ބާރަށް ސައިކަލު ދުއްވި މީހަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް

ބިރުވެރިކަން އުފެދޭ ގޮތަށް ބާރަށް ސައިކަލު ދުއްވި މީހަކު ހައްޔަރުކޮށް އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 15 ދުވަސް ޖަހައިފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް މާލޭގެ އެކި މަގުތަކުގައި ބާރަށް ސައިކަލު ދުއްވި 19 އަހަރުގެ ދިވެހި ފިރިހެނެއް، ޓްރެފިކް ޕޮލިސް ސްޓޭޝަން ކުރިމަތިން ހެނދުނު 6:00 ހާއިރު ހުއްޓުވާފައިވާ ކަމަށެވެ.

އޭގެ ފަހުން އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގުކުރަން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވިދާޅުވި އެވެ.

ބާރަށް ސައިކަލު ދުއްވި މީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގުކުރަން މި ފެށީ، އެހެން މީހުންނަށް އުނދަގޫވާ ގޮތަށް އަޑުގަދަކޮށް އަދި ބާރަށް އުޅަނދުފަހަރު ދުއްވާ މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިދިޔަ އާދިއްތަ ދުވަހު ވިދާޅުވެފައި ވަނިކޮށެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ކަމާބެހޭ ފަރާތްތަކުން އަޅާފައިިވާ ފިޔަވަޅުތަކަށް އާއްމުންގެ ގިނަ ބަޔަކު ތަބާވާ ކަމަށެވެ. ނަމަވެސް ސައިކަލުގެ ސައިލެންސަރަށް ބަދަލުތައް ގެނެސް އާއްމުންނަށް އުނދަގޫވާގޮތަށް ބާރަށް ސައިކަލު ދުއްވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.