ވައިކަރަދޫގައި ކާމިޔާބުކަމާ އެކު ހަނޑޫ ހައްދައި އެ މަސައްކަތް ފުޅާކުރަނީ

ހދ. ވައިކަރަދޫ ޒުވާނަކު އަޖުމަ ބެލުމަށް ހެއްދި ހަނޑޫ ދަނޑުން ހަނޑޫ ލިބުމުން އެ މަސައްކަތް ފުޅާކުރުމުގެ މަސައްކަތް ފަށައިފި އެވެ.


ވައިކަރަދޫގައި ހުންނަ ހދ. އަތޮޅު މަދަރުސާގެ ޕްރައިމަރީ ޓީޗަރު، އިބްރާހިމް އަޝްރަފް، 2018 ވަނަ އަހަރު އޭނާގެ ގޭ ގޯތިތެރޭ ފަސް ފޫޓް ތަންކޮޅެއްގައި ހަނޑޫ ހެއްދީ އެއީ ކުރެވިދާނެ ކަމެއްތޯ އަޖުމަ ބެލުމުގެ ގޮތުންނެވެ. އޭނާއާ އެކު މަސައްކަތްކުރާ އިންޑިއާ ޓީޗަރަކު މެދުވެރިކޮށް، ތޮއްޓާއެކު ހުންނަ ހަނޑޫ ފުއްތަކެއް ގެނެސް ގޭގައި އިންދީ އެވެ.

ހަނޑޫ ހައްދަން ގެނައި ފުއްތައް އެއް ދުވަސް ވަންދެން ފެނުގައި ފޯކޮށްފައި ބެހެއްޓުމަށް ފަހު ހަންބުރިއެއްގައި އިންދައި ގަސް ފެޅުމުން ބެޑްގައި އިންދީ އެވެ. ހަނޑޫ ހެދޭނީ ފެން ގިނަ ވެލިގަނޑެއްގައި ކަމަށްވާތީ އޭނާ ބެޑް ހެދީ ރަބަރު ގަނޑެއްގެ މައްޗަށް ވެލި އަޅައިގެންނެވެ. އެއީ ވެލިގަނޑުގައި ފެން ހިފެހެއްޓުމުގެ ބޭނުމުގަ އެވެ.

ވައިކަރަދޫގައި އަޝްރަފް ހެއްދި ހަނޑޫ ގަސްތަކުން ލިބުނު ހަނޑޫ-- ފޮޓޯ: އަޝްރަފް

ހުއި ގޮތަށް ހެދޭ ހަނޑޫ ގަސް ތިން މަސް ތެރޭ ފޯދެ އެވެ. އަދި ހަތަރު ވަނަ މަހުގައި ހަނޑޫދޮންވެ ކެނޑޭވަރުވި ކަމަށް އަޝްރަފް ބުންޏެވެ.

"ފަސް ފޫޓްގެ ތަންކޮޅެއްގައި ވިއްޔާ ހެއްދީ. ލިބުނު ދޮޅު ކިލޯއެއްހާ ހަނޑޫ،" ކުޑައިރުންސުރެ ދަނޑުވެރިކަމަށް ޝައުގުވެރިކަން ހުންނަ އަޝްރަފް ބުންޏެވެ.

އެ ލިބުނު ހަނޑޫ އޭނާ ނުއެއް ކައްކަ އެވެ. އެ ބަހައްޓާފައި ހުރީ އެއިން އިތުރު ހަނޑޫ ހައްދާށެވެ.

ކޮރޯނާވައިރަހާ ހެދި ކޮކާބޯތަކެތި ލިބުން ދަތިވެދާނެތީ ރާއްޖޭގައި ދަނޑުވެރިކަން ކުރުން އިތުރު ކުރުމަށް ސަރުކާރުން ވަނީ އިސްނަގައިފަ އެވެ. އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން، ދަނޑުވެރި ވައިކަރަދޫން އިތުރު ބިން ދޫކުރަން ނިންމާފައިވާއިރު އަޝްރަފް މިހާރު މަސައްކަތް ކުރަނީ އެއިން ބިމެއްގައި ތަންކޮޅެއް ގިނައިން ހަނޑޫ ހައްދާށެވެ.

"ދަނޑު ބިން ސާފުކުރުމުގެ މަސައްކަތް މިހާރު މިކުރަނީ. މިފަހަރު ހައްދާނަން 20 ފޫޓް ދިގު 30 ފޫޓް ފުޅާ ވަރުގެ ބިމެއްގައި،" އަޝްރަފް ބުންޏެވެ.

ވައިކަރަދޫގައި އަޝްރަފް ހެއްދި ހަނޑޫ ގަސްތައް ފޯއްދިފައި: އެ ގަސްތަކުން ހަނޑޫ ލިބުނު-- ފޮޓޯ: އަޝްރަފް

އަޝްރަފް ބުނި ގޮތުގައި މިފަހަރު އޭނާގެ މަސައްކަތްކުރާނީ ސީދާ ބިމުގައި ހަނޑޫ ހެއްދުމަށެވެ. ހަނޑޫ ހެއްދޭނީ އަބަދުހެން ތެތްކޮށް އޮންނަ ވެލިގަނޑެއްގައި ކަމަށްވާތީ އެކަން ކުރާނީ މޯޓަރު ބޭނުންކޮށްގެން އަބަދު ވެލިގަނޑަށް ފެން ޖެހޭގޮތް ހަދައިގެން ކަމަށް ވެސް އޭނާ ބުންޏެވެ.

"މިގޮތަށް ކާމިޔާބު ވެއްޖެއްޔާ ދެން ހަމަ ބޮޑުކޮށް ހަނޑޫ ހައްދާނަން،"

އަޝްރަފްގެ އެ މަސައްކަތް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޭނާއަށް އޮންނަނީ މީގެ ފަންސާހަކަށް އަހަރު ކުރިން ބޭރު މީހަކު އެރަށުގައި ހަނޑޫ ހެއްދި ކަމަށް ރަށު މީހުން ބުނާތީ އެވެ. އޭރު އެކަން ކުރީ ފެންދޭއެތިގަނޑުން ފެން ޖަހައިގެން ކަމަށްވާއިރު މިއަދުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކަން މާ ރަނގަޅަށް ކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.

ދިވެހީންގެ ކެއުމުގެ ގޮތުގައި އެންމެ ގިނައިން ބޭނުންކުރާ ކާޑުގެ ބާވަތްތަކަކީ މުޅިންހެން އިމްޕޯޓްކުރާ އެއްޗެކެވެ. އެކަމަށް ދައުލަތުން ބޮޑު ހޭދައެއް ކުރެ އެވެ.