ވެމްކޯގެ ކޯލް ސެންޓަރުގައި މަސައްކަތްކުރާ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ކުނި އުކާލުމުގެ ހިދުމަތް ދޭ ވެމްކޯގެ ކޯލް ސެންޓަރުގައި މަސައްކަތްކުރާ ދިވެހި އަންހެން މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.


ވެމްކޯގެ މާކެޓިން އެންޑް ޕީއާރު އޮފިސަރު އަހުމަދު އާޒިމް "މިހާރު" ވިދާޅުވި ގޮތުގައި އެ މުވައްޒަފު ކޮވިޑް-19 އަށް ޕޮޒިޓިވިކަން ރޭ އެންގުމާއެކު ކޯލް ސެންޓާ ހިންގާ އޮފީސް ބަންދުކޮށްފައިވާ ކަމަށެވެ. އަދި އެތަނުގައި މަސައްކަތްކުރާ އެހެން މުވައްޒަފުން މިވަގުތު ތިބީ އެޗްޕީއޭގެ އެންގުމުގެ މަތިން ހޯމް އައިސޮލޭޝަންގައި ކަމަށް އާޒިމް ވިދާޅުވި އެވެ.

ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު އެޗްޕީއޭ އިން އަންނަނީ ކުރަމުންނެވެ.

ވެމްކޯގެ ކޯލް ސެންޓަރު ހިންގަނީ މަޖީދީމަގުގައި ހުންނަ އެ ކުންފުނީގެ ހެޑް އޮފީސް އިމާރާތުގަ އެވެ.

އާޒިމް ވިދާޅުވީ ޕޮޒިޓިވްވި މުވައްޒަފާ، މާލޭން ކުނި ނެގުމުގެ މަސައްކަތް ކުރާ މުވައްޒަފުންނާ ބައްދަލުލުވެފައި ނުވާ ކަމަށެވެ.

"ސީދާ ދަންނަވާކަށް ނޭނގެ ޕޮޒިޓިވްވިކަން އެނގުނުއިރު އެ މުވައްޒަފު އޮފީހަށް ނުކުންނަ ކަމެއް. އެކަންކަން ބަލަމުން މިދަނީ،" އާޒިމް ވިދާޅުވި އެވެ.

ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މިދިޔަ މަހުގެ 15 އިން ފެށިގެން މުޅި މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި ވިޔަސް ވެމްކޯއިން އަންނަނީ ކުނި އުކާލުމުގެ ހިދުމަތް ދެމުންނެވެ. ނަމަވެސް ކުނި ބަލައި ވެމްކޯގެ މުވައްޒަފުން މިހާރު ގޭގެއަކަށް ނުދެ އެވެ. ގޭބިސީތަކުން ޖެހެނީ މަގުމައްޗަށް ކުނި ނެރޭށެވެ.

ލޮކްޑައުންއާއެކު ވެސް ހިދުމަތުގައި އުޅޭ ސިފައިންނާއި ފުލުހުންގެ އިތުރުން އެމްޓީސީސީގެ މުވައްޒަފެއް ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. ރާއްޖޭން މިހާތަނަށް 744 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި ގިނައީ ބިދޭސީންނެވެ.