އިންޓަނެޓް މައްސަލާގައި ބޭއްވި ކޮމެޓީގެ ބައްދަލުވުމަށް ވެސް އިންޓަނެޓުގެ ހުރަސްތައް!

އިންޓަނެޓުގެ ޚިދުމަތާއި އަގާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުން މިއަދު އޮންލައިންކޮށް ބޭއްވި ކޮމިޓީގެ ބައްދަލުވުމަށް ވެސް އިންޓަނެޓުގެ މައްސަލަތައް ކުރިމަތިވެ، ކުރިއަށް ގެންދަން ދަތިވެ، މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.


ދެ ގަޑިއެއްހާ އިރަށް ކުރިއަށް ގެންދިޔަ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލާއި ކޮމިޓީގެ މެމްބަރުން ވެސް ވާހަކަތައް އަޑު ކެނޑިގެން ދިއުމާއި އެކި ޓެކްނިކަލް މައްސަލަތައް ދިމާވަމުން ދިޔަ އެވެ. އެހެންވެ، ސާފުކޮށް މަންޒަރާއި އަޑު ނުލިބުމުގެ ޝަކުވާތައް މެމްބަރުން ކޮމިޓީގައި ވެސް ކުރައްވަމުން ގެންދެވި އެވެ.

އެ ބައްދަލުވުން ކުރިއަށް ގެންދަން އެތައް ދަތިތަކެއް ދިމާވަމުންދާ ކަން ފާހަގަ ކުރައްވައި، އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ރައްޔިތުންގެ ޝަކުވާއަކީ ވެސް ޚިދުމަތުގެ ފެންވަރު ދަށްވުން ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ގޭގައި ތިބެގެން މަސައްކަތް ކުރަން ބަލާއިރު، އިންޓަނެޓުގެ ޚިދުމަތާއި އަގު ރަނގަޅުވާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މުގައްރިރުގެ މަންޒަރު އަޅުގަނޑަށް އިންނަނީ ފްރީޒް ވެފައި. ވަޒީރު އެބަ ފެނޭ. ޗެޓް ވިންޑޯގައި އަޅުގަނޑުމެންނަށް ނުއެއް ލިޔެވޭ. މި ޕޮއިންޓްތައް އަޅުގަނޑު ހަމަ ފާހަގަ މި ކުރަނީ ބައްދަލުވުން ފެށުނީއްސުރެ ހުރި ޓެކްނޮލޮޖީ އިޝޫތައް،" ސަލީމް ވިދާޅުވި އެވެ.

މިނިސްޓަރު މަލީހް ވިދާޅުވީ އިންޓަނެޓްގެ ޚިދުމަތުގެ ސްޕީޑާއި އަގު ރަނގަޅުވާން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ސަލީމް ދެއްކެވި ވާހަކަތަކަށް ތާއީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މެމްބަރު ތި ފާހަގަ ކުރެއްވީ ނިއު ނޯމަލްއަށް، މުޅި ގައުމު ހުއްޓުމެއްގައި އޮތްއިރު ކިހިނެއްތޯއޭ މަސައްކަތް ކުރެވޭނީ މިހިރީއޭ އަޅުގަނޑުމެންގެ މީޓިންގެ ހާލަތު ހުރިގޮތުން. އެއީ ހަމަ ވަރަށް ބޮޑު ތެދުފުޅެއް،" މަލީހް ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އެދުމަށް އިންޓަނެޓްގެ ޚިދުމަތްތަކުގެ އަގު ވަނީ ކުޑަކޮށްފަ އެވެ.