ކޮވިޑް-19: މީޑިއާ ނެޓުން ހިލޭ ލިބޭ އާ ޕެކޭޖެއް ތައާރަފުކޮށްފި

ކޮވިޑް-19 އާ ގުޅިގެން، އެތައް ބައެއްގެ މާލީ ހާލަތަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކޮށްފައިވާތީ އެ މީހުންނަށް އެހީތެރިވުމުގެ ގޮތުން، ހިލޭ ލިބޭ އާ ޕެކޭޖެއް މީޑިއާ ނެޓުން ތައާރަފުކޮށްފި އެވެ.


މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ އެދުމާއި މަޝްވަރާގެ މަތިން މި މަހަށް ތައާރަފުކުރި ޕެކޭޖުގައި، ދިވެހި ބައެއް ޗެނަލްތަކުގެ އިތުރުން ރާއްޖެ އިން ބޭރުގެ ޚަބަރާއި މުނިފޫހިފިލުވުމުގެ ބައެއް ޗެނަލްތައް ވެސް ހިމަނާފައި ވެ އެވެ.

ބްރޯޑްކޮމުން ބުނިގޮތުގައި، އެހެން ރީބްރޯޑްކާސްޓަރުންނާއެކު ވެސް ކޮމިޝަނުން އަންނަނީ މަޝްވަރާތަކެއް ކުރަމުންނެވެ. އެއިން ރަނގަޅު ނަތީޖާއެއް ނެރެވި، ވީހާ ވެސް އަވަސް ފުރުސަތެއްގައި ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެހޭނެ ކަމަށް އުއްމީދުކުރާ ކަމަށް ބުންޏެވެ.

ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ މާލީ ދަތިތަކާ ގުޅިގެން ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން އަންނަނީ ލުއިތައް ދެމުންނެވެ. މުވާސަލާތީ ހިދުމަތްދޭ ދިރާގާއި އުރީދޫން، އިންޓަނެޓަށް ލުއި ގޮތްތަކެއް ފޯރުކޮށްދީފައިވާއިރު، އެހެން ކުންފުނިތަކުން ވެސް ލުއިފަސޭހަވާނެ ބަދަލުތައް ގެނެސްފައި ވެ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 19 އަށް އަރާފައިވާއިރު، 13 މީހަކު ވަނީ ރަނގަޅުވެފަ އެވެ. އެއީ މިދިޔަ މަހުގެ ހަތަކުން ފެށިގެން އެންމެ ފުރަތަމަ އެ ބަލި ޖެހުނު މީހުންނެެވެ. ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރޭގައި ހަތަރު ދިވެއްސަކު ހިމެނެ އެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ މީހާ ފެނުނީ މިދިޔަ ހުކުރު ދުވަހު އެވެ. އަދި މިއަދު ވެސް ދިވެއްސަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. މި ހަތަރު ދިވެހިންނަކީ ވެސް އިނގިރޭސި ވިލާތުން ރާއްޖެ އައުމުން ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައިވާ މީހުންނެވެ.

މުޅި ދުނިޔެއިން 872،975 މީހުންނަށް ކޮރޯނާވައިރަހުން ޖައްސާ ބަލި ޖެހުނުއިރު އޭގެ ތެރެއިން 43،275 މީހުން ވަނީ މަރުވެފަ އެވެ.