އަމިއްލަ ވެރިކަމެއް ދިފާއު ކުރުމަކީ ސިފައިންގެ އެންމެ ވަރުގަދަ ޒިންމާ: ރައީސް

އަމިއްލަ ވެރިކަމެއް ދިފާއު ކުރުމާއި ހިމާޔަތް ކުރުމަކީ ސިފައިންގެ މައްޗަށް ގާނޫނުއަސާސީން މަތިކުރާ އެންމެ ވަރުގަދަ ޒިންމާ އާއި މަސްއޫލިއްޔަތު އަދި އަމާނާތް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.


ސިފައިންގެ 62 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަރިވަރުން، ސިފައިންގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަމިއްލަ ވެރިކަމެއް ދިފާއު ކުރުމަކީ ގައުމުގެ ސިޔާދަތު ހިމާޔަތްކޮށް، އަދާވާތްތެރިންގެ މައްޗަށް ގަދަވެ، އެމީހުންގެ ފަރާތުން ގައުމު ދިފާއު ކުރުން ކަމަށެވެ.

ސިފައިންގެ 62 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަރިވަރުން ހުވާކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން (މ) އަދި ޑިފެންސް މިނިސްޓަރު އާދަމް (ވ-2) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ސިފައިންގެ އެންމެ މަތީވެރިޔާ ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި ސިފައިންގެ އެންމެ އިސް ވާޖިބަކަށް ވާން ވާނީ އިސްލާމްދީން ދިފާއު ކުރުމެވެ. ގައުމާއި ވަތަން އަދި ދީނުގެ ދިފާއުގައި އެމީހެއްގެ ނަފުސާއި ހަށިގަނޑު ގުރުބާން ކުރުމަށް ވުރެ މަތިވެރި ގައުމީ ވާޖިބަކާއި މަސްއޫލިއްޔަތެއް ސިފައިންނަށް ނޯންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ސިފައިންގެ 62 ވަނަ އަސާސީ ތަމްރީން ކޯހުގެ ބައެއް ދަރިވަރުން، ސިފައިންގެ ހުވާ މިއަދު ކުރަނީ.-- ފޮޓޯ: ރައީސް އޮފީސް

ބަންޑާރަކޮށީގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ ސިފައިންނަކީ، ސިފައިންގެ ތެރޭގައި އޮންނަ ކޯޑް އޮފް އެތިކްސް އާއި ކޮމާންޑަރުން ދޭ އަމުރުތަކަށް ފުރިހަމައަށް ކިޔަމަންތެރިވާންޖެހޭ ބައެއް ކަމަށެވެ. އަދި ސިފައިންނަކީ ހާއްސަ އަހުލާގަކާއި ހާއްސަ ސިފަތަކެއް ހިމެނޭ ބަޔަކަށް ވުމުން ގާނޫނުއަސާސީގައި އެމީހުންގެ މައްޗަށް މަތިކުރާ ވަރުގަދަ ޒިންމާތަކެއް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ކޯސް ފުރިހަމަކުރި ދަރިވަރުންނަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދެވެ.