ދުންފަތުގެ ބާވަތްތައް އެތެރެ ކުރި މިންވަރު 35 ޕަސެންޓް މައްޗަށް

މިދިޔަ ފަސް އަހަރަށް ބަލާއިރު، ރާއްޖެ އަށް ދުންފަތް އެތެރެ ކުރި ނިސްބަތް 35 ޕަސެންޓް މައްޗަށް ހިނގައްޖެ އެވެ.


މިއަދު ފާހަގަ ކުރާ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާއްމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 243 މިލިއަން ރުފިޔާގެ، ދުންފަތުގެ ރާއްޖެ ބާވަތްތައް އެތެރެ ކުރި އެވެ. އެއީ މީގެ ފަސް އަހަރު ކުރިން، 2011 ވަނަ އަހަރާ އަޅަައި ބަލާއިރު 35 ޕަސެންޓް އިތުރު މިންވަރެކެވެ. އެ އަހަރު އެތެރެ ކުރި ދުންފަތުގެ ބާވަތްތަކުގެ އަގަކީ 179 މިލިޔަން ރުފިޔާ އެވެ.

މިދިޔަ 10 އަހަރަށް ބަލާއިރު ވެސް ރާއްޖެ އަށް ދުންފަތުގެ ބާވަތްތައް އެތެރެ ކުރި އަދަދު އަހަރުން އަހަރަށް ވަނީ އިތުރުވެފަ އެވެ.

ވޭތުވެ ދިޔަ ފަސް އަހަރު ދުންފަތުގެ ބާވަތްތައް ރާއްޖެ އެތެރެ ކުރި ނިސްބަތް ދައްކުވައިދޭ ޗާޓެއް

ތަފާސްހިސާބުތަކަށް ބަލާއިރު ދުންފަތުގެ ބާވަތްތަކުގެ ތެރެއިން ރާއްޖެ އަށް އަބަދު ވެސް އެންމެ ގިނައިން އެތެރެ ކުރަނީ ސިނގިރޭޓެވެ. އެކަމަކު މިދިޔަ އަހަރު ރެކޯޑު އަދަދަކަށް ސުއްޓާ ވަނީ އެތެރެ ކޮށްފަ އެވެ.

މީގެ ފަސް އަހަރު ކުރިން ކުރި ސާވޭއަކުން ދައްކާ ގޮތުގައި ރާއްޖޭގައި އުމުރުން 25-34 އަހަރުގެ ފިރިހެނުންގެ ގާތްގަނޑަކަށް 38 ޕަސެންޓް މީހުން ދުންފަތުގެ އިސްތިއުމާލު ކުރެ އެވެ. އެ ސާވޭއިން ދައްކާ ގޮތުގައި ޒުވާން އަންހެނުން ދުންފަތުގެ އިސްތިއުމާލު ކުރާ މިންވަރު މަދެވެ. އަންހެނުންގެ ތެރެއިން އެންމެ ގިނައިން އެކަން ކުރަނީ އުމުރުން 55-64 އަހަރުގެ މީހުންނެވެ.

ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަ ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާ ޝިއާރަކީ "ދުންފަތް ހިމެނޭ ތަކެތި ބަންދު ކުރުމުގައި އިޝްތިހާރު ނުވާ ގޮތް ހިޔާރު ކުރަމާ" އެވެ.