ނުފޫޒުން ޖާގަ ހޯދައިދިނުމަކީ މުޑުދާރު، ހަޑި އަމަލެއް: މަބްރޫކް

ރާއްޖެ އިން ބޭރުގައި ތިބި ދިވެހިން އަނބުރާ ރާއްޖެ ގެންނަން ބާއްވާ ފްލައިޓްތަކުން، ސަރުކާރުގެ އެކި މަގާމްތަކުގައި ތިބި މީހުންގެ އާއިލާތަކާއި ގާތް މީހުންނަށް ޖާގަ ހަމަޖައްސައިދިނުމަކީ މި ވަގުތުގެ ހައްސާސް ކަމަށް ބަލާއިރު ވެސް "މުޑުދާރު، ހަޑި އަމަލެއް" ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިރޭ ވިދާޅުވެއްޖެ އެވެ.


އޭނާ ވިދާޅުވީ ބޭރުގައި ތިބި ދިވެހިން ގެނައުމުގައި އުސޫލްތަކެއް އެކުލަވާލައި އަމަލުކުރަން ހަމަޖެއްސުމުގައި ސަރުކާރުގެ ނިޔަތަކީ ވަކި ބަޔަކަށް ވަކި އިސްކަމެއް ދީ ތަފާތުކުރަން ނޫން ކަމަށެވެ. ބޭރުން މީހުން ގެންނަ ފްލައިޓެއްގައި، އާއްމުން ތުހުމަތުކުރާ ގޮތަށް މީހަކު އިނުން އެކަށީގެންވާ ކަމަށާއި އެކަމަކު އުސޫލްތައް ކަނޑައަޅައި ބަޔާންކުރުމުން އަމަލުކުރަން ޖެހޭނީ އެ އުސޫލަށް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސާފުކޮށްދޭން ބޭނުންވަނީ، އަދި ވަކިން މިކަހަލަ ހާލަތެއްގައި ނުފޫޒެއް ބާރެއް ބޭނުންކޮށްގެން އެއީ ސަރުކާރުގެ ތެރެއިން ކަމަށް ވިޔަސް އަމިއްލަ ވިޔަފާރިއެއްގެ ނުފޫޒެއް ވިޔަސް، އެގޮތަށް މި ކަހަލަ ހައްސާސް ވަގުތެއްގައި ވަކި ގޮތަކަށް ތިމާ ދަންނަ މީހަކަށް ޓިކެޓެއް ހޯދައިދޭން އުޅުމަކީ މުޑުދާރު، ހަޑި އަމަލެއް،" މަބްރޫކް ވިދާޅުވި އެވެ.

ރާއްޖެ އިން ބޭރުގައި ތިބި ދިވެހިން ރާއްޖެ އަނބުރާ ގެނައުމަށް ބާއްވާ ފްލައިޓްތަކަށް ސަރުކާރުގެ އެކި މަގާމްތަކުގައި ތިއްބެވި ބޭފުޅުންގެ އާއިލާތަކާއި ރަހުމަތްތެރިންނަށް ޖާގަތައް ހަމަޖައްސަމުންދާ ކަމުގެ ތުހުމަތުތަކާ އެކު ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

ކޮވިޑް-19 ފެތުރޭތީ ލޮކްޑައުންގައި އޮތް މެލޭޝިއާގައި ތިބި ދިވެހިން ރާއްޖެ ގެންނަން ހެދި ލިސްޓުގައި ސަރުކާރުގެ ދެ ވަޒީރެއްގެ އާއިލާގެ ބޭފުޅުންނަށް ގިނަ ޖާގަތަކެއް ދީފައިވާ ކަމުގެ ތުހުމަތުތަކާ އެކު ސޯޝަލްމީޑިއާގައި ވަނީ ލިސްޓް އާއްމުކޮށްފަ އެވެ.

"އަޅުގަނޑުމެން ސާފުކޮށްދޭން ބޭނުންވަނީ، އަދި ވަކިން މިކަހަލަ ހާލަތެއްގައި ނުފޫޒެއް ބާރެއް ބޭނުންކޮށްގެން އެއީ ސަރުކާރުގެ ތެރެއިން ކަމަށް ވިޔަސް އަމިއްލަ ވިޔަފާރިއެއްގެ ނުފޫޒެއް ވިޔަސް، އެގޮތަށް މި ކަހަލަ ހައްސާސް ވަގުތެއްގައި ވަކި ގޮތަކަށް ތިމާ ދަންނަ މީހަކަށް ޓިކެޓެއް ހޯދައިދޭން އުޅުމަކީ މުޑުދާރު، ހަޑި އަމަލެއް،" މަބްރޫކް

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއޯއީސީ)ގައި ބޭއްވި މީޑިއާ ބްރީފިންގައި، އާއްމުންގެ މި ޝަކުވާ ނޫސްވެރިން ވަނީ މަބްރޫކްގެ ސަމާލުކަމަށް ގެންނަވައިފަ އެވެ.

އޭނާ ވިދާޅުވީ ނޫސްވެރިންނާ ބައްދަލުކުރުމުގެ ކުރިން ވެސް ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ލިސްޓު ލިބިވަޑައިގަތް ކަމަށާއި އެ ވަގުތާ ހަމައަށް އެއީ ސައްހަ ލިސްޓެއްތޯ އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެ ލިސްޓުގައި ތިބި މީހުންގެ އަދަދު ގިނަކަމުން، ޕްރެސް ބްރީފިންގެ ކުރިން އެ ލިސްޓު ވިދާޅުވާން އުޅުއްވި ނަމަވެސް އޭގައި ތިބީ ކޮން ބައެއްކަން އެނގިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

އެ ލިސްޓުގައި ހިމެނުނު، މަބްރޫކު ނަމަކަށް ކިޔާ ކުޑަކުއްޖަކީ ދަރިފުޅުތޯ ވެސް ސުވާލު އަމާޒުވި ކަމަށާއި އެކަމަކު އެއީ އޭނާގެ ދަރިފުޅެއް ނޫން ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

ސްރީ ލަންކާ އާއި އިންޑިއާ އާއި މެލޭޝިއާ އަދި ޕިލިޕީންސް ފަދަ ތަންތަނުގައި ތިބި ދިވެހިން ގެނައުމުގައި އަމަލުކުރާ ގޮތް ޕްރެސް ކޮންފަރެންސްތަކުގައި މޯލްޑިވިއަނުން ކިޔައީދީފައިވާ ކަން ވެސް މަބްރޫކް ފާހަގަކުރެއްވި އެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި ބޭރުގައި ތިބި ދިވެހިން ގެނައުމުގައި ވެސް އަދި މި ބައްޔާ ގުޅޭގޮތުން ސަރުކާރުގެ އިދާރާތަކުން އަޅާ އެހެން ފިޔަވަޅެއްގައި ވެސް އެއްވެސް ކަމެއް ފޮރުވާފައި ބާއްވާކަށް ބޭނުމެއް ނުވެ އެވެ. މީހުން ގެނައުމުގައި ވެސް ނިޔަތަކީ ވަކި ބަޔަކަށް އިސްކަންދިނުން ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

އެކަމުގައި ގޯހުން އެއްވެސް ކަމެއް ހިނގާފައި އޮތް ނަމަ ކަމާބެހޭ އިދާރާތަކަށް ހުށަހެޅުއްވުމަށް ވެސް މަބްރޫކް އެދިވަޑައިގަތެވެ. އެފަދަ ނުފޫޒުން ހިންގާ އަމަލުތައް ބެލޭނެ ނިޒާމެއް ރައީސް އޮފީހުގައި ވެސް ގާއިމްވެފައި އޮންނަ ކަމަށާއި އޭގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް މިނިވަންކަމާ އެކު އެ މައްސަލަތައް ބަލާނެ ކަމަށް ޔަގީންކުރައްވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

"އެގޮތަށް (ނުފޫޒުން) ކުރެވިދާނެ ކަމަކަށް ގަބޫލެއް ނުކުރަން. މިކަމާ ގުޅޭ މައްސަލަތައް ތިބޭފުޅުން ވެސް ހުށަހަޅަންވީ އެނގިވަޑައިގަންނަވާ ވަރަކަށް. ސައްހަ މައުލޫމާތު ހޯއްދަވާފައި ހުށަހަޅަން ޖެހޭ އިދާރާތަކަށް ހުށަހަޅަންވީ، ސަރުކާރުން އެކަމަށް މަރުހަބާ ކިޔާނެ،" މަބްރޫކް ވިދާޅުވި އެވެ.