މަނަދޫން އިތުރު ފަރުވާ އަށް މާލެ ގެނައި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ނ. މަނަދޫން އިތުރު ފަރުވާ އަށް ރޭ މާލެ ގެނައި އުމުރުން ދުވަސްވީ މީހަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވެއްޖެ އެވެ.


މަނަދޫ ކައުންސިލުން ވާހަކަ ދެއްކެވި މެމްބަރަކު ވިދާޅުވީ، އުމުރުން 70 ވަރަކަށް އަހަރުގެ އެ އަންހެންމީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނީ ފަރުވާ އަށް ފަހު ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓުން ކަމަށެވެ. އެ މީހާ ކޮވިޑް-19 އަށް ޓެސްޓް ކުރީ ދޫކޮށްލުމުގެ ކުރިން އާންމުކޮށް ބައެއް މީހުންގެ ސާމްޕަލް ނަގާ އުސޫލުން ކަމަށް ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

"މިކޮޅުން [މަނަދޫން] ދިޔައީ ގޮހޮރުގެ މައްސަލައަކާ ގުޅިގެން އިތުރު ފަރުވާ އަށް. ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރި ކަމަކަށް މިކޮޅުން ނުބުނޭ. އެ ކަހަލަ ކަމެއް އެ މީހާގެ ފަރާތުން ނުވެސް ފެންނަ ކަމަށް ވަނީ. މުޅިން އެހެން ބައްޔަކަށް ފަރުވާ ހޯދަން ގެންދިޔައީ،" އޭނާ ވިދާޅުވި އެވެ

އެ މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެޗްޕީއޭ އިން މަނަދޫ މިހާރު ވަނީ މޮނިޓަރިން ލިސްޓަށް ލައިފަ އެވެ.

"އެޗްޕީއޭގެ އިރުޝާދާ އެކު މިހާރު އަޅުގަނޑުމެން މިދަނީ ފިޔަވަޅު އަޅަމުން. އައިސޮލޭޓް ކުރަންޖެހޭ ތަނެއް ވެއްޖިއްޔާ އެ ތަނެއް ވެސް ބަލަމުން މިދަނީ،" ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން އެޗްޕީއޭގެ ބަހެއް އަދި ނުލިބެ އެވެ.

މާލޭގެ އިތުރުން ކޮވިޑް-19 ގެ މީހުން މިހާތަނަށް ފެނިފައި ވަނީ ހއ. އުލިގަމާއި ށ. ނަރުދު އާއި ށ. މިލަންދޫ އާއި ކ. ތުލުސްދޫންނެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 475 އެވެ.