އަންނަ ހަަފުތާގައި ތިން ދުވަހު ބޭންކްތަކުގެ ޚިދުމަތް ލިބޭނެ

އަންނަ ހަފުތާގައި ބޭންކްތަކުގެ ޚިދުމަތް ތިން ދުވަހު ދޭ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަމަޖައްސައިފި އެވެ.


ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރު އޮފީސްތައް ބަންދު ކުރިތާ ދެ ހަފުތާ ވެފައިވާއިރު، އަންނަ ހަފުތާ ވެސް ބަންދުކުރަން ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ. ބަންދު ކޮށްފައިވާ މުއްދަތުގައި މިހާތަނަށް ބޭންކިން ޚިދުމަތް ދެމުން އައީ ކޮންމެ ހަފުތާއަކު ދެ ދުވަހު އެވެ.

އެމްއެމްއޭ އިން ކުރި އިއުލާނެއްގައި ވަނީ އަންނަ ހަފުތާގެ ހޯމަ ދުވަހާއި އަންގާރަ ދުވަހު އިތުރުން ބުރާސްފަތި ދުވަހު ވެސް އެމްއެމްއޭ އާއި ބޭންކްތަކުގެ ޚިދުމަތް ދޭނެ ކަމަށެވެ. އެގޮތުން މިހާރެކޭ ވެސް އެއްގޮތަށް ހެނދުނު 9:30 އިން ފެށިގެން މެންދުރު 12:30 އާ ހަމައަށް ބޭންކްތަކުގެ ޚިދުމަތް ދޭނެ ކަމަށާއި އެމްއެމްއޭ އިން ވަކި ލާރި ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް ހެނދުނު 9:30 އިން ފެށިގެން 11 ހަމައަށް ދޭނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އެގޮތުން އޮފީސްތަކާއި ސްކޫލްތައް ބަންދު ކުރުމުގެ އިތުރުން މާލެ ސަރަހައްދުގައި ކޮންމެ ދުވަހެއްގެ ވެސް ތިން ގަޑިއިރަށް މަގުތަކަށް މީހުން ނިކުތުމާއި އުޅަނދުތައް ދުއްވުން މަނާކޮށް އަދި ތިން މީހުންނަށް ވުރެ ގިނައިން މަގުމަތީގައި އުޅުން މިހާރު ވަނީ މަނާކޮށްފަ އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން 19 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، އޭގެ ތެރެއިން ހަ މީހަކު ފިޔަވައި އެންމެން ވަނީ ރަނގަޅުވެފަ އެވެ. ބާކީ ތިބި ހަ މީހުންގެ ތެރެއިން ހަތަރު މީހުންނަކީ އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެހިންނެވެ.