ކޮވިޑް-19: ކުލި ނުދެއްކިގެން 12 މީހަކު ގެއިން ނެރެފައިވޭ: އެޗްއާރްސީއެމް

ކޮވިޑް-19އާ ގުޅިގެން ދިމާވި މާލީ ދަތިކަމުގެ ސަބަބުން ކުލި ނުދެއްކުނު 12 މީހަކު ގެއިން ނެރެފައިވާ ކަމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކުރި ދިރާސާއަކުން ދައްކައިފި އެވެ.


ކޮވިޑް-19އާ ގުޅިގެން ރައްޔިތުންގެ އަސާސީ ހައްގުތަކުގެ ހާލަތު ދެނެގަތުމަށް، 1،091 މީހުންނާއި 33 ކައުންސިލެއް ބައިވެރިކޮށްގެން އެޗްއާރުސީއެމުން ހެދި ދިރާސާގައި ބުނީ، މައުލޫމާތު ދިން މީހުންގެ ތެރެއިން 25 މީހަކަށް ކުލި ދެއްކޭނެ ގޮތެއް ނެތުމުން ދިރިއުޅޭ ތަނުން ނެރެލާނެ ކަމަށް ގޭގެ ވެރިފަރާތުން އަންގާފައިވާ ކަމަށެވެ. އަދި 12 މީހަކު ކުލި ދެއްކޭނެ ގޮތެއް ނެތިގެން ދިރިއުޅެމުން ދިޔަ ތަނުން ނެރެފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އަދި އަށް މީހަކު ވަގުތީ ހިޔާތަކުގައި ދިރިއުޅެމުން އަންނަ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ކުލި ނުދެއްކިގެން ގެއިން ނެރުނު މީހުންގެ ތެރޭގައި ކިތައް އާއިލާ ހިމެނޭ ކަމެއް އަދި އެއީ ކޮން ރަށެއް ކަމެއް ރިޕޯޓުގައި ބުނެފައެއް ނުވެ އެވެ.

ވަގުތީ ހިޔާތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން މައުލޫމާތު ދިން ފަސް މީހެއްގެ މުސާރަ އަށް އަސަރުކޮށް ރޯދަ މަހުގެ އިނާޔަތް ނުލިބުމުގެ ސަބަބުން ކާބޯތަކެތި ހޯދުމަށް ވެސް ދަތިތަކާ ވަނީ ކުރިމަތިވެފަ އެވެ. އަދި މައުލޫމާތު ދިން ތިން މީހަކު ވަނީ ލޮކްޑައުންގެ ސަބަބުން ދިރިއުޅޭ ރަށް ނޫން އެހެން ރަށެއްގައި ތާށިވެފަ އެވެ.

ކޮމިޝަންގެ ރިޕޯޓްގައި ބުނެފައި ވަނީ މައުލޫމާތު ދިން 44 ޕަސެންޓް މީހުން ކުއްޔަށް އުޅެމުން އަންނައިރު އޭގެ ތެރެއިން 30 ޕަސެންޓް މީހުންގެ އާމްދަނީ ދަށްވެ، ކުލި ދެއްކުމަށް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. އަދި 17 ޕަސެންޓް މީހުންގެ އާމްދަނީ ދަށްވެ ކުލި ދެއްކޭނެ ގޮތެއް ނެތް ކަމަށް ވަނީ ބުނެފަ އެވެ.

ކޮވިޑް-19އާ ގުޅިގެން 12 ޕަސެންޓް މީހުންގެ ގެއިން ކުލި ކުޑަކޮށް ދީފައިވާއިރު 42 ޕަސެންޓް މީހުންގެ ކުއްޔަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މައުލޫމާތު ދިން މީހުންގެ ތެރެއިން 74 ޕަސެންޓް މީހުން ބުނެފައިވަނީ ލިބެންވާ މުއްދަތުގެ ތެރޭގައި ހަމަޔަށް މުސާރަ ލިބުނު ކަމަށެވެ. މުސާރަ ނުލިބޭ ކަމަށް ބުނެފައިވަނީ 26 ޕަސެންޓް މީހުންނެވެ.

ކޮވިޑް-19 އާ ގުޅިގެން 53 ޕަސެންޓް މީހުންގެ ވަޒީފާ އަށް އަސަރުކޮށްފައިވާ ކަމަށް ބުނެފައިވާއިރު އޭގެ ތެރެއިން 46 ޕަސެންޓް މީހުން މަސައްކަތް ކުރަނީ އަމިއްލަ ވިޔަފާރިތަކުގަ އެވެ. އަދި 25 ޕަސެންޓް މީހުން އަމިއްލަ މަސައްކަތެއްގައި އުޅޭއިރު 21 ޕަސެންޓް މީހުންނަކީ ދައުލަތުގެ މުއައްސަސާއެއްގައި މަސައްކަތް ކުރާ މީހުންނެވެ.

މައުލޫމާތު ދިން މީހުންގެ ތެރެއިން 50 ޕަސެންޓް މީހުން ބުނެފައިވަނީ ކޮވިޑް-19 ގެ ސަބަބުން އެ ފަރާތްތަކުގެ މުސާރަ އަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. މުސާރަ އަށް ބަދަލު އައިސްފައިވާ ކަމަށް ބުނެފައި ވަނީ 42 ޕަސެންޓް މީހުންނެވެ.

ދިރާސާގެ އަލީގައި އެޗްއާރުސީއެމުން ވަނީ ކޮވިޑް-19 އާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލި މުސާރަތަކަށް އަސަރުކޮށްފައިވާތީ އެފަދަ ފަރާތްތަކަށް އެހީވުމަށް ސަރުކާރުން އިއުލާންކޮށްފައިވާ އިކޮނޮމިކް ރިލީފް ޕެކޭޖާއި އެފަދަ އެހީތައް ލަސްނުކޮށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް އެދިފަ އެވެ.