އެޕޯލޯ އޮފީސް ފަޅާލައި 1.7 މިލިއަން ރުފިޔާ ވަގަށް ނަގައިފި

އެޕޯލޯ ހޯލްޑިންގްސްގެ ހެޑް އޮފީސް ރޭ ފަޅާލައި 1.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.


ކޮންސްޓްރަކްޝަން ސާމާނާއި ހާޑްވެއާ ސާމާނު އެތެރެކުރާ އެޕޯލޯ ކުންފުނިން ބުނީ އެ ތަނުގެ ހެޑް އޮފީހަށް ވަގުން ވަދެ ފަސް ތިޖޫރި ހަލާކުކޮށް އޭގައި ހުރި ފައިސާ ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 1.7 މިލިއަން ރުފިޔާ އާއި 2،200 ޑޮލަރު (33،924ރ.) އެވެ.

އެޕޯލޯ ހޯލްޑިންގްސްގެ ތިޖޫރިތައް ފަޅާލައި ފައިސާތައް ވަގަށް ގެންގޮސްފައި-- ފޮޓޯ: އެޕޯލޯ

މާފަންނު ކޫލް ރައިޑް ފިހާރަ ކުރިމަތިން މެރިންވިލާގެ ދެވަނަ ބުރީގައި ހުންނަ އެޕޯލޯގެ އޮފީހުން ވައްކަން ކޮށްފައިވަނީ ރޭ 11:45 އަކާއި ފަތިހު 4:30 އާ ދޭތެރޭގައި ކަމަށް ސީސީޓީވީ ފްޓޭޖްތަކާ ހަވާލާދީ އެ ކުންފުނިން ބުންޏެވެ. ވައްކަން ކުރީ، ސީސީޓީވީތަކުގައި ޓޭޕް އެޅުމަށް ފަހު ކަމަށް ވެސް އެޕޯލޯ އިން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.

ނަމަވެސް އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏެވެ.