ކަރަންޓީން ފެސިލިޓީތަކުގެ ޚިދުމަތްތައް ރައީސް ގާތުން އެބަ ބައްލަވާ: މާރިިޔާ

ކަރަންޓީން ފެސިލިޓީގައި ތިބޭ މީހުންގެ ޝަކުވާތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.


ކޮވިޑް-19 ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތަކުގެ ދަށުން އެކި ރަށްރަށުގައި ގާއިމުކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކުގައި ހާހަކަށް ވުރެ ގިނަ މީހުން މިހާރުވެސް އެބަ ތިއްބެވެ. އޭގެ ތެރެއިން ބައެއް ތަންތަނުގައި ދޭ ކެއިންބުއިމުގެ ޚިދުމަތް ރަނގަޅު ނޫން ކަމަށް ބުނެ ބައެއް މީހުން ސޯޝަލް މީޑިއާގައި ދަނީ ޝަކުވާ ކުރަމުންނެވެ.

އެކަމާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަރަންޓީން ފެސިލިޓީތަކުގައި ދޭ ޚިދުމަތްތައް ރައީސް ގާތުން ބައްލަވާ ކަމަށާއި ކެއިންބުއިމުގެ ޚިދުމަތްތައް ދޭ ގޮތް ވަކިން ޚާއްސަކޮށް އެމަނިކުފާނު ބައްލަވާ ކަމަށެވެ. އަދި އެތަންތަނުގައި ތިބޭ މީހުންގެ ޝަކުވާތަކަށް އެޑްރެސް ކުރަން ރައީސް އަންގަވާ ކަމަށާއި ގިނަ ބަޔަކު އެތަންތަނުގެ ޚިދުމަތްތައް ބަލައިގަނެ، ޝުކުރު އަދާކުރާ ކަމަށް ވެސް މާރިޔާގެ ޓްވީޓްގައިވެ އެވެ.

މާރިޔާގެ ޓްވީޓް

ކަރަންޓީން ފެސިލިޓީތަކުގައި މިހާރު 1،300 އަށް ވުރެ ގިނަ މީހުން ތިބިއިރު، އައިސޮލޭޝަންގައި 140 މީހަކު އެބަތިއްބެވެ. އޭގެ ތެރޭގައި ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ބަލީގެ އަލާމާތްތައް ފެނިގެންނާއި ބައްޔަށް ޕޮޒިޓިވް ވެގެން އެކަހެރި ކުރެވޭ މީހުން ވެސް ހިމެނެ އެވެ.

ބައެއް ފެސިލިޓީތަކުގައި ދޭ ކާނާ ކަމުނުދާ ކަމަށް ބުނެ، ލިބޭ ކާތަކެތީގެ ފޮޓޯތައް ބައެއް މީހުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ. ނަމަވެސް ބައެއް މީހުން، ހުރިހާ ހިދުމަތެއް ވެސް ރަނގަޅު ކަމަށް ބުނެ، ޝަކުވާކުރާ މީހުންނަށް ރައްދު ދީފައިވެ އެވެ.

ރާއްޖެއިން ކޮވިޑް-19 އަށް 191 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ވެސް ހިމެނެ އެވެ. އެހެންވެ، މާލެ ސަރަހައްދު ލޮކްޑައުންކޮށް، ގިނަ ފިޔަވަޅުތަކެއް މިހާރު ދަނީ އަޅަމުންނެވެ.