ބޮޑެތި ކްލަސްޓާތައް ގުޅިފައި ވަނީ ބާޒާރުމައްޗާ: ޑރ. އަފްޒަލް

މާލޭގައި ކޮވިޑް-19 ގެ ކޭސްތަކުގެ އެންމެ ބޮޑު ކްލާސްޓާތައް ގުޅިފައި ވަނީ ބާޒާރުމައްޗާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.


ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ރާއްޖެ އިން ކުރިން ފެނުނު ގިނަ ކޭސްތަކަކީ ބެކްލޮގް (ކުރިން ޕޮޒިޓިވްވެ ޓެސްޓް ނުކުރެވޭތީ ނުފެނި ހުރި) ކޭސްތައް ކަމަށް ވިޔަސް މިހާރު ފެންނަނީ ބަލި އިތުރަށް ފެތުރެމުންދާ މަންޒަރު ކަަމަށެވެ. ބޮޑެތި ކްލަސްޓާތައް ގުޅެނީ ބާޒާރުމައްޗާ ކަމަށް ވިދާޅުވެ އިތުރަށް ސަމާލުވުމަށް އޭނާ އެދިވަޑައިގަތެވެ.

"...އެހެން ނަަމަވެސް ފަހުން ފަހުން މި ފެންނަނީ ބޮޑަށް، އިތުރަށްް އެއްކަލަ ހަރަކާތްތެރިވެ އުޅޭ މީހުންގެ ތެރޭގައި ހުންނަ ކްލަަސްޓާތައް، އެހެންވީމާ އެއީ [ހަރަކާތްތެރިވެ އުޅޭ މީހުންގެ މެދުގައި ފެތުރެމުން އަންނަ ކަން] މިހާތަނަށް މި ފެންނަ މަންޒަރުތަކުން އަޅުގަނޑުމެންނަށް މި ދޭހަވާ އެއްްޗަކީ،" އަފްޒަލް ވިދާޅުވި އެވެ.

މާލޭގެ ބާޒާރުމަތީގެ ފިހާރަތަކުގެ ތެރެއިން އެމްއެޗްއޭ އާއި ލިލީ އަދި ބީއެޗްއެމް ޓްރޭޑާސްގެ މުވައްޒަފުންތަކެއް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި ގިނަ އަދަދަކަށް ބިދޭސީން ހިމެނޭއިރު، އެ ތަންތަން ވަނީ މޮނިޓަރިންގެ ހާލަތުގަ އެެވެ.

ކުދިކުދި، ތޮއްޖެހިގެން ގިނަ އަދަދެއްގެ ބިދޭސީން އުޅޭ ތަންތަނުން ޕޮޒިޓިވްވި މީހުން ގިނަ ކަން އެޗްޕީއޭ އިން މިހާތަނަށް ދީފައިވާ މައުލޫމާތުތަކުން ވެސް އެނގެ އެވެ. އެހެންވެ، ބާޒާރުމަތީގައި އުޅޭ ބިދޭސީން މާލެ އިން ބޭރަށް ގެންގޮސް، ހުޅުމާލެ އާއި ގުޅިފަޅާއި ވިލިވަރުގައި ހަދާ ވަގުތީ ތަންތަނުގައި ބައިތިއްބަން ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ.

މާލޭގެ ކްލަސްޓާތައް ހުރި ގޮތް އަންގައިދޭ ގްރާފްތަކާއި ޗާޓުތައް ޑރ. އަފްޒަލް މިރޭ ވެސް ދައްކަވައިލެއްވި އެވެ. އޭ ޗާޓްތައް ތަފްސީލްކޮށް ދެއްވަމުން އޭނާ ވިދާޅުވީ މާލޭގެ ކްލަސްޓާތަކުގެ މެދުގައި ގުޅުންތައް ވެސް އެބަހުރި ކަމަށެވެ.

ކޮވިޑް-19 ކޮންޓެކްްޓްތައް ފެނުނު ގޮތް ދައްްކައިދޭ ގްރާފެއް

ކުއްލިއަކަށް ފެންނަ ބޮޑެތި ވަމުން އަންނަ ކްލަސްޓާތައް ނިސްބަތް ވަނީ ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި އެއް ތަނެއްގައި ދިިރިއުޅޭ ނުވަތަ މަސައްކަތް ކުރާ މީހުންގެ ތެރެއިންނެވެ.

"އެގޮތަށް އަންނަ ބޮޑެތި ބޮޑެތި ކުއްލިއަކަށް ފެންނަ ކްލަސްޓާތަކަކީ ގިނަ ފަހަރަށް ހަމަ އެއް ތަނެއްގައި، އެއް އެކޮމޮޑޭޝަނެއްގައި ނުވަތަ އިމާރާތެއްގައި އުޅޭ މީހުންގެ ތެރެއިން ފެންނަ ކްލަސްޓާއެއް،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފަދަ ކްލަސްޓާތަކުގައި ގިނަ ފަހަރަށް ތިބެނީ ބިދޭސީ މަސައްކަތްތެރިން ފަދަ، ތޮއްޖެހިގެން ދިރިއުޅޭ މީހުން ކަމަށެވެ.

ކޭސް މަދުވަނީ ޓެސްޓް ކުރުން ލަސްވެގެން

ޑރ. އަފްޒަލް ވިދާޅުވީ ރާއްޖޭގެ ކޮވިޑް-19 ކާވް ކޮންމެވެސް ވަރަކަށް ބައެއް ފަހަރު ތިރިވަނީ ކޭސްތައް މަދުވެގެން ނޫން ކަމަށެވެ. އެއީ ބައެއް ދުވަސް ދުވަހު ބެކްލޮގެއް އައުމުން ( ނަތީޖާތައް ނައިސް ލަސްވުމުން) ފެންނަ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް އޯވައޯލްކޮށް އަޅުގަނޑުމެން ބަލައިފިއްޔާ އެބަ އެނގޭ މިދަނީ މައްޗާ ދިމާލަށް ކަން. އެހެންވީމާ ކޭސަސް އިތުރަށް އިތުރު ވުމުގެ ފުރުސަތު ކުރިއަށް އޮތް ތާނގައި އޮތީ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބައެއް ކޭސްތަކާ ގުޅިގެން ގިނަ އަދަދެއްގެ ކޮންޓެކްޓްތައް ފެނުމުން އެންމެންނަށް ވަރަށް ބޮޑު ބުރައެއް އަންނަ ކަމަށާއި އެ އަށް ފަހު ކޮންމެވެސް ވަރަކަށް ލުއިވާ ކަމަށެވެ.

މިރޭގެ މީޑިއާ ބްރީފިންގައި ޑރ. އަފްޒަލް ވާހަކަ ދައްކަވަނީ.

"ގިނަ ފަހަރު ބޮޑު ކޮންޓެކްޓެއް [އެކުލެވޭ] ކްލަސްޓާއެއް ފެނުމުން އޭގެ މަސައްކަތް ފަށައިގަނެގެން ދާ އިރުގައި އެއާ ގުޅިގެން އަންނަ ކޭސްތައް އިތުރުވަމުން އިތުރުވަމުންދާތަން މި ފެންނަނީ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

މާލޭން ކޮވިޑް-19 ގެ ކޭސްތައް ފެންނަން ފެށި ފަހުން އެންމެ ގިނައިން ކޮންޓެކްޓްތައް ފެނުނު ދުވަހު 643 ކޮންޓެކްޓް އަދި ދެވަނައަށް އެންމެ ގިނައިން ފެނުނު ދުވަހު 639 ކޮންޓެކްޓް ފެނުނު ކަން އޭނާ މިރޭ ދައްކަވައިލެއްވި ގްރާފުން އެނގެ އެވެ. އެންމެ މަދުން ކޮންޓެކްޓް ފެނުނު ދުވަހު ވެސް 55 ކޮންޓެކްޓް ފެނިފައި ވާއިރު، އާއްމު ގޮތެއްގައި ކޮންމެ ދުވަހަކު ވެސް 150 އަށް ވުރެ ގިނަ ކޮންޓެކްޓް އަލަށް ފެނުނުކަން އެ ގްރާފުން އެނގެ އެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 226 އެވެ. އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، އެންމެ ގިނައިން ރާއްޖެ އިން އެ ބަލި ޖެހިފައި ވަނީ ބަންގްލަދޭޝްގެ މީހުންނަށެވެ. ރާއްޖޭގައި މަސައްކަތް ކުރާ އެ ގައުމުގެ 106 މީހަކު ކޮވިޑް-19 އަށް ޕޮޒިޓީވް ވެފައިވާއިރު، ދިވެހިންގެ އަދަދަކީ 90 އެވެ.