ފަސް ފުލުހަކަށް ކޮވިޑް-19 ޖެހިފައިވޭ: ހޯމް މިނިސްޓަރު

ކޮވިޑް-19 އާ ދެކޮޅަށް އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ ފަސް ފުލުހަކު، އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.


ފަރުވާއެއް މިހާތަނަށް ހޯދިފައި ނުވާ ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން، ވަޒީފާ އަށް ނުގޮސް ގޭގައި މަޑުކުރަން ގިނަ ބަޔަކަށް މަޖުބޫރު ވި އެވެ. ނަމަވެސް ސިއްހީ މަސައްކަތްތެރިންނާ އެކު ފުލުހުންނާއި ސިފައިން އަންނަނީ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަމުންނެވެ.

"ރާއްޖެ ޓީވީ" އަށް މިނިސްޓަރު އިމްރާން މިރޭ ދެއްވި އިންޓަވިއުއްގައި ވިދާޅުވީ، އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވުމުގެ ބިރު ބޮޑު ކަމަށެވެ. އަދި މިހާތަނަށް ފަސް ފުލުހަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަން ހާމަކުރެއްވި އެވެ.

"މިހާތަނަށް ފަސް ފުލުހަކު ޕޮޒިޓިވްވެ، 160 އަށް ވުރެ ގިނަ ފުލުހުން ވަނީ ކަރަންޓީން ކުރެވިފައި،" އިމްރާން ވިދާޅުވި އެވެ.

ފުލުހުންނަށް އިރުޝާދު ދެނީ، އާއިލާއާ ގާތަށް ދިިއުން ވީހާ ވެސް މަދުކުރުން ކަމަށް އިމްރާން ވިދާޅުވި އެވެ. އެކަށީގެންވާ އަދަދެއްގެ ފުލުހުން، ގެއަށް ނުގޮސް އެހެން ތަންތަނުގައި މަޑުކުރެވޭނެ އިންތިޒާމު ހަމަޖައްސާދީފައި ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގިނަ އަދަދެއްގެ ފުލުހުން ކަރަންޓީން ކުރަން ޖެހުމަކީ ފުލުހުންގެ އޮޕަރޭޝަންތަކަށް ބުރޫއަރާ ކަމެކެވެ. ނަމަވެސް ސިފައިންނާއި ސިއްހީ މަސައްކަތްތެރިންނާ އެކު، ކޮވިޑް-19 އިން ރައްކާތެރިކުރުމުގައި ފުލުހުން ދެމި ތިބޭނެ ކަމަށް ވިދާޅުވި އެވެ.

"އެންމެ އިސް ސަފުގައި މަސައްކަތްކުރަން ޖެހޭ ބަޔަކަށް ފުލުހުން ވާ ހިނދު، މި ބައްޔަށް ފުލުހުން ހުށަހެޅުމުގެ ބިރު ބޮޑު،" އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުން އަމަލުކުރަން ޖެހޭ ހާއްސަ އެސްއޯޕީއެއް އެކުލަވައިލާފައިވާ ކަމަށެވެ. އަދި ލިބެމުން އަންނަ މައުލޫމާތާ އެއްގޮތަށް އެ އުސޫލު ބަދަލުކޮށް، ކޮންމެ ދުވަހަކު ވެސް ފުލުހުންނަށް ހިއްސާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ފުލުހުންނަށް އިރުޝާދު ދެނީ، އާއިލާއާ ގާތަށް ދިިއުން ވީހާ ވެސް މަދުކުރުން ކަމަށް އިމްރާން ވިދާޅުވި އެވެ. އެކަށީގެންވާ އަދަދެއްގެ ފުލުހުން، ގެއަށް ނުގޮސް އެހެން ތަންތަނުގައި މަޑުކުރެވޭނެ އިންތިޒާމު ހަމަޖައްސާދީފައި ވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މާލޭގެ ގޭގެ އަށް ތާޒާ ފެން ޑެލިވަރީ ކުރުމުގައި ފުލުހުންތަކެއް މަސައްކަތުގައި: ކޮވިޑް-19 އާ ގުޅިގެން ފުލުހުން ވެސް ތިބީ އެލާޓްގައި.---ފޮޓޯ؛ ޕޮލިސް

މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން، ރައްޔިތުން ބޭނުންވާ އެކި ކަންތައް ކުރަން ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި ކާބޯތަކެތި ޑެލިވަރީ ކުރުމުގެ މަސައްކަތް ހިމެނެ އެވެ.

ލޮކްޑައުންގެ އަމުރުތަކާ ހިލާފުވާ މީހުންނަށް ނަސޭހަތްދީ، ޖޫރިމަނާކޮށް އަދި ހައްޔަރުކުރުމުގެ މަސައްކަތް ވެސް ފުލުހުން އަންނަނީ ކުރަމުންނެވެ. މިހާތަނަށް 170 އަށް ވުރެ ގިނަ މީހުން ފުލުހުން ވަނީ ޖޫރިމަނާކޮށްފަ އެވެ.

ރާއްޖެއިން މިހާތަނަށް 744 މީހަކަށް ކޮވިޑް ޖެހިފައިވާއިރު އޭގެ ތެރެއިން ތިން މީހަކު ވަނީ މަރުވެފަ އެވެ. އެންމެ ގިނައިން މި ބަލި ޖެހިފައި ވަނީ، ތޮއްޖެހިފައިވާ ތަންތަނުގައި އުޅެން މަޖުބޫރުވި ބިދޭސީންނެވެ. މިހާތަނަށް ރާއްޖެ އިން މި ބަލިން ރަނގަޅުވީ އެންމެ 20 މީހެކެވެ.