ކުއްޔާއި ފީތަކަށް އެމްޕީއެލް އިން ބޮޑެތި ލުއިތަކެއް ދީފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުއްޔަށް ދީފައިވާ ތަންތަނުގެ ކުއްޔަށާއި އެ ކުންފުންޏަށް ދައްކަން ޖެހޭ ފީތަކަށް ބޮޑެތި ލުއިތަކެއް، ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ މާލީ ދަތިކަމަށް އެހީތެރިވުމުގެ ގޮތުން އެ ކުންފުނިން ދީފި އެވެ.


އެމްޕީއެލްއިން ކޮށްފައިވާ އިއުލާނެއްގައި ބުނީ ކެއިންބުއިމުގެ ހިދުމަތް ދިނުމަށް އެ ކުންފުނިން ދޫކޮށްފައިވާ ތަންތަނުގެ ކުލި ސިއްލީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ބަންދުކުރަން އެންގި ތާރީހުން ފެށިގެން މާފުކޮށްދޭން ނިންމާފައިވާ ކަމަށެވެ.

ނޯތު ހާބަރުގައި ލެމަންގްރާސްއިން ކެފޭ ހިންގަމުން އަންނަނީ އެމްޕީއެލްގެ އިމާރާތެއްގަ އެވެ.

އޭގެ އިތުރުން ފިހާރަ އާއި ގުދަން ހިންގުމަށް ދޫކޮށްފައިވާ ތަންތަނުގެ މޭ މަހާއި ޖޫން މަހުގެ ކުލިން 30 ޕަސެންޓް އުނިކޮށްދޭން ވަނީ ނިންމައިފަ އެވެ. އަދި އެތަންތަނުގެ އޭޕްރީލް މަހާއި މޭ މަހުގެ އިތުރުން ޖޫން މަހުގެ ކުލި ޖޫރިމަނާއަކާ ނުލައި ބަލައިގަތުމުގެ މުއްދަތު ޖޫން މަހުގެ ނިޔަލަށް ވަނީ އިތުރުކޮށްދީފަ އެވެ.

އެމްޕީއެލް ސަރަހައްދުގައި ބޭނުންކުރާ ލޮރީތަކާއި ޕިކަޕުތަކުން ދައްކަން ޖެހޭ ފީގެ ތެރެއިން މޭ އަދި ޖޫން މަހުގެ ފީން 30 ޕަސެންޓް ކަނޑައިދޭން ވެސް ވަނީ ނިންމާފަ އެވެ. އަދި މެއި މަހާއި ޖޫން މަހުގެ ފީ އިތުރު ޖޫރިމަނާއަކާ ނުލައި ބަލައިގަތުމުގެ މުއްދަތު ޖޫން މަހުގެ ނިޔަލަށް ވަނީ އިތުރުކޮށްދީފަ އެވެ.

މީގެ އިތުރުން އެ ކުންފުނީގެ އެހެނިހެން ހިދުމަތްތަކަށް ދައްކަން ޖެހޭ ފީ ވެސް ޖޫރިމަނާއަކާ ނުލައި ދެއްކުން ޖޫން މަހުގެ ނިޔަލަށް ވަނީ ފަސްކޮށްދީފަ އެވެ.