ކިލޯއެއްގެ މަސްތުވާތަކެތި އެތެރެކުރި މީހަކު އުމުރަށް ޖަލަށް ލާން ހުކުމްކޮށްފި

ރާއްޖެ އަށް ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ބިދޭސީއަކު އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.


ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ނަސްމިން މުހައްމަދު މުބީންގެ މައްޗަށް ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ދައުވާ ދައުލަތުން ކުރީ ޖޫން، 2017 ގައި އޭނާ ރާއްޖެ އައުމުން އޭނާ ލަޖެގް ކަސްޓަމްސް އިން ފާސް ކުރިއިރު ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ފެނުނު މައްސަލާގަ އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ނަސްމިންގެ ހިޔާޒަތުގެ ދަށުން ފެނުނު މަސްތުވާތަކެތީގެ ޒިންމާ ގާނޫނީ ގޮތުން އުފުލަން ޖެހޭތީ މަސްތުވާއެއްޗެއް އެތެރެ ކުރުމުގެ ކުށުން އޭނާ ކުށްވެރިވާ ކަމަށެވެ. އެހެންވެ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އޭނާ އުމުރަށް ޖަލަށްލުމާ އެކު 100،000ރ. އިން އޭނާ ޖޫރިމަނާކުރަން ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ. އަދިި ޖޫރިމަނާ ފައިސާ ހަ މަސް ތެރޭގަައި މޯލްޑިވްސް އިިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން އަންގާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

ރާއްޖެއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެ ކުރަނިކޮށް ގިނަ އަދަދެއްގެ ބިދޭސީން ކުރިން ވެސް އަތުލައިގެންފައިިވެ އެވެ. މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމަކީ އުމުރަށް ޖަލަށްލުމާ އެކު، 100،000ރ. އިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ކުށެކެވެ.