އައްޑޫ ހޮސްޕިޓަލްގައި ކީމޯތެރަޕީގެ ފަރުވާ ފަށައިފި

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ކެންސަރު ބަލީގެ މީހުންނަށް ދޭ ކީމޯތެރަޕީގެ ފަރުވާ ފަށައިފި އެވެ.


އެ ހޮސްޕިޓަލުން ބުނީ އިއްޔެ ރަސްމީކޮށް ހިދުމަތް ފަށައިގަތުމާ އެކު، ދެ މީހަކަށް މިހާރު ވެސް ފަރުވާ ދީފައިވާ ކަމަށެވެ. މިއީ ކެންސަރު ބަލީގެ މީހުންނަށް ކީމޯތެރަޕީގެ ފަރުވާ އައްޑޫގައި ދޭން ފެށި ފުރަތަމަ ފަހަރެވެ.

އޭއީއެޗްގެ އޮފިޝަލަކު ވިދާޅުވީ ކެންސަރު ބަލީގެ މީހުންނަށް ފަރުވާދެވޭނެ ރަނގަޅު އިންތިޒާމުތަކެއް މިހާރު ހަމަޖެހިފައިވާ ކަމަށާއި ކުރިމަގުގައި އައްޑޫން ފަރުވާ ހޯދާ މީހުން އިތުރުވާނެ ކަމަށެވެ. އަދި މިއީ އައްޑޫގެ ރައްޔިތުންނާއި މުޅި ރާއްޖެ އަށް ވެސް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ހިތަދޫގައި އިމާރާތްކުރި ކުރީގެ އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހޮސްޕިޓަލަކަށް ބަދަލުކޮށް މިދިޔަ ޖެނުއަރީ މަހުގެ 15 އިން ފެށިގެން ހިދުމަތްތައް ދެމުން އަންނަ އިރު، ހޮސްޕިޓަލުން އަންނަނީ ކުރިން އައްޑޫން ނުލިބޭ ގިނަ ސިއްހީ ފަރުވާތައް ތައާރަފު ކުރަމުންނެވެ.

އޭއީއެޗަކީ މާލެ ސަރަހައްދުން ބޭރުގައި ތަރައްގީ ކުރި ރާއްޖޭގެ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލެވެ. މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނު އެންމެ އިސްކަން ދެއްވި އެއް މަޝްރޫއެވެ. ޔާމީންގެ ވެރިކަން ނިމުނުއިރު، އައްޑޫ އާ ހޮސްޕިޓަލްގެ މަސައްކަތް ގާތްގަނޑަކަށް ނިމި، އެ ތަނަށް ބޭނުންވާ ސާމާނުތަކަށް ވެސް ހުރީ އޯޑަރު ދީފަ އެވެ.