ކޮވިޑް-19: ފްލައިމީގެ ދަތުރުތައް މެދުކަނޑާލައިފި

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދާއި ކުންފުނީގެ މާލީ ހާލަތު ވެސް ގޯސްވެފައިވާތީ، ފްލައިމީގެ ދަތުރުތައް މެދުކަނޑައިލަން ނިންމައިފި އެވެ.


ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްގެ ފްލައިމީ ހިންގާ ވިލާ އެއާ އިން ނެރުނު ސާކިއުލާއެއްގައިވާ ގޮތުން، އެ އެއާލައިންގެ ދަތުރުތައް މެދުކަނޑައިލާނީ މާދަމާ އިން ފެށިގެންނެވެ.

ފްލައިމީގެ ދަތުރުތައް ބާއްވަމުން އައީ އދ. މާމިގިއްޔަށާއި ބ. ދަރަަވަންދު އަށެވެ.

ވިލާ އެއާ އިން ބުނީ، ދަތުރުތައް މެދުކަނޑައިލުމުން ދިމާވާނެ ދަތިތައް ހުންނާނެ ކަމަށް ގަބޫލުކުރާ ކަމަށާއި އެކަމަށްޓަކައި ކަސްޓަމަރުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ. ދަތުރުތައް މެދުކަނޑައިލި ނަމަވެސް ހާއްސަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ދަތުރު ކުރުމަށް ވިލާ އެއާ އޮތީ ތައްޔާރަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެހެންވެ، އެ އެއާލައިނުގެ ކްރޫއިންނާއި އެހެނިހެން މުވައްޒަފުން، އަބަދުވެސް ތިބޭނީ ތައްޔާރީ ހާލަތުގައި ކަމަށް ވިލާ އެއާގެ ސާކިއުލާގައި ވެ އެވެ. އެ ކުންފުނިން ބުނިގޮތުގައި، ވިލާ އެއާ އިން އެންމެ އިސްކަމެއް ދެނީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމާއި އެ މީހުންގެ ބޭނުންތަކަށެވެ.

ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެ އިން ފެނުމާ އެކު، މިހާރު ވަނީ އޮން އެރައިވަލް ވިސާ ދޫކުރުން މެދުކަނޑާލައިފަ އެވެ. ކޮވިޑް ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން އެޅި އެ ފިޔަވަޅާ އެކު، ރާއްޖެ އަކަށް މިހާރު ޓޫރިސްޓުންނެއް ނާދެ އެވެ. އަދި މުޅި ދުނިޔޭގެ އިގްތިސޯދަށް ވެސް ކުރިމަތިވެފައިވާ މި ދަތިކަމާ ހެދި، ރާއްޖޭގެ 50 އަށް ވުރެ ގިނަ ރިސޯޓު މިހާރު ވަނީ ބަންދުކޮށްފަ އެވެ.