރުގައި އޮވެގެން،" މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑް-19 ގެ އަލާމާތްތައް ފެނުމުން އެކަން އެޗްޕީއޭއަށް އެންގީ އެ ދެ މީހުން އެމީހުންގެ ކޮޓަރިން ނުނިކުމެވޭނެ އިންތިޒާމް ވެސް ހަމަޖައްސާފައި ކަމަށެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ރޭ ބޭއްވި ޕްރެސްކޮންފަރެންސްގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ އައިލެންޑް ސަފާރީ-1 ގެ ކަރަންޓީނު ފަށަން މި 13 ގައި އެޗްޕީއޭއިން ލިއުމެއް ވެސް ފޮނުވި ކަމަށެވެ.

"އޭގެ މާނައަކީ އެންމެން އެމީހުންގެ ކޮޓަރިތަކުގައި މަޑުކުރާށޭ،" އޭނާ ވިދާޅުވި އެވެ.

މާޗު 13 ގައި ކަރަންޓީންކުރި ނަމަ، އެ އުޅަނދުގައި ތިބި އެންމެންގެ ކަރަންޓީންގެ 14 ދުވަސް ހަމަވާނީ އިއްޔެ އެވެ. އެކަމަކު ދެ މީހުންގެ ސާމްޕަލް ނެގީ މާޗު 14 ގައި ކަމަށް ވެފައި، ޕޮޒިޓިވްވި ކަން ޔަގީންވީ 15 ގައި ކަމަށް ވާތީ، އެ މީހުންގެ ކަރަންޓީންގެ މުއްދަތު ހަމަނުވާނެ ކަމަށް ބުނެ، ބައެއް މީހުން ގެންދަނީ ފާޑުކިޔަމުންނެވެ.

މަބްރޫކް ވިދާޅުވީ ސަފާރީގައި ޕޮޒިޓިވްވި ދެ މީހުން އެ އުޅަނދުން ބޭލީ މި މަހު 16 ގައި ކަމަށެވެ.

ކަރަންޓީންގެ ފެސިލިޓީއެއް ކަމަށްވާ ވިލިވަރަށް، ސަފާރީގެ އެހެން ޓޫރިސްޓުންނާއި ބައެއް ފަޅުވެރިން ބާލައި އެކަހެރިކުރީ، އޭނާ ވިދާޅުވި ގޮތުގައި، 17ގަ އެވެ.

އޭގެ ތެރެއިން އިޓަލީގެ ބައެއް މީހުން އިއްޔެ، ރަޝިޔާގެ ގައުމީ އެއާލައިން އެއަރޯފްލޮޓުގައި ފުރި އެވެ. އޭގެ ތެރެއިން ދެ މީހަކު ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވިކަން ޔަގީންވުމާ އެކު އެއާލައިނަށް ރާއްޖެއިން ވަނީ އެކަން އަންގައިފަ އެވެ. އަދި އިއްޔެ މޮސްކޯ އެއާޕޯޓަށް ޖެއްސުމާ އެކު ބޯޓު ކަރަންޓީންގައި ވެސް ބޭއްވި އެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި ކަރަންޓީންގައި ތިބި އެއްވެސް މީހެއްގެ ހަށިގަނޑުން، ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ނުފެނެ އެވެ. އެކަމަކު ޓެސްޓް ހަދަން ސާމްޕަލް ނެގުމަށް ފަހު ނަތީޖާ އައުމުގެ ކުރިން އެ މީހުން ފޮނުވާލުމުން، އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.