ފާތިމަތު ޖަމީލް އަވަހާރަވެއްޖެ

އަންހެނުންގެ ތަރައްގީ އަށް ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި އިދާރާގެ ކުރީގެ ވެރިޔާ، އަދި ދައުލަތަށް ވަރަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ފާތިމަތު ޖަމީލް މިއަދު އުމުރުން 82 އަހަރުގައި އަވަހާރަވެއްޖެ އެވެ.


ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރުމަނިކުފާނު އަދި ދީނީ އިލްމުވެރިޔާ ޝޭހު މުހައްމަދު ޖަމީލް ދީދީގެ ދޮށީ ދަރިކަނބަލުން ފާތިމަތު ޖަމީލް އަވަހާރަވީ، އުނދަގުލެއް ވެގެން މިއަދު ހެނދުނު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން އަންނަނިކޮށް މެންދުރުފަހުގެ ވަގުތެއްގަ އެވެ. ފާތިމަތު ޖަމީލަކީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޒާހިޔާ ޒަރީރުގެ މަންމަ ވެސް މެ އެވެ. އާއިލާ މެމްބަރަކު ވިދާޅުވީ މިއަދު ހެނދުނާ ހަމަޔަށް ވެސް އޭނާ ހުންނެވީ ހެޔޮ ހާލުގައި، ވަރަށް އުފާވެރިކޮށް ކަމަށާއި އުނދަގުލެއް ޖެހިވަޑައިގަތީ ކުއްލިއަކަށް ކަމަށެވެ.

ފާތިމަތު ޖަމީލްގެ ޖަނާޒާ އޮންނާނީ މިރޭ 7 ޖަހާއިރެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މިއަދު 5-8 އަށް ކާފިއު ހިންގާތީ އާއި ޖަމާއަތުގައި ނަމާދުނުކުރާތީ، ކަށުނަމާދު ކުރާނެ ސީދާ ގަޑިއެއް ކަށަވަރެއްނުވެ އެވެ.

ފާތިމަތު ޖަމީލް (ކ-2) ބައިނަލްއަގްވާމީ ޖަލްސާއެއްގައި ކުރީގެ ވަޒީރު އައްބާސް އިބްރާހިމް (ވ-2) އާއި ސައިކުރާ އަޒީ (ކ)އާ އެކު.

އަންހެނުންގެ ތަރައްގީގެ ކުރީ ސަފުގައި

އަންހެނުންގެ ތަރައްގީ އާއި ހައްގުތައް ކަށަވަރުކުރުމުގެ މަސައްކަތް ފާތިމަތު ޖަމީލް އެންމެ ފުރަތަމަ ފެއްޓެވީ، ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ކުރީކޮޅު 1979 ވަނަ އަހަރު އުފެއްދެވި ޕްރިޕެރޭޓްރީ ކޮމިޓީ ފޯ ޑިކޭޑްސް އޮފް ވިމެންސް ޑިވެލޮޕްމަންޓުގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގެންނެވެ.

ޕްލޭނިން މިނިސްޓްރީގެ ދަށުން، އުފެއްދި މި ކޮމިޓީ އަކީ 1975 ގައި ބޭއްވި ފުރަތަމަ ވޯލްޑް ކޮންފަރެންސް އޮން ވިމެންސްގައި، އެ އަހަރުން ފެށިގެން 1985 ވަނަ އަހަރާ ހަމައަށް ކަނޑައެޅި "ޑިކޭޑް ފޯ ވިމެންސް" އާ ގުޅިގެން އުފެއްދި ކޮމިޓީއެކެވެ. އެންމެ ބޮޑު ބޭނުމަކީ 1980 ވަނަ އަހަރު ޑެންމާކުގެ ކޯޕެންހޭގަންގައި ބޭއްވި ދެ ވަނަ ވޯލްޑް ކޮންފަރެންސް އޮން ވިމެންސް އަށް ތައްޔާރުވުމެވެ. އެގޮތުން 1975 ގައި ކަނޑައެޅި ލަނޑުދަނޑިތަކަށް ވާސިލްވެވުނުތޯ ބެލުމަށް، 1980 ގައި ބޭއްވި މިޑް ޑިކޭޑް އެސެސްމަންޓް ޖަލްސާގައި ފާތިމަތު ޖަމީލް ވަނީ ރާއްޖެ ތަމްސީލްކުރައްވައިފަ އެވެ. އަދި 1985 ވަނަ އަހަރު ކެންޔާގެ ނައިރޯބީގައި ބޭއްވި ތިން ވަނަ ކޮންފަރެންސުގައި ވެސް އޭނާ ބައިވެރިވެވަޑައިގަތެވެ.

އެ ކޮމިޓީ އަށް ފަހު 1982 ގައި އުފެއްދި އޮފީސް ފޯ ވިމެންސް އެފެއާޒްގެ ޑިރެކްޓަރުކަން އަދި 1988 ގައި އުފެއްދި ޑިޕާޓްމަންޓް އޮފް ވިމެންސް އެފެއާޒްގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމް ވެސް ފުރުއްވި އެވެ. މިއީ އަންހެނުންގެ ތަރައްގީއަށް އަމާޒުކޮށް ޑިޕާޓްމަންޓެއްގެ ފެންވަރުގައި އުފެއްދި ފުރަތަމަ ރަސްމީ އިދާރާ އެވެ.

އަދި އޭގެ ފަހުން ރާއްޖޭގައި އަންހެނުންނަށް ހާއްސަކޮށްގެން 1993 ގައި އުފެއްދި މިނިސްޓްރީ އޮފް ޔޫތު، ވިމެންސް އެފައާޒް އެންޑް ސްޕޯޓްސްގެ ނައިބުގެ މަގާމް ފުރުއްވި އެވެ.

ފާތިމަތު ޖަމީލް އަތޮޅުތެރެއަށް ކުރެއްވި ދަތުރެއްގައި އަންހެނުންގެ ކޮމިޓީގެ މެމްބަރުންނާ އެކު ގްރޫޕް ފޮޓޯއެއްގައި ބައިވެރިވެވަޑައިގަންނަވަނީ.

ސަރުކާރުގެ ތަފާތު މަގާމުތަކުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރުކަން 1989 އިން 2000 އަށް އޭނާ ވަނީ ކުރައްވައިފަ އެވެ.

ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި ރާއްޖޭގައި އަންހެނުންގެ ހައްގުގައި މަސައްކަތްކުރުމާއި އަޑުއުފުލުން އަސާސީ މަރުހަލާއެއްގައި އޮތް ދުވަސްވަރެއްގައި އެ މަސައްކަތުގައި ލީޑާޝިޕް ދައްކަވައި، ބުރަ މަސައްކަތްތަކެއް ފާތުމަތު ޖަމީލް ކުރެއްވި އެވެ. އެ މަސައްކަތުގައި އެކި ރަށްރަށަށް ވަރަށް ގިނަ ދަތުރުތަކެއް ކުރައްވައި އަންހެނުންގެ ކޮމިޓީތަކުގެ މަސައްކަތްތައް ބައްލަވައި ހިތްވަރުދެއްވި އެވެ.

އަންހެނުންނަށް އުއްމީދުގެ ހުޅުކޮޅެއް: ޝާހިދު

ފާތިމަތު ޖަމީލްގެ ދެބެންގެދެދަރި ކޮއްކޮއެއް ކަމަށްވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފޭސްބުކުގައި ލިޔުއްވި ގޮތުގައި ދެ ޖިންސުގެ ހަމަހަމަކަމަށް އެތައް ގޮންޖެހުންތަކެއް އޮތް ދުވަސްވަރެއްގައި ފާތިމަތު ޖަމީލް ވެގެންދިޔައީ، ދިވެހި އަންހެނުންނަށް އުއްމީދުގެ ހުޅުކޮޅަކަށެވެ.

ފާތިމަތު ޖަމީލްގެ ދަށުން މަސައްކަތްކުރެއްވި ބޭފުޅަކު ވިދާޅުވީ އޭނާއަކީ ވަރަށް ހިތްވަރުގަދަ ބޭފުޅެއް ކަމަށެވެ. އަދި އެހާމެ ހިންގުންތެރި، މުރާލި ވެރިއެއް ކަމަށް ވެސް ސިފަކުރެއްވި އެވެ.

"މުވައްޒަފުންގެ ލޯބި ހޯއްދެވި އަދި ސާބިތުކަމާ އެކު ބަސްބުނާ ތެދުވެރި ވެރިޔެއް،" އޭނާ ވިދާޅުވި އެވެ.

މުޅި ރާއްޖެ އަށް ދީނީ އިލްމު ފެތުރުއްވި އަދި އެތައް ބައެއްގެ ލޯބި ހޯއްދެވި ލިޔުންތެރިޔާ ޖަމީލް ދީދީގެ ދަރިކަނބަލުން، ވަނީ ބައްޕާފުޅު ފަދައިން އަދަބީ މަސައްކަތް ވެސް ކޮންމެވެސް ވަރަކަށް ކުރައްވައިފަ އެވެ. އެގޮތުން ދިވެހި ބަހާއި އަދަބަށް ހިދުމަތްކުރާ ގައުމީ މަޖިލީހުން އެންމެ ފުރަތަމަ ބޭއްވި މަޒުމޫނު ލިޔުމުގެ މުބާރާތުން، 1984 ގައި އާއްމުންގެ ތެރެއިން އެއް ވަނަ ހޯއްދެވި އެވެ. ލިޔުއްވީ "ރާއްޖޭގެ މުޖުތަމައުން ނައްތާލަންވީ އަހުލާޤީ ބަލިތައް" މި މައުލޫއަށެވެ.

ރައީސް މައުމޫންއާ އެކު ފާތިމަތު ޖަމީލް (ކ-3) އަންހެނުންގެ ހައްގުތަކާ ގުޅޭ ބައްދަލުވުމަކަށް ފަހު ގްރޫޕް ފޮޓޯއެއްގައި.

ފާތިމަތު ޖަމީލުގެ ފިރިކަލުންނަކީ، އިބްރާހިމް ނާސިރުގެ ބޮޑުވަޒީރު ކަމުގައި ވަޒީރުލްއައުޒަމްގެ ނާއިބުކަން އަދި އެމަނިކުފާނުގެ ރައީސް ކަމުގައި ނާއިބް ރައީސްކަން ކުރެއްވި، މަރްހޫމް، އައްނަބީލް ހަސަން ޒަރީރެވެ. އެޑިކޭޝަން މިނިސްޓަރުކަމާއި ޓްރާންސްޕޯޓް މިނިސްޓަރުކަމާއި ޕްރޮވިންޝަލް އެއެއާޒް މިނިސްޓަރުކަން ކުރެއްވި ހަސަން ޒަރީރާއި ފާތިމަތު ޖަމީލަށް ހަތަރު ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ އެޑިއުކޭޝަން މިނިސްޓަރުކަމާއި ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަން ކުރެއްވި ޒާހިޔާގެ އިތުރުން، ޒީނިޔާ ޒަރީރާއި ޒަރާނާ ޒަރީރު އަދި އަހުމަދު ޒަރީރެވެ. ނުވަ މާމަބޭފުޅުންނާއި ހަތަރު މުނި މާމަބޭފުޅުން އެބަ ތިއްބެވި އެވެ.

ފާތުމަތު ޖަލީމްގެ އެއްބަނޑު އެއްބަފާ ބޭފުޅުންގެ ތެރެއިން ފަތުހުﷲ ޖަމީލަކީ ރާއްޖޭގައި އެންމެ ދިގު މުއްދަތެއްގައި ހާރިޖިއްޔާ ހިންގެވި ފޮރިން މިނިސްޓަރެވެ. ރައީސް މައުމޫނުގެ އެންމެ ފުރަތަމަ އެގްޒެކެޓިވް ސެކްރެޓަރީ އަބްދުﷲ ޖަމީލް ވަނީ ހެލްތު މިނިސްޓަރުކަމާއި އެޓޯލްސް މިނިސްޓަރުކަން އަދި ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރައްވައިފަ އެވެ. ކޮއްކޮ އައިމިނަތު ޖަމީލް ވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހެލްތު މިނިސްޓަރުކަން ކުރައްވައިފަ އެވެ. މީގެ އިތުރުން ޖާދުﷲ ޖަމީލް ވެސް ވަނީ ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރައްވައިފަ އެވެ.