ކޮވިޑް-19: ކަރަންޓީންގައި ހުރި އިތުރު ދިވެއްސަކު ޕޮޒިޓިވް ވެއްޖެ

އިނގިރޭސި ވިލާތުން ރާއްޖެ އައުމުން ކަރަންޓީން ފެސިލިޓީއެއްގައި ބަހައްޓާފައި ހުރި އިތުރު ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.


ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ކުރި ޓުވީޓެއްގައި ބުނީ، ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރާ ބ. އަތޮޅު ރޯޔަލް އައިލެންޑް ރިސޯޓުގައި ބަހައްޓާފައި ހުރި އެ ދިވެހި މީހާގެ ސާމްޕަލް ޓެސްޓް ކުރިއިރު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް އަދި ނުދެ އެވެ.

އެޗްޕީއޭގެ ޓުވީޓް

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެއްސަކު ފުރަތަމަ ފެނުނީ މިދިޔަ ހުކުރު ދުވަހު އެވެ. އެއީ ވެސް އިނގިރޭސި ވިލާތުން މި މަހުގެ 22 ގައި ރާއްޖެ އައުމުން ކަރަންޓީން ފެސިލިޓީ ހޮލިޑޭ އައިލެންޑް ރިސޯޓުގައި ބަހައްޓާފައި ހުރި މީހެކެވެ. އޭނާގެ ފަރާތުން ބަލީގެ އަލާމާތްތަކެއް މި މަހުގެ 25 ގައި ފެނުމުން ސާމްޕަލް ޓެސްޓް ކުރިއިރު ޖެހިގެން އައި 26 ވަނަ ދުވަހު ނަތީޖާ ދެއްކީ ޕޮޒިޓިވް ކަމަށެވެ. އެ މީހާ މިހާރު ވަނީ އއ. ވެލިދޫ ކަރަންޓީން ފެސިލިޓީ އަށް ބަދަލުކޮށްފަ އެވެ.

މި މަހުގެ ހަތަކުން ފެށިގެން މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 ގެ 17 މީހަކު ފެނުނުއިރު އޭގެ ތެރެއިން ދިވެހިންގެ އަދަދަކީ 2 އެކެވެ. ބާކީ 15 މީހުންނަކީ ޓޫރިސްޓުން/ބިދޭސީންނެވެ. ދެ ބިދޭސީންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ތުރުކީގެ ޑޮކްޓަރާއި އެ ރިސޯޓުގެ އެހެން މުވައްޒަފެކެވެ. ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާރު ފަރުވާގައި ތިބީ ހަތަރު މީހެކެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 17 މީހުންގެ ތެރޭގައި ފުރައިގެން ދިޔަ ފަހުން ޕޮޒިޓިވްވިކަން އެނގުނު އިޓަލީގެ ދެ ޓޫރިސްޓަކު ވެސް ހިމެނެ އެވެ. އެއީ އައިލެންޑް ސަފާރީ-1 ގައި ތިބި މީހުންގެ ތެރެއިން އެ ބައްޔަށް ޕޮޒިޓިވްވި ދެ ޓޫރިސްޓުންނާ "ކްލޯޒްޑް ކޮންޓެކްްޓް" އެއް އޮތް ދެ މީހެކެވެ. އެ ދެ މީހުންގެ ފަރާތުން ކޮރޯނާވައިރަހުގެ އަލާމާތެއް ނުފެނުނަސް ޓެސްޓް ހެދި ދިރާސާ އަކަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައި ވެ އެވެ. އެކަމަކު އެ ދެ ޓޫރިސްޓުންގެ ސާމްޕަލްގެ ނަތީޖާ މިދިޔަ ހުކުރު ދުވަހުގެ މެންދުރު ލިބުނުއިރު، އެ ދެ މީހުން އެ ދުވަހުގެ ހެނދުނު ފުރައިފި އެވެ. އެއީ ކަރަންޓީންގައި ބަހައްޓަން ކަނޑައަޅާފައިވާ 14 ދުވަސް ހަމަވުމުން ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

މި ދެ ޓޫރިސްޓުން މިހާރު ވަނީ ރަޝިއާގައި ކަރަންޓީން ކޮށްފަ އެވެ.