ކޮމަންވެލްތުން ވަކިވާން ސަރުކާރުން ނިންމައިފި

ކޮމަންވެލްތުން ވަކިވުމަށް ސަރުކާރުން މިއަދު ނިންމައިފި އެވެ.


ކޮމަންވެލްތުން ވަކިވުމަށް ކެބިނެޓުން މިއަދު ވަނީ ރައީސް އަބްދުﷲ ޔާމީނަށް ލަފާއަރުވައި އަދި އެގޮތަށް އެކަން ނިންމައިފަ އެވެ.

ކޮމަންވެލްތުން ރާއްޖެ ވަކިވާން ކެބިނެޓުން ނިންމިިއިރު، ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) ގެ ރަސްމީ އެޖެންޑާގައި މިދިޔަ މަހުގެ 23 ގައި ރާއްޖެ ހިމަނައި، ދެން އިސްލާހު ނުވެއްޖެ ނަމަ ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރުމަށް ވިސްނާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ. ސީމެގުން ރާއްޖެއަށް ހުށަހެޅި ކަންކަން އިސްލާހު ނުކޮށްފި ނަމަ، ކޮމަންވެލްތުން ރާއްޖެ ވަކިކުރުމާ މެދު ވިސްނަން ނިންމާފައި ވަނީ މާޗް 2017 ގައި ބާއްވާ ސީމެގްގެ ބައްދަލުވުމުގަ އެވެ.

ރާއްޖެ ކޮމަންވެލްތުގެ މެމްބަރަކަށް ވީ 1982ގަ އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު މުހައްމަދު އާސިމް ވިދާޅުވީ ކޮމަންވެލްތުން ވަކިވާން ނިންމުމަކީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށެވެ. އަދި މިހާތަނަށް ވެސް ރާއްޖެއިން އައީ ކޮމަންވެލްތަށް އެއްބާރުލުން ދެމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ރާއްޖެއިން ކުރާ މަސައްކަތް ކޮމަންވެލްތުން ބަލައިގެންފައި ނުވާ ކަމަށް އާސިމް ވިދާޅުވި އެވެ.

"ކޮމަންވެލްތުން އަންނަނީ ރާއްޖޭގެ ދާޚިލީ ކަންކަމަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުން" ކަމަށް މިިނިސްޓަރު ވިދާޅުވި އެވެ.

ކޮމަންވެލްތުން ރާއްޖެ ވަކިވި ކަމުގައި ވިޔަސް، ރާއްޖޭގެ މިނިވަންކަމަށް އިހްތިރާމްކޮށް އެކަން ގަބޫލުކުރާ ޖަމިއްޔާތަކާ ގުޅިގެން ރާއްޖެ މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖެއާ މެދު ކޮމަންވެލްތުން ފިޔަވަޅު އަޅަމުން ދަނީ އިންސާފުން ނޫން ކަމަށެވެ.

އެޓާނީ ޖެނެރަލް މުހައްމަދު އަނިލް މި ނޫސް ކޮންފަރެންސްގައި ވިދާޅުވީ ކޮމަންވެލްތުގެ ޗާޓަރުގައި ވެސް އޮންނަނީ ކޮންމެ ގައުމެއްގެ ދާޚިލީ ކަންކަމާ ނުބެހި ސިޔާދަތަށް ބުރޫ ނާރާ ގޮތަށް މަސައްކަތް ކުރުން ކަމަށެވެ.

ބަންޑާރަ ނައިބު ވިދާޅުވީ ރާއްޖޭގެ ކޯޓުތަކުގެ ނިންމުންތަކަށް ނުފޫޒު ފޯރުވަން ވެސް ކޮމަންވެލްތުން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ކޮމަންވެލްތުން ސިޔާސީ ކުށްވެރިން ކަމަށް ގަބޫލުކުރާ ވަކި ބަޔަކު މިނިވަންކުރުމަށް ކޮމަންވެލްތުން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމަންވެލްތުން ރާއްޖެ ވަކިވިކަން އިއުލާން ކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ބަންޑާރަ ނައިބު އަނިލް ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"ކޮމަންވެލްތުން ރާއްޖޭގެ ކަންކަން ރަނގަޅުކުރުމަށް ޓެކްނިކަލް އެސިސްޓެންސް ދޭނެ ކަމަށް ބުނި ނަމަވެސް ސަރުކާރުން އިސްވެ އެކަމަށް އެދުމުން ވެސް އެކަން ވަނީ ވަރަށް ބޮޑަށް ފަސްކުރެވިފައި،" އަނިލް ވިދާޅުވި އެވެ.

ޑިިމޮކްރަސީގެ ހަމަތައް ހަރުދަނާކުރުމަށް ކޮމަންވެލްތުން ބުނާއިރު ކޯޓުތަކުގެ ނިންމުންތަކާ ސަރުކާރުން ބެހުމަށް ކޮމަންވެލްތުން އެދޭ ކަމަށާއި އެެއީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ބަންޑާރަ ނައިބު ވިދާޅުވި އެވެ. އަނިލް ވިދާޅުވި ގޮތުގައި ޑިމޮކްރަސީ ހަރުދަނާކުރުމަށް ރާއްޖެ އިން ދަނީ ބަޔަކު ނުބުންޏަސް މަސައްކަތް ކުރަމުންނެވެ.

ކޮމަންވެލްތުގެ ވަރަށް ގިނަ ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގެ ހާލަތު "އިންތިހާ އަށް ރަނގަޅު" ކަމަށާއި ރާއްޖެއާ މެދު އަމަލުކުރަމުން އަންނަނީ އިންސާފުން ނޫން ކަމަށް ބަންޑާރަ ނައިބު ވިދާޅުވި އެވެ. އަދި ކޮމަންވެލްތުން ވަކިވުމުގެ މަސައްކަތް ފަށައި އެކަން ކޮމަންވެލްތައް އެންގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު ވިދާޅުވި ގޮތުގައި ކޮމަންވެލްތުން ވަކިވި ކަމުގައި ވިޔަސް އދ. އާއި އެހެން ޖަމިއްޔާތަކާ އެކު، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ދާނީ މަސައްކަތް ކުރަމުންނެވެ.

"އަޅުގަނޑުމެން ބައިނަލްއަގުވާމީ ދާއިރާގައި ކުރާ މަސައްކަތް ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދާނެ،" އާސިމް ވިދާޅުވި އެވެ.

ބަންޑާރަ ނައިބު ވެސް އަދި ފޮރިން މިނިސްޓަރު ވެސް ވިދާޅުވީ މި ނިންމުމުގެ ސަބަބުން އިންވެސްޓްމަންޓަކަކާއި ބޭރުގެ އެހީ އަށް ބަދަލެއް ނާންނާނެ ކަމަށެވެ. އަނިލް ވިދާޅުވީ ސަރުކާރުގެ ކޮންމެ ނިންމުމަކީ ވެސް ގައުމާއި ރައްޔިތުންގެ ލާބަ އަށް ނިންމާ ނިންމުމެއް ކަމަށެވެ.