ކޮވިޑް-19: ޓެލިކިލާސް މެދުވެރިކޮށް މަތީ ގްރޭޑުތަކަށް ފިލާވަޅުތައް ނަގައިދެނީ

ޓެލިކިލާސް މެދުވެރިކޮށް މަތީ ގްރޭޑުތަކަށް އަންނަ ހަފުތާގައި ފިލާވަޅުތައް ނަގައިދޭން ނިންމައިފި އެވެ.


އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން "މިހާރު" އަށް މިއަދު ވިދާޅުވީ ޓެލިކިލާސް އިން ކިޔަވައި ދޭނީ ގްރޭޑު 9، 10 އަދި 11 ގެ ދަރިވަރުންނަށް ކަމަށެވެ. އެ ގްރޭޑުތަކުގެ ދަރިވަރުންނަށް ފިލާވަޅުތައް ނަގައިދޭން ހަމަޖައްސާފައިވަ ނީ ތިން ޗެނަލެއް މެދުވެރިކޮށެވެ.

ކޮވިޑް-19 ގެ ސަބަބުން ސްކޫލުތައް މީގެ ކުރިން ބަންދުކުރުމަށް ފަހު، އެހެން ގްރޭޑުތަކުގެ ދަރިވަރުންނަށް ކިޔަވައިދިނީ އެކި ޕްލެޓްފޯމުތައް މެދުވެރިކޮށެވެ. އޭގެ ތެރޭގައި އެޑިއުޕޭޖާއި ގޫގުލް ކްލާސްރޫމާއި ޓެޑް-އެޑް ފަދަ ވަސީލަތްތައް ހިމެނެ އެވެ. ނަމަވެސް އަންނަ ހަފުތާގައި އެ ގްރޭޑުތަކަށް ކިޔަވައެއް ނުދޭނެ އެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މުންނާރު ޗެނަލް އިން ގްރޭޑު 9 ގެ ދަރިވަރުންގެ ފިލާވަޅުތައް، 10 ގެ ފިލާވަޅުތައް ޔޭސް ޗެނަލް އަދި 11 ގެ ފިލާވަޅުތައް ނަގައިދޭން ހަމަޖައްސާފައިވަނީ ދިވެހި ޗެނަލުންނެވެ.

ގްރޭޑު 10ގެ ދަރިވަރުންނަށް މާދަމާ ހެނދުނު 8:00 ން ފެށިގެން މެންދުރު 12:00 އާ ހަމައަށް އެކި މާއްދާތަކުގެ ފިލާވަޅުތައް ދައްކާނެ އެވެ. ގަޑިއިރެއްގެ މެދުކެނޑުމަކަށް ފަހު މެންދުރު 1:00-2:00 އަށް ދައްކާނީ ފޯރަމެކެވެ.

އިހުސާން ވިދާޅުވި ގޮތުގައި، މާއްދާތަކުގެ ފޯރަމަށް ދަރިވަރުންނަަށް ސުވާލު ފޮނުވޭނެ އެވެ. އެ ސުވާލުތައް ކުރަން ހަމަޖައްސާފައި ވަނީ ވަކި ޕޯޓަލެއް މެދުވެރިކޮށެވެ.

"ފޯރަމް އޮންނާނީ ގްރޭޑު 10 އަދި 11ގެ ދަރިވަރުންނަށް. ޕްލެޓްފޯމެއް މެދުވެރިކޮށް ސުވާލުތައް ފޮނުވޭނެ ސްކޫލުތަކުން ދަރިވަރުންނާ ހިއްސާ ކުރާނެ އެ ޕްލެޓްފޯމް. ފޯނު ކޮށްގެން ސުވާލުކުރަން ވީމާ ވަރަށް ވަގުތު ދާނެ. އެހެންވެ ވީހާ ވެސް ގިނަ ދަރިވަރުންނަށް ވަގުތު ދިނުމަށް މި ގޮތަށް މި ކަނޑައެޅީ،" އިހުސާން ވިދާޅުވި އެވެ.

ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އަންނަ ހަފުތާގައި ވެސް ސަރުކާރު ބަންދުކުރަން ވަނީ ނިންމައިފަ އެވެ. ރާއްޖެއިން މިހާތަނަށް އެ ބަލި 16 މީހަކަށް ޖެހިފައިވާއިރު އޭގެ ތެރޭގައި ދިވެއްސެއް ވެސް ހިމެނެ އެވެ. ދެން ތިބީ ބިދޭސީން/ޓޫރިސްޓެކެވެ. އެއީ ކުރެއްދޫ ރިސޯޓުގެ ބިދޭސީ ދެ މުވައްޒަފަކާއި 13 ޓޫރިސްޓެކެވެ. މި އެންމެންގެ ތެރެއިން މިހާރު ފަރުވާގައި ތިބީ ތިން މީހެކެވެ.

އަދި ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިޓަލީގެ ދެ ޓޫރިސްޓަކު ޕޮޒިޓިވްވިކަން އެނގުނީ އިއްޔެ ހެނދުނު އެ މީހުން ފުރައިގެން ދިޔަ ފަހުންނެވެ. އައިލެންޑް ސަފާރީން ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ މީހުންނާ އެކު، އެ ސަފާރީގައި އުޅުނު އިޓަލީގެ ދެ ޓޫރިސްޓުގެ ފަރާތުން ބަލީގެ އަލާމާތެއް ނުފެނުނަސް ސާމްޕަލް ނެގީ އެޗްޕީއޭ އިން ކުރާ ދިރާސާ އަކަށް ކަމަށް އެ އިދާރާ އިން ބުނެފައި ވެ އެވެ. ނަމަވެސް ޕޮޒިޓިވް ނަތީޖާ ލިބުނުއިރު އެ ދެ މީހުން ފުރައިފި އެވެ.