ޝަމީމްގެ ކިޔެވުން، އެންމެންގެ ހިތް އަތުލައިފި

މި ދުވަސްވަރު މުޅި ސޯޝަލް މީޑިއާ ފުރާލާފައިވަނީ އެކި ރާގުރާގަށް ކިޔާފައިވާ ގުރުއާންގެ އާޔަތްތަކުންނެވެ. ކުޑަކުދިން ފެށިގެން ސިޔާސީ ބޭފުޅުން ވެސް ގެންދަވަނީ ފޯރީގައި އެ ޗެލެންޖުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. ނަމަވެސް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ފެއްޓެވި އެ ހަރަކާތުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެކަކަކީ، ޝަހީމްއާ އާއިލީގޮތުން ތިމާގެ މުހައްމަދު ޝަމީމްގެ ކިޔެވުމަށެވެ.


ގއ. މާމެންދުއަށް އުފަން ޝަމީމް، 36، އާލް އިމްރާން ސޫރަތް ކިޔަވާފައިވާ ވީޑިއޯއެއް މިދިޔަ ހޮނިހިރު ދުވަހު ފޭސްބުކްގައި ހިއްސާކުރިއިރު، އެ ވީޑިއޯއަށް މިހާތަނަށް 2،300 އަށްވުރެ ގިނަ ރިއެކްޓް ލިބިފައިވެ އެވެ. ޝެއާ ކުރި މީހުންގެ އަދަދު 1،400 ގައި އުޅޭއިރު 700 އަށްވުރެ ގިނަ މީހުން އެ ވީޑިއޯއަށް ކޮމެންޓު ކޮށްފައި ވެ އެވެ. ވީޑިއޯ ބެލި މީހުންގެ އަދަދު 37،000 އަށް އަރަ އެވެ.

އާއްމުންގެ މެދުގައި އެ ވީޑިއޯއަށް އެހާ ބޮޑު މަގުބޫލުކަމެއް ލިބުނީ، މަސްޖިދުލް ހަރާމް އާއި މަސްޖިދުލް ނަބަވީގެ ކަންކަން ބަލަހައްޓާ އޮފީހުގެ ރައީސް، ޝެއިޚް އަބްދުއްރަހުމާން ސުދައިސް ގުރުއާން ވިދާޅުވާ ރާގާ ވައްތަރު ރާގެއްގައި ކިޔެވުމުންނެވެ. އާއްމުގޮތެއްގައި ކިޔަވަން އުނދަގޫ އެ ރާގާ ވައްތަރު ރާގެއްގައި ކިޔެވުމުން ޝަމީމްގެ ވީޑިއޯއަކީ އަސްލެއް ކަމަށް ވެސް، އެ ވީޑިއޯގައި ކޮމެންޓުކުރި ބައެއް މީހުން ސުވާލު އުފެއްދި އެވެ.

"ބައެއް މީހުން އެހި ލިޕް ސިންކް ކޮށްފަ ހެއްޔޭ. އެއީ ހަމަ އަޅުގަނޑު އަމިއްލައަށް ކިޔަވަމުން ވީޑިއޯކޮށްފައި،" ޝަމީމް ބުންޏެވެ.

ތިން ދަރިންނަށް ކިޔަވައިދޭން މީގެ ދެ އަހަރުކުރިން ސ. ހިތަދުއަށް ބަދަލުވި ޝަމީމް "މިހާރު" އަށް ބުނީ އޭނާ އުޅެ ބޮޑުވީ ގުރުއާން އިލްމުގެ ތެރޭގައި ކަމަށެވެ. އޭނާގެ މަންމައަކީ ރަށުގައި ކުޑަ ކުދިންނަށް ކިޔަވައިދީ އުޅުނު މީހަކަށް ވުމުން، ގުރުއާނަށް އޭނާ ހާއްސަ ލޯތްބެއް ޖެހުނެވެ. ފަހުން ޝަމީމް ވެސް ގެއަށް ކުދިން ގެނެސް ކިޔަވައިދީފައި ވެ އެވެ.

އޭނާގެ ދޮށީ ދަރިފުޅު، އަހުމަދު އާނިސް ޝަމީމް، 11، ވެސް އަންނަނީ ހިތްގައިމު، ތަފާތު އެކި ރާގަށް ގުރުއާން ކިޔަވަމުންނެވެ.

"އަޅުގަނޑު ނުކިޔަވާ ރާގު ރާގަށް ވެސް ދަރިފުޅު ކިޔަވާނެ ގުރުއާން. މުބާރާތްތަކުގައި ބައިވެރިވެ ވަނަތައް ވެސް ލިބިފައި އެބަހުރި،" ޝަމީމް ބުންޏެވެ.

ގުރުއާނަށް ހާއްސަ ލޯތްބެއް ހުއްޓަސް އޭނާގެ ރަސްމީ ވަޒީފާއަކީ މިފްކޯގެ ހުޅުމީދޫ ފިޝަރިޒް ކޮމްޕްލެކްސްގެ ހިއުމަން ރިސޯސަސް އެސިސްޓެންޓް މެނޭޖަރުގެ މަގާމެވެ. އެކަމަކު 2011 ވަނަ އަހަރުން ފެށިގެން ޝަމީމް އަންނަނީ އިމާމުގެ ހުކުރު ނަމާދު ވެސް ކުރަމުންނެވެ. ހުކުރު ކުރާއިރަށް އޭނާއަށް ގިނައިން ކިޔެވެނީ ސުދެއިސް ކިޔަވާ ވިދާޅުވާ ރާގާ ވައްތަރު ރާގަކަށެވެ. ނަމަވެސް ސުދެއިސްގެ ކިޔެވުން ފަރިތަކުރަން އޭނާގެ ވީޑިއޯ ބެލުމަކީ ޝަމީމް ކުރާ ކަމެއް ނޫނެވެ.

މިދިޔަ ރޯދަ މަހު މައްކާގައި މަޑުކުރި 20 ދުވަހުގެ ތެރޭގައި އޭނާއަށް ވަނީ ސުދެއިސްގެ ކިޔެވުން ވަރަށް ރަނގަޅަށް ނަގައިގަނެވިފަ އެވެ. އެހެންވެ މިހާރު ކިޔަވާއިރު އެކަން ވަރަށް ރަނގަޅަށް ހަނދާނުގައި ހުންނަކަމަށް ބުންޏެވެ.

"ސުދެއިސްގެ ކިޔެވުންތައް އަޑުއަހައި އެގޮތަށް ދަސްކުރާކަށް ނޫޅެން. އުމްރާއަށް ގޮސް ހުއްޓައި ސުދެއިސްގެ އަޑު އިވުނީމަ ވަރަށް ރަނގަޅަށް ނަގައިގަނެވުނު އެ ގުރުއާން ކިޔަވާ ގޮތް. އެހެންވެ މިހާރު ވެސް ކިޔަވާއިރަށް އެކަން ހަނދާނުގައި ހުންނަނީ،" ޝަމީމް ބުންޏެވެ.

ދިގު ރާގަށާއި ތަފާތު ރާގަށް އޭނާއަށް ކިޔަވަން ދަސްވީ ގްރޭޑު އަށަކަށް މާލެ ބަދަލުވެ، އޭރު ގުޅުނު ގުރުއާން ކްލާހުގެ ސަބަބުންނެވެ. ޝަމީމަށް ކިޔަވައިދިނީ، ރާއްޖެއިން ބޭރުން ގާރީ ކޯސް ފުރިހަމަކޮށްގެން އޭރު ރާއްޖޭގައި ތިބި މީހުންގެ ތެރެއިން އެންމެ ރީތިކޮށް ގުރުއާން ކިޔެވި އެކަކެވެ. އޭނާ އެތަނުން ދިޔުމުން، ގުރުއާން ކްލާސް ހިންގުމުގައި އިސްކޮށް އުޅުނީ ޝަމީމެވެ.

"ޝަކީބް ސޯ ދިޔައީމަ އަޅުގަނޑު އިސްކޮށް އުޅުނީ. ދެން އެމްއީއެސް އެސެމްބްލީގައި ގުރުއާން ކިޔަވާ ކުދިންނާއި މުބާރާތްތަކުގައި ބައިވެރިވާ ކުދިން ގެނެސް އެ ކުދިންނަށް ދަސްކޮށްދިނީ،" ޝަމީމް ބުންޏެވެ.

ރަށުގައި އުޅުނުއިރު ބޭއްވި އަތޮޅު ގުރުއާން މުބާރާތުން، ހިތުންނާއި ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއްވަނަ ހޯދައިގެން ގައުމީ ގުރުއާން މުބާރާތުގައި ވެސް އޭނާ ވާދަކުރި އެވެ. ނަމަވެސް ރީތި ރާގަކަށް ނުކިޔެވޭތީ އޭރު ވަނައެއް ނުލިބެ އެވެ.