ކޮވިޑް-19ގެ ފިޔަވަޅުތަކާ ބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައިފި

ކޮވިޑް-19 އާ ގުޅިގެން މިހާރު ރާއްޖޭގެ ހާލަތު އޮތް ގޮތާއި އަދި ކުރިއަށް އޮތްތަނުގައި އަޅުއްވަން ގަސްދުކުރައްވާ ފިޔަވަޅުތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކުރައްވައިފި އެވެ.


މިއަދު މެންދުރުފަހު ރައީސްގެ ރަސްމީ ގެކޮޅު، މުލީއާގޭގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމާ ގުޅޭގޮތުން ރައީސް އޮފީހުން ބުނީ ބަލިން ރާއްޖެއަށް ކުރިމަތިވަމުންދާ ގެއްލުންތަކުން އަރައިގަތުމަށް އެކި ދާއިރާތަކުން ކުރެވިދާނެ ކަންތައްތަކުގެ މައްޗަށާއި މިހާރުން މިހާރަށް އެޅިދާނެ ފިޔަވަޅުތަކުގެ މައްޗަށް އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަމަށެވެ.

ނަމަވެސް ބައްދަލުވުމުގައި ނިންމި ނިންމުންތަކުގެ ތަފްސީލެއް ރައީސް އޮފީހަކުން ނުދެ އެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި އެޗްޕީއޭ އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ކުރަމުން ގެންދާ މަސައްކަތްތައް ވަޒީރުން ފާހަގަ ކުރެއްވި ކަމަށެވެ. އަދި ކޮވިޑް-19 ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރިންނާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ މީހުންގެ މަސައްކަތްތަކަށް މިނިސްޓަރުން ޝުކުރު އަދާ ކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން ވަނީ ދުރާލާ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން ކޮރޯނާވައިރަސް ކޮންޓްރޯލްކުރުމަށް މުޅި ރާއްޖެ އަށް އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މި މަހުގެ 30ގެ ނިޔަލަށް އިތުރުކުރަން ވެސް ވަނީ ނިންމައިފަ އެވެ.

މި ބައްޔަށް 20 މީހަކު މިހާތަނަތަށް ރާއްޖެއިން ޕޮޒިޓިވް ވި ނަމަވެސް، ފަރުވާ ދެމުން އަންނަނީ އެންމެ ހަތަރު މީހުންނަށެވެ. އެއީ ފިލިޕީންސް އިން ރާއްޖެ އަށް އައި ދިވެއްސަކާއި އިނގިރޭސިވިލާތުން ރާއްޖެ އަށް އައި ތިން ދިވެހިންނެވެ. އިނގިރޭސިވިލާތުން ރާއްޖެ އައި އިތުރު ދިވެއްސެއް މިހާރު މި ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭ އިން އިއްޔެ ބުންޏެވެ.