ކަސްޓަމްސްގައި ނުގެންގޮސް އޮތް ޕެކޭޖެއް ނައްތާލަން ބެލިއިރު މަސްތުވާތަކެތި

ރާއްޖެ އެތެރެކުރުމަށް ފަހު ނުގެންގޮސް ކަސްޓަމްސްގެ ގުދަނުގައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ޕެކޭޖެއްގެ ތެރެއިން މަސްތުވާތަކެތި ފެނިއްޖެ އެވެ.


ކަސްޓަމްސް އިން ބުނީ ޑްރަގްސް ފެނުނު ޕެކޭޖަކީ ވެރިފަރާތުން ހަވާލުނުވެ ގިނަ ދުވަސްވުމުގެ ސަބަބުން ނައްތާލަން ކަނޑައެޅި އެއްޗެހީގެ ތެރޭގައި ހިމެނޭ ޕެކޭޖެއް ކަމަށެވެ. ފެނުނު އެއްޗެހި ކެނަބިހަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އޭގެ ބަރުދަނުގައި 542 ގްރާމް ހުރި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ މިދިޔަ އާދިއްތަ ދުވަހު މަސްތުވާތަކެތި ފެނުނީ ކާގޯ ގުދަނުން އެ މުދާތައް ނެރެ ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެ މައްސަލަ ތަހުގީގުކުރަން، މަސްތުވާތަކެތި ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.