ހުރިހާ ގްރޭޑްތަކަށް "ޓެލިކިލާސް" މެދުވެރިކޮށް ކިޔަވައިދޭން ފަށަނީ

ކީ ސްޓޭޖު 1 އަދި 2 ގައި ހިމެނޭ ގްރޭޑް 1-6 އަށް ވެސް އަންނަ އާދިއްތަ ދުވަހުން ފެށިގެން ޓެލިކިލާސް މެދުވެރިކޮށް، ކިޔަވައިދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިރޭ ވިދާޅުވެއްޖެ އެވެ.


ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި މީޑިއާ ބްރީފިންގައި މިނިސްޓަރު އާއިޝާ ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން ސްކޫލުތައް ބަންދުކުރުމަށް ފަހު، އެންމެ ބޮޑު ސަމާލުކަމެއް ދިނީ މި އަހަރު އޯ ލެވެލް އަދި ގްރޭޑު 11ގެ ފަހު އިމްތިހާނު ހަދާ ދަރިވަރުންނަށް ކިޔަވައިދިނުމަށް ކަމަށެވެ.

އެ ގްރޭޑުތަކަށް ހާއްސަ ކޮށްގެން ޓީވީ ޗެނަލްތައް މެދުވެރިކޮށް، ޓެލިކިލާސް ފަށައި ޓީޗަރުންނާ ވާހަކަ ދައްކައި ފިލާވަޅުތައް އޮޅުން ފިލުވުމަށް ގޫގުލް ކްލާސްރޫމް ބޭނުންކުރަން ފެށި ކަމަށް ވިދާޅުވި އެވެ.

ގްރޭޑު 7-11 ގެ ދަރިވަރުންނަށް މިހާރު ވެސް ޓެލެކިލާސް މެދުވެރިކޮށް ކިޔަވައިދެ އެވެ. ނަމަވެސް އެ ގްރޭޑްތަކުގެ އިތުރުން އަންނަ އާދިއްތަ ދުވަހު، ކީ ސްޓޭޖު 1 އަދި 2 ގައި ހިމެނޭ ގްރޭޑް 1-6 އާ ދެމެދުގެ ކްލާސްތަކުގެ ދަރިވަރުންނަށް އެ ވަސީލަތް މެދުވެރިކޮށް ކިޔަވައިދޭން ފަށާނެ ކަމަށް މިނިސްޓަރު މިރޭ ވިދާޅުވި އެވެ.

ފައުންޑޭޝަންގެ ކްލާސްތަކުގެ ގޮތުގައި ބަލާ އެލްކޭޖީ އާއި ޔޫކޭޖީގެ ދަރިވަރުންނަށް ވެސް އާދިއްތަ ދުވަހުން ފެށިގެން ކިޔަވައިދޭނެ އެވެ. ނަމަވެސް އެ ކުދިންނަށް ކިޔަވައިދޭނީ ކުޅިވަރު ހިމެނޭ ހަރަކާތްތަކެވެ. އެއީ އެ ކްލާސްތަކުގެ ކުދިންނަށް ގޭގައި ބެލެނިވެރިންނާ އެކު ކުރިއަށް ގެންދެވިދާނެ ހަރަކާތްތަކެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެއީ ކޮންމެހެން ފިލާވަޅެއް ނޫން. އެކަމަކު ކުދިން މަސްއޫލު ކޮށްގެން ގެންގުޅެން ބެެލެނިވެރިންނަށް ކުރެވިދާނެ ބައެއް ހަރަކާތްތައް ރާވާލާފައި ހުންނާނީ،" އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ހަތަރު ވަނަ ހަފުތާއަކަށް ސަރުކާރުގެ އޮފީސްތަކާއި ސްކޫލުތަކާއި ޔުނިވާސިޓީ އަދި ކޮލެޖުތައް ވަނީ ބަންދުކޮށްފަ އެވެ. އެހެންވެ، އަންނަ ހަފުތާގައި ވެސް ސްކޫލްތަކުގައި ކިޔަވައެއް ނުދޭނެ އެވެ.

މިނިސްޓަރު ވިދާޅުވީ، ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ތަފާތު ފިޔަވަޅުތައް އަޅަން ހެލްތު މިނިސްޓްރީން ތައްޔާރުވާން ފެށިއިރު އެޑިއުކޭޝަން އިމަޖެންސީ ޕްލޭނެއް ހަދަން ފެށި ކަމަށެވެ. އެކި އެލާޓް ލެވެލްތަކުގައި އަމަލުކުރާނެ ގޮތް ކަނޑައަޅައި އޭރު ކޮވިޑް-19 ގެ ބަލިމަޑުކަން އޮތް ގައުމުތައް ބަލައި އެ ގައުމުތަކުގެ ތަޖުރިބާ ބެލި ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެކަމުން އެންމެ ރަނގަޅު ކަމަށް ފެނުނީ ޓީވީ އަދި އިންޓަނެޓުގެ ވަސީލަތްތައް މެދުވެރިކޮށް ފިލާވަޅު ނަގައިދިނުމެވެ.

ޓެލިކިލާސް މެދުވެރިކޮށް ކިޔަވައިދޭއިރު، ދަރިވަރުންގެ ކިޔެވުން މޮނީޓާ ކުރެވޭނެ ގޮތްތައް މިނިސްޓްރީން އަންނަނީ ބަލަމުންނެވެ. އެގޮތުން ކިޔެވުން މޮނީޓާކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރެވެމުން އަންނަކަން ފާހަގަކުރެއްވި އެވެ.