ކަރަންޓީނުގައި ހުރި ކުއްޖަކު ޖަނާޒާއަށް ގެނައި ގެނައުން ސަރުކާރުން ދިފާއުކޮށްފި

ކަރަންޓީން ފެސިލިޓީއެެއް ކަމަށް ވާ އެެނބޫދޫ ވިލެޖްގައި ހުރި ކުއްޖެއްގެ ކާފަގެ ޖަނާޒާއަށް އޭނާ މާލެ ގެނައި ގެނައުން، ސަރުކާރުން ރޭ ދިފާއުކޮށްފި އެވެ.


ކޮރޯނާވައިރަސްގެ ކަންކަމާ ގުޅޭ ގޮތުން ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ އެ ކުއްޖާ މާލެ ގެނައީ "ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަަޅައިގެން" ކަމަށެވެ.

ކަރަންޓީންގައި ތިބޭ އެއްވެސް މީހަކު އާންމުންގެ ތެރެއަށް ނުކުމެ އުޅުމަކީ، ނުވަތަ ނެރެހެދުމަކީ، ނުރައްކާ އޮތް މައްސަލައެކެވެ. މާލޭގައި އޮތް ޖަނާޒާއަކަށް އޭގެ ތެރެއިން އެކަކު ގެނައި މައްސަލައާ ބެހޭ ގޮތުން މަބްރޫކަށް ނޫސްވެރިޔަކު ސުވާލުކުރީ އިއްޔެ ރެ އެވެ. އަދި ކަންވީ ގޮތް އޮޅުންފިލުއްވުމަށް ފަހު ރޭ އޭނާ ވިދާޅުވީ "ޖަނާޒާއަށް ގެނައި ކުއްޖާ އަމަލުކުރާނެ ވަކި ގޮތްތަކެއްގެ އިރުޝާދު ހެލްތު ޕްރޮޓެކްޝަން އެެޖެންސީން ދިން" ކަމަށެވެ. އަދި އޭނާ "އަމަލުކުރީ އެ އިރުޝާދުތަކާ އެއްގޮތަށް" ކަަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

"ސޯޝަލް ޑިސްޓެންސިން، ގައިދުރުކުރުމަށާއި އަދި ކަށުނަމާދު ކުރުމުގައި ވަކިން އެކުއްޖާ ހުރުމަށް، އެހެން މީހުންނާ ވަކިން ހުރެ ކަށުނަމާދުކުރާ ގޮތަށް އެކުއްޖާއަށް އިރުޝާދު ދެވިފައި ވަނީ. އަދި އެކަން ކުރެވިފައި ވަނީ ވެސް ހަމަ އެގޮތަށް،" ތަފުސީލު ދެއްވަމުން މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާތް މީހަކު މަރުވުން ފަދަ ބޮޑެތި ކަންތައްތަކުގައި ކަރަންޓީނު ފެސިލިޓީތަކުންނާއި ބަންދުކޮށްފައިވާ ރިސޯޓްތަކުން މީހުން މާލެ އާދެވޭނެ ގޮތް ހަދައިދިނުމަކީ ކުރިއްސުރެ އޮތް އިންތިޒާމެކެވެ.

އެކަމަކު ކަރަންޓީންގައި ބައިތިއްބަން ޖެހެނީ ކޮންމެ ވަގުތަކު ވެސް ކޮރޯނާވައިރަސްގެ ނުރައްކާ އަތުވެދާނެތީ، ވަކި މުއްދަތަކަށް އާންމުންނާ ދުރުކުރުވުމަށެވެ. ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރި އަދި އެންމެ ގިނަ އަދަދަކަށް މީހުން މަރުވަމުން އަންނަ ގައުމުތަކުގައި ޖަނާޒާ ބާއްވަނީ އާންމުން ބައިވެރިވުމެއް ނެތި އެވެ.

ކޮރޯނާވައިރަސް އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވް ވީ އިނގިރޭސި ވިލާތުން އައިސް ކަރަންޓީންގައި ތިބި ހަތަރު މީހެކެވެ.

ޖަނާޒާއަށް މާލެ ގެނައި ކުއްޖާ އަނބުރާ ގެންދިޔަ އިރު، އެމްއެންޑީއެފްގެ ޓީމަށް އޮޅުމެއް އަރައިގެން އޭނާ ފުރަތަމަ ބޭލުނީ އެނބޫދޫ ފިނޮޅު ރިޒޯޓަށެވެ.

އެކަމަކު މަބްރޫކް ވިދާޅުވީ އެ ރިސޯޓުގެ އެއްވެސް މީހަކާ އޭނާ ކޮންޓެކްޓް ވެފައި ނުވާ ކަަމަށެވެ. އަދި ބަނދަރު މަތީގައި 15 ވަރަަކަށް މިނެޓް ވަންދެން މަޑުކުރި ފަހުން އޭނާ އެނބޫދޫ ވިލެޖަށް ގެންދިޔައީ އެވެ.

"(އޭނާ) ވާހަކަ ދެއްކި ސެކިއުރިޓީ މީހަކާ ވާހަކަ ދައްކާފައި ވަނީ ހަމަ ދުރުގައި ހުރެގެން،" މަބްރޫކް ވިދާޅުވި އެވެ.

އެކި ގައުމުތަކުން ރާއްޖެ އައި ގިނަ އަދަދެއްގެ ދިވެހިން މިހާރު ވަނީ އެކި ތަންތަނުގައި ކަރަންޓީންކޮށްފަ އެވެ.

މަބްރޫކް ވިދާޅުވީ ކަރަންޓީންގެ މުއްދަތު ހަމަވެގެން މިހާތަނަށް 325 މީހުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި އިތުރު 200 މީހަކު ދޫކޮށްލަން މިހާރު އަންނަނީ ތައްޔާރުވަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.