ޖަލުގެ ހަމަނުޖެހުމާ އެކު ޔާމީން ގެއަށް ބަދަލުކުރަން ގޮވާލައިފި

މާފުށީ ޖަލުގައި ގައިދީންނާއި އޮފިސަރުންނާ ދެމެދު އިއްޔެ ހަމަނުޖެހުން ހިނގުމަކީ އެތަނުގައި ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އޮތް ނުރައްކާ އޮތް ކަމެއް ކަމަށް ބުނެ އެމަނިކުފާނު ގެއަށް ބަދަލުކުރަން ޕީޕީއެމާއި ޕީއެންސީން އިއްޔެ ގޮވާލައިފި އެވެ.


މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައިވާ ޔާމީން ގެެއަށް ބަދަލުކުރަން ގޮވާލައި ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނުގައި ބުނީ އެމަނިކުފާނުގެ ހަށިކޮޅަށް ގެއްލުންދޭން ބަޔަކު މަސައްކަތްކޮށްފާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އެމަނިކުފާނުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެ ދެ ޕާޓީގެ ޒިންމާއެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"....އެ މަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ލަސްކުރުުމެއް ނެތި މިހާރުން މިހާރަށް އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ސަރުކާރަށް ގޮވައިލަމެވެ،" ބަޔާނުގައި ވެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ މާފުށީ ޖަލުގައި އިއްޔެ ހަމަނުޖެހުން ހިނގީ ޔުނިޓް ނުވައެއްގައި ތިބި ގައިދީންނަށް ކާންދޭން ގޮޅި ހުޅުވި ވަގުތު ބައެއް ގައިދީން ގޮޅިން ނުކުތުމުން ކަމަށެވެ. އެ ހަމަނުޖެހުމުގައި ގައިދީއަކަށާއި ޖަލުގެ ދެ އޮފިސަރަކަށް އަނިޔާވެފައިވާ ކަމަށް ކަރެކްޝަންސުން ބުންޏެވެ. އެކަމަކު މިހާރު ޖަލުގެ ހާލަތު ކޮންޓްރޯލް ކޮށްފައިވާ ކަމަށާއި، މި ހާދިސާ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.

ޖަލުގައި އިއްޔެ ހިނގި ހަމަނުޖެހުންތަކުގެ މާބޮޑު ތަފްސީލެއް ނުލިބި ވަނިކޮށް ޕީޕީއެމްޕީއެންސީން ބަޔާނެއް ނެރުނު އިރު، އެ ހަމަނުޖެހުންތަކަކީ ޖަލު ހަލަބޮލިކުރަން ބަޔަކު ހިންގި އަމަލެއް ކަަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ހަމަ ނުޖެހުންތަކަކީ ކޮވިޑް-19 އާ އެކު މުއައްސަސާތަކަށް ބާރުބޮޑުވެފައިވާ ނާޒުކު ދަނޑިވަޅުގައި ޖަލު ހަލަބޮލިކޮށްލަން ކުރި މަސައްކަތެއް ކަަމަށެވެ.

ޖަލު ހަލަބޮލިކޮށްލަން ހިންގި މަސައްކަތް ހުއްޓުވާފައިވާ ކަމަށް ވިދާޅުވެ އިމްރާން ކުރެއްވި ޓުވީޓް

"ކޮވިޑް-19 އާ އެކު މުއައްސަސާތަކަށް ބާރުބޮޑުވެ، ނާޒުކު މިވަގުތު ޖަލު ހަލަބޮލިކޮށްލަން ކުރި މަސައްކަތް ގައިދީންނާ އޮފިސަަރުންނަށް މާބޮޑު ގެއްލުމެއް މުވެ ކޮންޓްރޯލްވުމަކީ ﷲގެ ވާގިފުޅާ އެކު އޮފިސަރުންގެ ކުޅަދާނަކަން،" ޓްވީޓްގައި އިމްރާން ވިދާޅުވި އެވެ.

ޔާމީން މިނިވަންކުރަން ޕީޕީއެމުން ގޮވާލި އިރު މީގެ ކުރިން ވެސް ތަކުރާރުކޮށް ސަރުކާރަށް ޕްރެޝަރުކޮށްފައިވެ އެވެ. އެކަމަކު، ސަރުކާރުން މި ޑިމާންޑް މިހާތަނަށް ނަގާފައި ވަނީ ވަރަށް ލުއިކޮށެވެ. ބޭސްފަރުވާ އަށް އެމަނިކުފާނު ބޭރަށް ފޮނުވުމުގެ ހުއްދަ ދޭނެ ކަމުގެ ޔަގީންކަން ދިން ނަމަވެސް ގެއަށް ބަދަލުކުރުމާ ގުޅޭ ގޮތުން މިހާތަނަށް ގޮތެއް ނުނިންމަ އެވެ.