އެހެން ގްރޭޑްތަކަށް ވެސް މި ހަފުތާގައި ކިޔަވައިދޭން ފަށަނީ

އެހެން ގްރޭޑްތަކަށް ވެސް މި ހަފުތާގައި ޓީވީ ޗެނަލްތައް މެދުވެރިކޮށް ކިޔަވައިދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.


އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ ފައުންޑޭޝަނުން ފަށައިގެން ގްރޭޑް 8އާ ހަމައަށް، އެކި ޗެނަލްތަކުން ފިލާވަޅުތައް ދައްކައި ކިޔަވައިދޭނެ ކަމަށެވެ. ފައުންޑޭޝަންގެ ދަރިވަރުންނަށް ކިޔަވައިދޭނީ ކުޅިވަރު ހިމެނޭ ހަރަކާތްތަކެކެވެ. އެ ފިލާވަޅުތައް ދައްކާނެ ޗެނަލެއް އަދި ނުނިމެ އެވެ.

އިހުސާން ވިދާޅުވީ ކީ ސްޓޭޖް 1 އަދި 2 (ގްރޭޑު 1-6) ގެ ދަރިވަރުންގެ ފިލާވަޅުތައް ހާއްސަކުރާނީ ލިޓްރަސީ އާއި ނިއުމަރަސީ އަށް ކަމަށެވެ. ކޮންމެ ކީ ސްޓޭޖަކަށް، މުންނާރު ޗެނަލް އިން ހަވީރުު 4-6 އަށް ފިލާވަޅުތައް ދައްކާނެ ކަމަށް ވިދާޅުވި އެވެ.

"ކޮންމެ ކީ ސްޓޭޖަކަށް، ކޮންމެ ދުވަހެއްގެ ހަވީރު އެއްގަޑިއިރު މި އޮތީ ހާއްސަކޮށްފައި. އެ ފިލާވަޅުތައް ދައްކާނެ ދުވަހެއް ފައިނަލެއް ނުވޭ. އެކަމަކު މި ހަފުތާގައި ކިޔަވައިދޭން ފަށާނެ،" އިހުސާން ވިދާޅުވި އެވެ.

ގްރޭޑު 7-8 ގައި ކިޔަވާ ދަރިވަރުންގެ ފިލާވަޅުތައް ދައްކަން ހަމަޖައްސާފައިވަނީ ދިވެހި ޗެނަލް އިންނެވެ. ނަމަވެސް އިހުސާން ވިދާޅުވި ގޮތުގައި، އެ ގްރޭޑުތަކުން ދައްކާނީ ވަކި ހާއްސަ މާއްދާތަކެވެ.

ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް-19 ގެ ސަބަބުން ސްކޫލުތައް ބަންދުކޮށްފައިވާ މުއްދަތު ދިގުލައިގެން ދާތީ އެޑިއުކޭޝަނުން ވަނީ މިދިޔަ ހަފުތާގައި ގްރޭޑް 9-11 ގެ ދަރިވަރުންނަށް ޓެލެކިލާސް މެދުވެރިކޮށް ކިޔަވައިދޭން ފަށައިފަ އެވެ. ގްރޭޑު 9ގެ އާ ފިލާވަޅުތައް މުންނާރު ޗެނަލްއިން، ހެނދުނު 10-12 އަށް އަދި މެންދުރުފަހު 2-3 އަށް ދައްކާނެ އެވެ. މި އަހަރު އޯ ލެވެލް އިމްތިހާނު ހަދާ ދަރިވަރުންގެ އާ ފިލާވަޅުތައް ހެނދުނު 8-10 އިން ޔެސް ޗެނަލް އިން ދައްކާނެ އެވެ.

އިހުސާން ވިދާޅުވީ މީގެ ކުރިން 10 ގެ ދަރިވަރުންނަށް ހާއްސަކުރި ޕެނަލް ޑިސްކަޝަންގައި ވެސް ގްރޭޑް 9ގެ ދަރިވަރުންނަށް ބައިވެރިވެވޭނެ ކަމަށެވެ.