ޕީޕީއެމް/އެމްޑީއޭ މެމްބަރުންނާ ރައީސް ޔާމީން ބައްދަލުކުރައްވަނީ

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ޕީޕީއެމާއި އެމްޑީއޭގެ މެމްބަރުންނާ އެކު ރައީސް އަބްދުﷲ ޔާމީންގެ ބައްދަލުވުމެއް މުލިއާގޭގައި ފަށައިގެން މިހާރު ކުރި އަށް އެބަދެ އެވެ.


ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ މަޖިލިސް މެމްބަރުންނާ ރައީސް ބައްދަލުކުރައްވާ ސަބަބެއް އަދި ސާފެއް ނުވެ އެވެ. އެކަމަކު މެމްބަރުންނާ އެ މަނިކުފާނު މި ބައްދަލުކުރައްވަނީ ސަރުކާރުގެ ބައެއް ނިންމުންތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން، މެމްބަރުން ކަންބޮޑުވުން ފާޅު ކުރައްވަމުން ގެންދަވަނިކޮށެވެ.

ހަމައެކަނި ފަގީރުންނަށް ކާޑުގެ ސަބްސިޑީ ދޭ ގޮތަށް ހަމަޖައްސައި ކާޑުގެ ބާވަތްތައް ކުއްލިއަކަށް އަގު ބޮޑު ކުރި މައްސަލާގައި ރައްޔިތުންނަށް ނިކަމެތިކަން ލިބޭނެ ކަމަށް ވިދާޅުވެ ނުރުހުން ފާޅު ކުރައްވައި އެ ނިންމުން ބާތިލު ކުރެއްވުމަށް ބައެއް މެމްބަރުން ވަނީ ގޮވާލައްވައިފަ އެވެ.

މީގެ އިތުރުން އަންނަ ޖެނުއަރީ މަހު ބާއްވާ ކައުންސިލް އިންތިހާބުގެ ކަންކަން ކުރި އަށް ގެންދާނެ ގޮތަކާ ދޭތެރޭ ވެސް މެމްބަރުން ގެންދަވަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.

ރައީސް ޔާމީނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ޕާޓީ ތެރޭގައި ދެ ފެކްޝަން އުފެދިފައިވާ އިރު، ކައުންސިލް އިންތިހާބުގެ ކަންކަން ކުރި އަށް ގެންދާނީ މީގެ ތެރެއިން ކޮން ފެކްޝަނެއް މެދުވެރިކޮށްތޯ ބައެއް މެމްބަރުން ވަނީ ސުވާލު އުފައްދައިފަ އެވެ. ޕާޓީގެ އެތެރޭގައި އުފެދިފައިވާ ކޯޅުމުގެ ނުރަނގަޅު އަސަރު ކައުންސިލް އިންތިހާބަށް ކުރާނެ ކަމަށް މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ކާޑުގެ މައްސަލާގައި މެމްބަރުން ނުރުހުން ފާޅު ކުރެއްވުމުން ރައީސް ޔާމީން ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

ފުވައްމުލަކު ނަރުދަމާ ނިޒާމް ރަސްމީކޮށް އިފުތިތާހު ކުރަން ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ މަޖިލިސް މެމްބަރުން ސަރުކާރުގެ ކަންކަމަށް ފާޑު ވިދާޅުވުމުން ކަންކަން ކުރަން ފަސޭހައެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުގައި "އެތަން މިތަނަށް ގޮސް ސަލާން ޖަހައިގެން ނަމަވެސް" ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ އެދުންތައް ފުއްދައި ދޭށެވެ.

"ކޮންމެ ކަމެއް ކުރީމަ އަޅުގަނޑުމެންގެ ސަފުތަކުން އެ ކަންކަމަށް ފާޑުކިޔުމަކީ އަޅުގަނޑަށް ފަސޭހަ ކަމެއް ނޫން. ކޮންމެ މެންބަރަކު ވެސް މެންބަރަކަށް ވެވަޑައިގަންނަވަންވާނީ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅާގެ މެނިފެސްޓޯ އަށް ތާއީދުކުރާ ކަމަށް ވިދާޅުވެ، ޕާޓީގެ ސުލޫކަށް ތާއީދުކުރާ ބޭފުޅަކަށް ރައްޔިތުންގެ އިތުބާރު ލިބިގެން،" ރައީސް ޔާމީން ވިދާޅުވި އެވެ.