ޖުޑިޝަރީ ކޮމިޓީގެ ފާޑުކިޔުން ސުޕްރީމް ކޯޓާއި ޖޭއެސްސީ އަށް

ކޮވިޑް-19 އާ ގުޅިގެން ކޯޓުތަކުން އަމަލުކުރަންޖެހޭ ގޮތްތަކާ ބެހޭގޮތުން ސުޕްރީމް ކޯޓުން ނެރެފައިވާ ސާކިއުލާއާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މެމްބަރުންގެ ފާޑުކިޔުން ސުޕްރީމް ކޯޓާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިއަދު އަމާޒުވެއްޖެ އެވެ.


ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް މިދިޔަ މަހުގެ 12 ގައި އިއުލާން ކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތާ ގުޅިގެން ސުޕްރީމް ކޯޓުން ކުރިން ވަނީ އެ މުއްދަތުގައި ކޯޓުތަކުން އަމަލު ކުރަންޖެހޭ ގޮތްތައް އަންގައި ސާކިއުލާއެއް ނެރެފަ އެވެ. އަދި އެ އެންގުމާ ގުޅިގެން ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތައް ހުއްޓަސް، އެކަމުގައި ކޯޓުތަކުގެ މިނިވަން ކަމަށް އަސަރު ކުރާނެ ކަމެއް ނެތް ކަމަށް ޖޭއެސްސީން ވެސް އޮތީ ބުނެފަ އެވެ.

އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ އަދިވެސް ފެންނަނީ ކުރިއެކޭ އެއްގޮތަށް އެހެން ކޯޓުތަކުގެ މައްޗަށް ސުޕްރީމް ކޯޓުން ބާރު ހިންގައި، އެންގުންތައް އަންގަމުންދާ މަންޒަރު ކަމަށާއި އެ ބާރު ސުޕްރީމް ކޯޓަކަށް ނޯންނާނެ ކަމަށެވެ. އަދި މިފަދަ ކަމެއް ހިނގަމުން ދާއިރު ލޯ މަރާލައިގެން ނުތިބެވޭނެ ކަމަށް ވިދާޅުވެ، ޖޭއެސްސީއަށް ވެސް ހަސަން ފާޑު ވިދާޅުވި އެވެ.

"ޖުޑީޝަލް ސާވިސް ކޮޮމިޝަނަށް ދަންނަވަން ކިހިނެތްތޯ ތި ހައްދަވަނީ ތިތާނގައި ތިއްބަވައިގެން. ސުޕްރީމް ކޯޓުން އަމުރުތަކާއި އެއްޗެހި ނެރެގެން، އިރުޝާދުތަކާ އެއްޗެހި ނެރެގެން ސާކިއުލާއެއްގެ ގޮތުގައި ހުރިހާ ކޯޓަކަށް ނުފޫޒު ފޯރުވަމުން ދާއިރު އެ ބޭފުޅުން އެ ތާނގައި އެ ތިއްބަވަނީ ކީއްކުރަންތޯ؟،" އެމްޑީޕީގެ ޗެއާޕާސަން ހަސަން ސުވާލު އުފެއްދެވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބެވީ ވަރަށް ނަޒާހަތްތެރި ކަމަށް ގަބޫލު ކުރެވޭ ބޭފުޅުންތަކެކެވެ. އެކަމަކު އެހެން ކޯޓުތަކުގެ މައްޗަށް އެންގުންތައް އެންގޭނެ ކަމަށް އެ ބޭފުޅުންނަށް ގަބޫލު ކުރެއްވޭތީ އެއީ މިހާރު ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ހަސަން ވިދާޅުވި އެވެ. އެހެންވެ، އެކަމުގައި ޖޭއެސްސީން ގޮތެއް ނިންމައިދޭން އެދުމަށް ހުށަހެޅުއްވި އެވެ. އަދި ޖޭއެސްސީގެ ނިންމުމާ މެދު ފަހުން ކޮމިޓީން އިތުރު ގޮތެއް ނިންމަން ޖެހިއްޖެ ނަމަ، އެ ކަމެއްގައި ގޮތެއް ނިންމޭނެ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

"ޖުޑީޝަލް ސާވިސް ކޮޮމިޝަނަށް ދަންނަވަން ކިހިނެތްތޯ ތި ހައްދަވަނީ ތިތާނގައި ތިއްބަވައިގެން. ސުޕްރީމް ކޯޓުން އަމުރުތަކާއި އެއްޗެހި ނެރެގެން، އިރުޝާދުތަކާ އެއްޗެހި ނެރެގެން ސާކިއުލާއެއްގެ ގޮތުގައި ހުރިހާ ކޯޓަކަށް ނުފޫޒު ފޯރުވަމުން ދާއިރު އެ ބޭފުޅުން އެ ތާނގައި އެ ތިއްބަވަނީ ކީއްކުރަންތޯ؟،" އެމްޑީޕީގެ ޗެއާޕާސަން ހަސަން

އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި، މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ސުޕްރީމް ކޯޓުގެ ސާކިއުލާއާ މެދު ޖޭއެސްސީން ދެކޭ ގޮތް ކުރިން ހާމަ ކޮށްފައިވާ ކަމަށާއި އެކަމަކު އެ ނިންމުމާ މެދު ކޮމިޓީން ހިތްހަމަނުޖެހޭ ނަމަ، އެކަން އަލުން ބަލައިދޭން ޖޭއެސްސީގައި އަލުން ކޮމިޓީ އަށް އެދެވިދާނެ ކަމަށް ވެސް އިންތި ވިދާޅުވި އެވެ.

ފޭދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނިހާދު ވެސް ވިދާޅުވީ އެހެން ކޯޓުތަކުގެ މައްޗަށް ބާރު ހިންގޭ ގޮތަށް ގާނޫނެއް ފަދަ އެއްޗެއް ސުޕްރީމް ކޯޓުން ނެރުމަކީ ޖޭއެސްސީން ބަލަންޖެހޭ ކަމެއް ކަމަށެވެ. އަދި އެ ނިންމުން ރަނގަޅު ކަމަށް ޖޭއެސްސީން ބުނެފައި ވިޔަސް، ސުޕްރީމް ކޯޓަށް ފެންނަހާ ގޮތަކަށް ހުރިހާ ކަމެއް ކުރަން ފުރުސަތު ދޭންވީތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

"ގައިޑްލައިން ނެރެގެން ކަންތައްތައް ކުރާ އުސޫލުން އެ ބާރުވެރިކަން ސުޕްރީމް ކޯޓަށް ދީގެން، ދިވެހިރާއްޖޭގައި ގާނޫނީ އިމުގެ ތެރެއިން ހިންގަންޖެހޭ ކަންކަން ނުހިންގައި، ސުޕްރީމް ކޯޓުގެ ގާނޫނެއް ނޫނީ ސުޕްރީމް ކޯޓުން ނިންމާ ނިންމެވުމެއްގެ ތެރެއިން މިކަންތައްތައް ކުރެވޭނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ދެކިލައްވަނީތޯ،" ނިހާދު ވިދާޅުވި އެވެ.

މެމްބަރު ހަސަންގެ އެ ހުށަހެޅުއްވުމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ތާއީދު ކުރެއްވި އެވެ. އެ ހުށަހެޅުމަށް ކޮމިޓީގައި ވޯޓަށް އެހުމުން އެ ހުށަހެޅުން ފާސްވީ ހާޒިރުވި ހަތް މެމްބަރުންގެ އިއްތިފާގުންނެވެ.