ކޮވިޑް-19އާ ގުޅިގެން ހިންގާ ކަންކަމުގައި ކޮރަޕްޝަން ހިމެނޭތޯ ބަލަނީ

މިހާރު ފެތުރެމުންދާ ކޮވިޑް-19އިގެ ބަލިމަޑުކަމުގައި ސަރުކާރުން ދޭ ހިދުމަތްތަކާއި މަސައްކަތްތަކުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނާ ކަންކަން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަން ފަށައިފި އެވެ.


އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނިގޮތުގައި ކޮވިޑް-19އާ ގުޅޭގޮތުން ދައުލަތުން ކުރާ މަސައްކަތުގައި، އެކި ސަބަބުތަކާ ހުރެ ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.

އޭސީސީން ބަޔާން މި ނެރުނީ ރާއްޖެ އިން ބޭރުގައި ތިބި ދިވެހިން އަނބުރާ ރާއްޖެ ގެންނަން ބާއްވާ ފްލައިޓްތަކުން، ސަރުކާރުގެ އެކި މަގާމްތަކުގައި ތިބި މީހުންގެ އާއިލާތަކާއި ގާތް މީހުންނަށް ޖާގަ ހަމަޖައްސައިދޭ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރަމުން ދަނިކޮށެވެ. އަދި ސިއްހީ ސަލާމަތުގެ ނަމުގައި ވައްކަން ކުރަމުންދާ ކަމަށް، ޓެންޑާ ބޯޑުގެ މެމްބަރު އިސްމާއިލް ޒަރިޔަންދު އިއްޔެ ތުހުމަތު ކުރައްވާފައި ވަނިކޮށެވެ.

އޭސީސީގެ ބަޔާނުގައި ބުނީ މުޅި ދުނިޔެ އަށް ފެތުރިފައިވާ ބަލިމަޑުކަމުގައި ދައުލަތުގެ އެކި އިދާރާތަކުން ކުރާ ކަންކަމުގައި ކޮރަޕްޝަން ހުއްޓުވުމާ ގުޅޭގޮތުން، ކަމާ ގުޅޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި މި ފަދަ މަސައްކަތްތަކުގައި ކޮރަޕްޝަނަށް އޮތް ރިސްކު ކުޑަކުރުމަށް، ދައުލަތުގެ އެކި އިދާރާތަކުން އަމަލު ކުރަން ޖެހޭ ގޮތްތަކާ މެދު އިރުޝާދު ދިނުމަށް، އެކަމަށް ބޭނުންވާ މައުލޫމާތު ހޯދައި ދިރާސާކުރަމުން އަންނަ ކަމަށް ބުންޏެވެ.

"އަދި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޝަކުވާތަކާ ގުޅިގެން، ކޮމިޝަނުން އިސްނަގައިގެން މި ދަނީ ބަލަމުންނެވެ." އޭސީސީގެ ބަޔާނުގައި ބުންޏެވެ.

އޭސީސީން ބުނީ އާއްމު ސިއްހަތާއި ފުރާނަ ސަލާމަތްކޮށް ރައްކާތެރިކުރުމުގެ މި ދަނޑިވަޅުގައި ނަޒާހާތްތެރިކަމާއި ޖަވާބުދާރީވުމުގެ އުސޫލުތައް އޭގެ އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަކީ މިކަމުގައި ޝާމިލްވާ ފަރާތްތަކުގެ މައްޗަށް އޮތް ޒިންމާއެއް ކަމަށެވެ. އަދި މި ހާލަތުގައި، ދައުލަތުގެ މާލިއްޔާއިން ހޭދަކުރުމާއި ނިންމުންތައް ނިންމުމުގައި ސުލޫކުތަކަށް ތަބާވާން ޖެހޭނެ ކަމަށް ވެސް އެތަނުގެ ބަޔާނުުގައި ބުންޏެވެ.

ރާއްޖެ އިން ބޭރުގައި ތިބި ދިވެހިން އަނބުރާ ރާއްޖެ ގެންނަން ބާއްވާ ފްލައިޓްތަކުން، ސަރުކާރުގެ އިސް މީހުންގެ އާއިލާތަކަށް އިސްކަން ދޭ ކަމަށް ދެކެވޭ ވާހަކަތަކަށް، ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ރޭ ވަނީ ރައްދު ދެއްވާފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެގޮތަށް ޖާގަ ހަމަޖައްސައިދިނުމަކީ މި ވަގުތުގެ ހައްސާސް ކަމަށް ބަލާއިރު ވެސް "މުޑުދާރު، ހަޑި އަމަލެ"ކެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް ވިދާޅުވީ ބޭރުގައި ތިބި ދިވެހިން ގެނައުމުގައި އުސޫލްތަކެއް އެކުލަވާލައި އަމަލުކުރަން ހަމަޖެއްސުމުގައި ސަރުކާރުގެ ނިޔަތަކީ ވަކި ބަޔަކަށް ވަކި އިސްކަމެއް ދީ ތަފާތުކުރަން ނޫން ކަމަށެވެ. ބޭރުން މީހުން ގެންނަ ފްލައިޓެއްގައި، އާއްމުން ތުހުމަތުކުރާ ގޮތަށް މީހަކު އިނުން އެކަށީގެންވާ ކަމަށާއި އެކަމަކު އުސޫލްތައް ކަނޑައަޅައި ބަޔާންކުރުމުން އަމަލުކުރަން ޖެހޭނީ އެ އުސޫލަށް ކަމަށް ވިދާޅުވި އެވެ.

ވައިރަހާ ގުޅިގެން ސިއްހީ ދާއިރާ އަށް އަގުބޮޑެތި ގިނަ އަދަދެއްގެ ވަސީލަތްތައް ހޯދުން ފަދަ ކަންކަން ހިނގަމުން ދާއިރު، ޒަރިޔަންދު އިއްޔެ ކުރެއްވިި ޓްވީޓެއްގައި ވިދާޅުވީ ކުރިން ވައްކަން ކުރަނީ ރައްޔިތުންގެ މުދަލުން ކަމަށާއި އެކަމަކު، މިހާރު ވައްކަން ކުރަނީ، ރައްޔިތުންގެ ސިއްހީ ސަލާމަތުގެ ނަމުގައި ކަމަށެވެ. އެކަން ކުރަނީ، ކުރިން ވެސް އެ ތުހުމަތު ކުރެވޭ ގްރޫޕަކުން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.