ޔޫކޭގައި އުޅޭ ދިވެއްސަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެއްޖެ

އިނގިރޭސި ވިލާތުގައި ދިރިއުޅޭ ދިވެއްސަކު އަނެއްކާވެސް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ އެވެ.


އެ ގައުމުގައި އުޅޭ ދިވެހި ދެމަފިރިއަކު މީގެ ކުރިން ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވެ އެވެ. ނަމަވެސް އަލަށް ޕޮޒިޓިވްވި މީހާއާ ބެހޭ އިތުރު މައުލޫމާތެއް ނުލިބެ އެވެ.

އިނގިރޭސި ވިލާތުގައި އަލަށް ޕޮޒިޓިވްވި މީހާގެ ޓެސްޓުގެ ނަތީޖާ ލިބުނީ އިއްޔެ ކަމަށް، މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ޔަގީންކޮށްދިނެވެ. އެއީ ޔޫކޭގެ ސިއްހީ ދާއިރާގައި ވަޒީފާ އަދާކުރާ އަންހެނެކެވެ.

އެންމެ ފުރަތަމަ މި ޚަބަރު ޝާއިއުކުރި އިރު، އަލަށް ދެ ދިވެއްސަކު ޕޮޒިޓިވްވި ކަމަށް ލިޔެފައި އޮތަސް އެއީ މައުލޫމާތުގެ ކުށެކެވެ.

އިނގިރޭސި ވިލާތުގައި އެންމެ ފުރަތަމަ ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ މައުލޫމާތު ސަރުކާރަށް ރަސްމީކޮށް ލިބިފައި ނެތް ކަމަށް ކުރިން ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާގެ ވޫހާންގައި ފެތުރެން ފެށި ކޮރޯނާވައިރަސް މިހާރު އެންމެ ބާރަށް ފެތުރޭ ގައުމުތަކުގެ ތެރޭގައި އިނގިރޭސި ވިލާތް ހިމެނެ އެވެ. ރާއްޖޭގައި މިހާރު ޕޮޒިޓިވްވެފައި ތިބި ހަތަރު މީހުންނަކީ ވެސް އިނގިރޭސި ވިލާތުން އައި ދިވެހިންނެވެ. ރާއްޖެ އައި ޓޫރިސްޓުންނާއި ރިސޯޓްތަކުގެ ބިދޭސީ މުވައްޒަފުންގެ ތެރެއިން މި ވައިރަހަށް ޕޮޒިޓިވްވި 13 މީހަކު މިހާރު ވަނީ ރަނގަޅުވެފަ އެވެ. ޕޮޒިޓިވްވި ދެ ޓޫރިސްޓަކު ވަނީ އެކަން އެނގުމުގެ ކުރިން ރާއްޖޭން ފުރައިގެން ގޮސްފަ އެވެ.

އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވެސް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ ހާލުކޮޅު ގޯސްވެގެން މިހާރު އަންނަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ. އެ ގައުމުން މިހާތަނަށް 60،700 އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ އޭގެ ތެރެއިން 7،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ވައިރަސް ކޮންޓްރޯލްކުރަން އިނގިރޭސި ވިލާތުން ވެސް ހަރުކަށި ފިޔަވަޅުތައް އަޅައި މީހުން ބޭރުގައި އުޅުން ކޮންޓްރޯލްކުރީ ހާލަތު ވަރަށް ގޯސްވި ފަހުންނެވެ.

މުޅި ދުނިޔެއިން މިހާތަނަށް 1.5 މިލިއަނަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 88،400 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން 330،000 އަށް ވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފަ އެވެ.