ނޫސްވެރިންނަށް ބުރަ، ދަތި ދުވަސްތަކެއް

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް މިއަދު ބައްދަލުކުރިއިރު އެހެން ގައުމުތަކެކޭ އެއްގޮތަށް ދިވެހިންނަށް ވެސް ނޫސްވެރިންގެ ބޭނުން ވަރަށް ބޮޑުވެފަ އެވެ. ނުރައްކާތެރި ކޮވިޑް-19އާ ބެހޭ ގިނަ މައުލޫމާތުތަކެއް، 24 ގަޑިއިރުގެ މަސައްކަތެއް ތެރެއިންނަށް ދިވެހިންނަށް ގެނެސްދެނީ ނޫސްވެރިންނެވެ. ރެ އާއި ދުވާލު ނޫސްވެރިން ތިބީ އާންމުންގެ ހިދުމަތުގަ އެވެ.


ކޮވިޑް-19ގެ ނުރައްކާތެރިކަން އެނގުނު ހިސާބުން ފެށިގެން ރާއްޖޭގެ މީޑިއާތަކުން ވެސް ހާއްސަ ކަވަރޭޖްތައް ފެށި އެވެ. ސިލްސިލާކޮށް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުންތަކުގެ އިތުރުން ބަލިމަޑުކަމުގެ މުޅި ހާލަތު ކަވަރުކުރަން، ނޫސްވެރިން ކުރަމުން އަންނަ މަސައްކަތް ބުރަ އެވެ.

މިދިޔަ މަހު 15 އިން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ އެކު ތަންތަނަށް ގޮސްގެން މައުލޫމާތު ހޯދުމުގެ ފުރުސަތު ބަންދުވި އެވެ. އެއާ އެކު ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަން ފެށީ ވެސް އޮންލައިންކޮށެވެ. އަދި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި ރާއްޖެ ޓީވީ ފަދަ ސްޓޭޝަންތަކުގައި ނޫސްވެރިން މަސައްކަތް ކުރަމުން އަންނަނީ އޮފީހުގައި ލޮކްޑައުން ވެ ތިބެ އެވެ. އެ ނޫސްވެރިންނާއި ޓެކްނިކަލް މުވައްޒަފުން އޮފީހުން ނުނިކުމެ ތިބޭތާ މިހާރު 18 ވަނަ ދުވަހަށް އަޅަނީ އެވެ.

"ފަސް ނޫސްވެރިންނާއި ދެ އެޑިޓަރުން މިތިބެނީ ލޮކްޑައުންގައި. އެއްބައި ނޫސްވެރިން ޓީވީގައި ތިބޭއިރު ދެން ތިބި ނޫސްވެރިން ތިބޭނީ ލިޔަން. ރޯދަ މަހެއްގައި އާއިލާތަކާ ދުރުގައި ވަރަށް ބުރަކޮށް މަސައްކަތް މިކުރަނީ،" ލޮކްޑައުންގައި ހުރި ޕީއެސްއެމްގެ އެކްޓިން ނިއުސް ހެޑް މުހައްމަދު އަފްޒަލް ވިދާޅުވި އެވެ.

"މިއީ ނޫސްވެރިކަމުގެ ހަޔާތުގައި ވަރަށް އެހެން ކަހަލަ ދަނޑިވަޅެއް، ކުރިން ވެސް ކާރިސާތަކުގައި މަސައްކަތް ކުރިން. އެކަމަކު މިފަހަރު ތަފާތު. މުޅި ދުނިޔެ ހާސްކަމުގައި އޮއްވައި ނޫސްވެރިން ވެސް މިޖެހެނީ އެ ހާސްކަމުގެ ތެރޭގައި ތިބެ މަސައްކަތް ކުރަން."

ކުރީ ސަރުކާރުގެ ދުވަސްވަރު ނޫސްވެރިކަމުގެ މިނިވަން ކަމަށް ގޮވާލައި ނޫސްވެރިންތަކެއް ކުރިން ކުރި މުޒާހަރާއެއް: ނޫސްވެރިކަމުގެ މިނިވަންކަން ބަލައި އިންޑެކްސްގައި ރާއްޖެއަށް 19 ދަރަޖައިގެ ކުރިއެރުމެއް ވަނީ ލިބިފައި-- ފޮޓޯ: ނިޝާން އަލީ/މިހާރު

ގިނަ ނޫސްވެރިން މިދުވަސްކޮޅު މަސައްކަތްކުރަނީ ގޭގައި ތިބެގެންނެވެ.

އެކަމަކު ރާއްޖޭގެ އިގުތިސާދު ހުއްޓިފައި އޮތުމުގެ ނުރަނގަޅު އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ބަޔަކީ ވެސް މީޑިއާ އެވެ. ޕީއެސްއެމް ނޫނީ އެހެން ގިނަ މީޑިއާތަކުގެ ނޫސްވެރިންނަށް ބަރާބަރަށް މުސާރަ ލިބޭނެތޯ ވެސް އޮތީ ސުވާލެކެވެ. އެކަމަކު ނޫސްވެރިން މަސައްކަތް ކުރަމުން އަންނަނީ އެއަށް ބެލުމެއް ނެތި އެވެ.

ރާއްޖޭގެ އެންމެ ތަޖުރިބާކާރު ނޫސްވެރިންގެ ތެރޭގައި ހިމެނޭ، އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވި ގޮތުގައި ކޮވިޑް-19އާ އެކު ކުރިމަތިވެފައިވާ މާލީ ދަތިކަމުގެ އަސަރު މީޑިއާތަކަށް މިހާރު ވެސް ވަނީ ވަރަށް ބޮޑަށް ކޮށްފަ އެވެ. އެގޮތުން އާންމުކޮށް ދެމުން އައި ގޮތަށް ނޫސްވެރިންނަށް މުސާރަ ވެސް ދެވެނީ މަދު މީޑިއާއަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މުސާރަ ނުދެވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް. އޭގެ ސަބަބުން ސްޓާފުން ހިފަހައްޓަން އުނދަގޫވެފައި މިވަނީ. ވަރަށް ޗެލެންޖްތައް އެބަހުރި މީޑިއާތަކަށް،" ސަން އޮންލައިންގެ ޗީފް އެޑިޓަރު ވިދާޅުވި އެވެ.

މިނިވަންކަމަށް ހުރަހެއް ނެތް

ދުނިޔޭގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ބަލާ އިންޑެކްސްގައި ރާއްޖެއަށް 19 ދަރަޖައިގެ ކުރިއެރުމެއް މި އަހަރު ލިބުނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މިނިވަން ނޫސްވެރިކަމާ ދެކޮޅަށް ފާސްކުރި އަބުރުގެ ގާނޫނު ފަދަ ގާނޫނުތައް އުވާލައި އާ ސަރުކާރުން ރަނގަޅު ފެށުމެއް ނޫސްވެރިންނަށް ދެއްކި އެވެ.

ހިރިގާ ވިދާޅުވީ މައުލޫމާތު ހޯދައި ހާމަކުރަން ހުރަސްތަކެއް މިހާރު ނެތް ކަމަށެވެ. ރަނގަޅަށް މަސައްކަތް ކޮށްފި ނަމަ ކަންކަން ތަހުގީގުކޮށް ހާމަކުރުމުގެ މިނިވަންކަން ނޫސްވެރިންނަށް އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފާރަވެރިވެ މަސައްކަތް ކުރަން ޗެނަލްތައް އެބަހުރި. އެކަންކަން ނޫސްވެރިން ބޭނުންކުރަންވީ. ކޮރަޕްޝަން ފަޅާއަރުވަން ވެސް ނޫސްވެރިން މަސައްކަތް ކުރަންވީ. އެ މަސައްކަތް ކުރުމަށް ހުރަސްތަކެއް އޮތް ތަނެއް ނުފެނޭ،" ހިރިގާ ވިދާޅުވި އެވެ.

ސަރުކާރާ ދެކޮޅަށް ފާޑުކިޔާ ޓީވީ ސްޓޭޝަންތަކާއި އެކި މީޑިއާތަކާ މެދު ވެސް ހަރުކަށި ފިޔަވަޅުތައް އަޅާތަން މިހާރު ނުފެންނަ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ކުރީ ސަރުކާރަށް ފާޑުކިޔައިގެން ރާއްޖެ ޓީވީ އާއި ސަންގް ޓީވީގެ އިތުރުން ވީޓީވީ އެތައް މިލިއަން ރުފިޔާއަކުން ޖޫރިމަނާކުރި އެވެ.

އެކަމަކު މީޑިއާގެ ބެލެނިވެރި ފަރާތްތަކުން މިފަހުން އަމަލުކޮށްފައިވާ ގޮތްތަކަށް ބައެއް ނޫސްވެރިން ފާޑުކިޔަ އެވެ. އެގޮތުން ޗެނަލް 13 އިން ދައްކަމުން އައި "މަޑިސީލަ" ޕްރޮގްރާމް ހުއްޓާލަން ބްރޯޑްކާސްޓިން ކޮމިޝަނުން އެންގުމާއި ބައެއް ނޫސްތަކުގެ ހަބަރުތަކަށް ބަދަލުގެންނަން މީޑިއާ ކައުންސިލުން އެންގުމަކީ ރަނގަޅު ކަންކަމެއް ނޫން ކަމަށް ހިރިގާ ވިދާޅުވި އެވެ. ޕްރޮގްރާމެއް ހުއްޓާލަން އެންގުމުގެ ބަދަލުގައި ފިޔަވަޅު އަޅަން ޖެހޭނީ އެ ގެނެސްފައިވާ ކޮންޓެންޓަކަށް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ދެން އޭގައި އަޅުގަނޑަކަށް ނޭނގެ އެއީ ސަރުކާރުގެ ނުފޫޒުން ކުރުވި ކަމެއް ކަމެއް. ނުވަތަ އެ މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުން މީޑިއާގެ ދާއިރާއިން އެ ނޮލެޖް ނެތީކަމެއް،" ހިރިގާ ވިދާޅުވި އެވެ.

އަފްޒަލް ވިދާޅުވި ގޮތުގައި ކުރިން އަންނަ ކަހަލަ ނުފޫޒެއް ސަރުކާރުގެ ތެރެއިން ޕީއެސްއެމަކަށް މިހާރަކު ނާދެ އެވެ. އޭގެ ހެޔޮ ބަދަލު ޕީއެސްއެމްގެ ޗެނަލްތަކުން ފާހަގަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިވެނި އެއްޗެއް ލިޔާކަށް، އެވެނި އެއްޗެއް ނުލިޔާކަށް ނާންގާ. ނޫސްވެރިން ބޭނުންވާ އެއްޗެއް ލިޔުމުގެ ފުރުސަތު މިހާރު އެބަ އޮތް. ރިޕޯޓްތަކަށް ބަލައިލުމުން ވެސް އެކަން މިހާރު އެނގޭނެ،" ނޫސްވެރިކަމުގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރެއްވި އަފްޒަލް ވިދާޅުވި އެވެ.

ކޮވިޑް-19 އާ އެކު މި ދުވަސްވަރު ރާއްޖޭގައި ސިޔާސީ މާ ބޮޑު ހަރަކާތްތަކެއް ނެތެވެ. އަދި އިންތިހާބުގެ ކެމްޕޭން ވެސް ވަނީ ހުއްޓާލައިފަ އެވެ. އެކަމަކު ކޮވިޑް-19 ގެ ކާރިސާ އައުމުގެ ކުރިން ޕީއެސްއެމުން ކަން ކުރަމުން ދިޔަ ގޮތަށް އިދިކޮޅު ބައެއް ފަރާތްތަކުން ހިތްހަމައެއް ނުޖެހެ އެވެ. ކުރިއެކޭ އެއްގޮތަށް ސަރުކާރު ޕްރޮމޯޓްކުރުމުގެ ބޮޑު މަސައްކަތެއް މިހާރު ވެސް ޕީއެސްއެމުން ކުރާކަން، އިދިކޮޅުން ދެކެ އެވެ.

އެމްއެމްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ އިން ހޯދަމުން އަންނަ ކުރިއެރުންތަކާ އެކު މިނިވަން ނޫސްވެރިކަމުގެ މުސްތަގުބަލް ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށެވެ.

ނޫސްވެރިންނަށް މިއަދު ކުރިމަތިވެފައި މި އޮތީ މިނިވަންކަމަށް ވުރެ ބޮޑަށް، މީޑިއާތައް ދެމިއޮތުމުގެ ސުވާލުތަކެކެވެ. އެކަމަކު މީޑިއާތަކަށް އެހީވުމުގެ ގޮތުން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެއީ ނޫސްވެރިން ފާހަގަކުރާ ކަމެކެވެ.