ރައީސް ބައްވަވާ ޓާސްކް ފޯސްގެ އިސްވެރިންގެ ބައްދަލުވުން ވާޗުއަލްކޮށް ގެންދަން ފަށައިފި

ކޮވިޑް-19 ގައި ރާއްޖޭގެ ހާލަތާ ގުޅޭގޮތުން ސަރުކާރުގެ އެކި ފެންވަރުގެ އިސްބޭފުޅުންނާ އެކު މަޝްވަރާ ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮންމެ ރެއަކު ބާއްވަވަމުން އަންނަ ޓާސްކް ފޯސް ބައްދަލުވުން، ވާޗުއަލްކޮށް ކުރިއަށް ގެންދަން ރޭ ފަށައިފި އެވެ.


ކޮވިޑް-19 އާ ގުޅޭ ގޮތުން ކަންކަން ނިންމެވުމުގެ މަޝްވަރާތައް ރައީސް ފުރަތަމަ ބޭއްވެވީ ރައީސް އޮފީހުގަ އެވެ. އެ ބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ސަރުކާރުގެ އޮފީސްތައް މިދިޔަ މަހުގެ 19 ގައި ބަންދުކުރުމާ ހަމައަށް ކޮންމެ ދުވަހެއްގެ ހަވީރު ރައީސް ގެންދެވީ ކަމާ ގުޅުން ހުރި އިދާރާތަކުގެ އިސްވެރިންނާ އެކު ބައްދަލުވުމެއް ބާއްވަވަމުންނެވެ. ނަމަވެސް ސަރުކާރު އޮފީސްތައް ބަންދުކުރަން ނިންމުމުން ބައްދަލުވުންތައް ބަދަލުކުރެއްވީ، އެ މަނިކުފާނު ދިރިއުޅުއްވާ ރަސްމީ ގެކޮޅު މުލީއާގެ އަަށެވެ. އޭގެ ފަހުން ކޮންމެ ރެއެއްގެ 9:30 ން 12 އަށް މުލީއާގޭގައި މެދުކެނޑުމެއް ނެތި ބައްދަލުވުން ބާއްވަވައި ކޮވިޑް-19 އާ ގުޅޭ މުހިންމު ނިންމުންތައް ނިންމަވަ އެވެ.

ފޮރިން މިނިސްޓަރު ޝާހިދު، ޓާސްކް ފޯހުގެ އިސްވެރިންގެ ރޭގެ ބައްދަލުވުމުގައި އޮންލައިންކޮށް ބައިވެރިވެވަޑައިގަންނަވަނީ.

ޓާސްކް ފޯހުގައި، ރައީސާއި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ކަމާބެހޭ އެކި ވަޒީރުންނާއި ޓެކްނިކަލް އެގްވައިޒަރީ ގްރޫޕް (ޓެގް) ގެ މެމްބަރުންނާއި ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތަކުގެ އިސްވެރިން ހިމެނިވަޑައިގަންނަވަ އެވެ. ކޮވިޑް-19 އާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާއި ނިންމަންޖެހޭ ކަންތައްތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވަމުން ގެންދަވަނީ އެ ޓާސްކް ފޯހުގެ މަޝްވަރާގެ މަތިންނެވެ. އަދި ބަލީގެ އެންމެ ފަހުގެ މައުލޫމާތާއި ރާއްޖޭގައި އަޅާ ފިޔަވަޅުތައް މި ބައްދަލުވުމުގައި ކޮންމެ ރެ އަކު ވެސް އެ މަނިކުފާނާ ހިއްސާ ކުރެ އެވެ.

ކޮވިޑް-19 އާ ގުޅޭ ގޮތުން އުފައްދާފައިވާ ޖޮއިންޓް ޓާސްކްފޯހުން އިއްޔެ ރޭ މުލިއާގޭގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.---ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބާއްވަވާ ޓާސްކް ފޯހުގެ ބައްދަލުވުން އޮންލައިންކޮށް ކުރިއަށް ގެންދަން ރޭ މި ފެށީ މާލެ އިން ކޮވިޑް-19 އަށް އިއްޔެ މީހަކު ޕޮޒިޓިވްވެ، ކޮންޓެކްޓް ޓްރޭސިން އާއި އެހެނިހެން ކަންކަން ކުރުމަށް އިއްޔެ މެންދުރު 2:30 ން ފެށިގެން 24 ގަޑިއިރަށް މާލެ ލޮކްޑައުން ކުރުމުންނެވެ.

އެ މީހާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އިތުރު ދެ މީހަކު މާލެ އިން މިހާތަނަށް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެއީ ފުރަތަމަ ޕޮޒިޓިވްވި އަންހެން މީހާގެ ތުއްތު ދަރިފުޅާއި އަންހެން މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި މީހެއް ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. ތުއްތު ދަރިފުޅުގެ އުމުރުން އަދި ދެ އަހަރު ވެސް ނުވެ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު މާލެއިން ފުރަތަމަ ފަހަރަށް ފެނުމާ ގުޅިގެން ގައުމާ މުހާތަބުކުރައްވައި ވާހަކަފު ޅުދައްކަވަމުން ރައީސް އިއްޔެ ވަނީ ކަމާބެހޭ އިދާރާތަކަށް ރައްޔިތުން އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފަ އެވެ.