މިއަދު މަރުވި ބިދޭސީމީހާ މަސައްކަތް ކުރީ ކަޅުތުއްކަލާކޮށީގެ ބަދިގޭގައި

ފިޓްޖެހިގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެނިކޮށް، މިއަދު މަރުވި ބަންގްލަދޭޝް މީހާ އަކީ އެމްއެންޑީއެފްގެ ކަޅުތުއްކަލާކޮށި (ކޭކޭ) ގައި މަސައްކަތް ކުރާ މީހެއްކަން އެނގިއްޖެ އެވެ.


ބަންގްްލަދޭޝްގެ އުމުރުން 22 އަހަރުގެ އެ މީހާ ފިޓް ޖެހިގެން އައިޖީއެމްއެޗަށް އިއްޔެ ހަވީރު ގެންދިއުމުން ޓެސްޓް ކުރި އިރު ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އެހެންވެ އޭނާ އަކީ ކޮވިޑް ޖެހިގެން ރާއްޖެ އިން މަރުވި ދެވަނަ މީހާގެ ގޮތުގައި ރެކޯޑް ކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުންޏެވެ.

އެނގިފައިވާ ގޮތުގައި އޭނާ އަކީ ކަޅުތުއްކަލާ ކޮށީގައި ތިބޭ ސިފައިންނަށް ކެއްކުމަށް އެ ތަނުގެ ބަދިގޭގައި މަސައްކަތް ކުރާ މީހެކެވެ. ސިފައިންނަށް ކެއުންބުއިމުގެ ކަންކަންކަން ކޭކޭގައި ހަމަޖައްސަނީ ސިފައިންގޭގައި ހަދާފައި އޮންނަ ކުންފުނި ސިފްކޯ އިން ކަމަށް އެނގިފައިވެ އެވެ.

އެ މީހާ އައިޖީއެމްއެޗަށް ގެންދިޔައީ ސެނެހިޔާ ހޮސްޕިޓަލްގައި ހުންނަ ފްލޫ ކްލިނިކަށް ދައްްކަން ގޮސްް ހުއްޓާ ފިޓްޖެހުމުންނެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިއަދު މެންދުރު ފަހު ބޭއްވި ޕްރެސް ބްރީފިންއެއްގައި އައިޖީއެމްގެ އިންޓާނަލް މެޑިސިން ސްޕެޝަލިސްޓް ޑރ. މުހައްމަދު ފައިޝަމް ވިދާޅުވީ އެ މީހާގެ ސިކުނޑި އަށް ވަރަށް ބޮޑަށް ލޭ އަރާފައިވާކަން އެ ހިސްޕިޓަލުން ހެދި ސީޓީ ސްްކޭނުން ދައްކާ ކަމަށެވެ.

"ލޭ އަރަން ދިމާވި ސަބަބަށް ވެދާނެ ލޭހޮޅިއެއް ފަޅައިގެން ގޮސްގެން ސިކުނޑި ތެރެއަށް ލޭ އަރައިގެން ގޮސްގައި އޭނާއަށް ވީ އުނދަގޫތައް ވެސް،" ޑރ. ފައިޝަމް ވިދާޅުވި އެވެ.

ފިޓްޖެހުމާއި ހިތް ހުއްޓުން ފަދަ އެހެން ކަންތައްތަކަކީ އޭނާގެ ސިކުނޑި އަށް ވެފައި ހުރި ގެއްލުންތަކުގެ ސަބަބުން ކުރިމަތިވި ކަންތައްތައް ކަމަށް ވެދާނެ ކަމަށާއި ސިކުނޑިއަށް ލޭ އެރީ ކުރިން ވެސް ހުރި ބައްޔެއްގެ ސަބަބުން ކަމަށް ލަފާކުރެވޭ ކަމަށް ޑރ. ފައިޝަމް ވިދާޅުވި އެވެ.

މިއަދުގެ ޕްރެސް ބްރީފިން ގައި އައިޖީއެމްއެޗުގެ ޑރ. މޫސާ ހުސައިން ވެސް ވިދާޅުވީ ބިދޭސީ މީހާ މަރުވީ ކޮވިޑް-19 ޖެހި، އެބަލި ބޮޑުވުމުގެ ސަބަބުން ކަމަށް ބެލެވޭނެ އެއްވެސް އަލާމާތެއް ނެތް ކަމަށެވެ. ކޮވިޑްގައި ބަލި ބޮޑުވެ، މީހުންގެ ފުރާނަ އަށް ނުރައްްކާ ވަނީ ނިއުމޯނިއާ އަށް ބަދަލުވެ، އޮކްސިޖަން މަދުވުމުގެ ސަބަބުންނެވެ. އެކަމަކު މިހާރު އަމަލުކުރަމުން އަންނަ އުސޫލަކީ ބަލިވެގެން ޑޮކްޓަރަށް ދައްކަން ދާ ހުރިހާ އެންމެން ވެސް ކޮވިޑް-19 އަށް އަށް ޓެސްޓް ކުރުމެވެ.

މާލޭގައި ކޮވިޑް-19 ފެތުރެން ފެށި ފަހުން ސިފައިންގެ ބައެއް މީހުން ވެސް ވަނީ އެ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އެ ބައްޔަށް ރާއްޖެ އިން ޕޮޒިޓިވްވި މީހުންގެ އަަދަދު 557 އެރި އިރު، އެ ބަަލީގައި ދެ މީހަކު ވަނީ މަރުވެފަ އެވެ. ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ.