ޓެގް އެޅުވީ ދައުވާ ނުކުރުމުން ދޫކޮށްލަން ޖެހުނު މީހުންގެ

ހަރުކަށި ފިކުރުގެ މީހުންގެ ތެރެއިން ފައިގައި ޓެގް އެޅުވީ މިދިޔަ ފެބްރުއަރީ މަހު ހުޅުމާލޭގައި ޓޫރިސްޓުންނަށް ވަޅިން ހަމަލާ ދިން މައްސަލައިގައި ދައުވާ ނުކުރެވި ދޫވި މީހުންގެކަން "މިހާރު" އަށް އެނގިއްޖެ އެވެ.


ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވާ ގޮތުގައި އަށް މީހެއްގެ ފައިގައި ޓެގް އަޅުވަން ހައި ކޯޓުން ވަނީ އަމުރު ލިބިފަ އެވެ. އެނގިފައިވާ ގޮތުގައި އެ މީހުންގެ ޓެގް އެޅުވީ އެއް އަހަރުގެ މުއްދަތަށެވެ.

ނުރައްކާތެރިކަމަށް ބެލެވޭ އަށް މީހެއްގެ ފައިގައި ޓެގް އެޅުވި އިރު ހުޅުމާލޭގައި ޓޫރިސްޓުންނަށް ހަމަލާ ދިން މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވީ ވެސް އަށް މީހެއްގެ މައްސަލަ އެވެ. އެ އެންމެން ވެސް ވަނީ، ކުށް ސާބިތުކުރުމަށް އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ތަހުގީގު އަލުން ފުރިހަމަކުރަން ޕީޖީން އެންގުމުން، ބަންދުގެ މުއްދަތު ހަމަވެ މިދިޔަ ހަފުތާގައި ދޫކޮށްލަން ޖެހިފަ އެވެ. ނަމަވެސް ޕީޖީ ހުސައިން ޝަމީމް ވިދާޅުވި ގޮތުގައި އެއީ ދައުވާ ނުކުރަން ނިންމާފައިވާ މައްސަލައެއް ނޫނެވެ.

ޕީޖީން އެދުނު ގޮތަށް ފުލުހުން ތަހުގީގު ފުރިހަމަކުރަމުން އަންނައިރު، އެންމެ ފުރަތަމަ ޕީޖީ އަށް މައްސަލަ ފޮނުވި އިރު، ބައެއް މީހުން ކުށަށް އިއުތިރާފް ވެފައިވާކަން ވަނީ އެނގިފަ އެވެ. އަދި ދައުވާކުރަން އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް އެންގީ، ދައުވާ ނުކޮށް ބަންދުގައި ބައިތިއްބަން ފުލުހުންނަށް ލިބޭ މުއްދަތު ހަމަވި ވަގުތާ ދިމާކޮށް ކަމަށް ވެސް އެނގިފައިވެ އެވެ.

ވަޅި ހެރި މައްސަލާގައި ތުހުމަތުކުރެވޭ އަށް މީހުން

- އިބްރާހިމް އަހްސަން މުހައްމަދު، ރ. ކަނދޮޅުދޫ/ފެހިވިލާ

- މުހައްމަދު މާތިއު އަބްދުއްރައްޒާގް، ޅ. ނައިފަރު/އަލިހާ

- އަހްމަދު ރިޝްވާން، ތ. ތިމަރަފުށި/ގާޑެން ހައުސް

- މުހައްމަދު ސޮބާހް، ކ.މާލެ/ވ.ލަންދޫގެ އާގެ

- އަބްދުﷲ މުއާޒް، ހދ. ނޮޅިވަރަން/ކަސަބް

- އަލީ ހަމްޒަތު، ގދ. ވާދޫ/ސީސަންގެ

- މުހައްމަދު ވިސާލް އިބްރާހިމް، ތ.ތިމަރަފުށި/ބަގީޗާގެ

އީސާ މުހައްމަދު، ޅ. ނައިފަރު/އަލިވާގެ

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ފެބްރުއަރީ ހަތަރު ވަނަ ދުވަހުގެ ރޭ ޗައިނާގެ ދެ މީހަކާއި އޮސްޓްރޭލިއާގެ މީހަކަށް ހަމަލާ ދިނީ ރ. މަޑުއްވަރީގައި މިދިޔަ އަހަރު ފަހުކޮޅުގައި ފުލުހުން ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަނުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ތަހުގީގަށް ވަނީ އެނގިފަ އެވެ. ހަމަލާ ދިނުމުގައި އަމަލީ ގޮތުން ތިން މީހަކު ބައިވެރިވެފައިވާ ކަމަށާއި ދެން ތިބި ފަސް މީހުންނަކީ އެހެން ގޮތްގޮތުން ބައިވެރިވި މީހުން ކަމަށް ފުލުހުން ބުންޏެވެ.

ހުޅުމާލޭގައި ބިދޭސީންނަށް ވަޅިން ދިން ހަމަލާތަކުގެ ތަހުގީގުގައި، ފުލުހުން ވީޑިއޯ ފުޓޭޖް ހޯދަން ހަރަކާތްތެރިވަނީ

މި މީހުންގެ ޓެގް އެޅުވީ ހޯމް މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ފަރާތްތަކުން މުޖުތަމައުގެ ނުރައްކަލަށް ކުރަމުންދާ ބައެއް ކަންތައްތަކުގެ ސަބަބުން އެ ފަރާތްތައް ކޮންޓްރޯލްކޮށް ބަލަހައްޓަންޖެހޭތީ، ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ލިބޭ އިހުތިޔާރުގެ ދަށުންނެވެ. އިމްރާން ވިދާޅުވީ، މި މީހުންނަކީ ރައްޔިތުންގެ މުދަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގަން ވެސް ރޭވި ބައެއް ކަމަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި މި ފަހުން ހިނގާފައިވާ އަލިފާނުގެ ހާދިސާތަކާއި ބޮޑެތި ބައެއް ވައްކަންތަކާ ވެސް، ހަރުކަށި ފިކުރުމުގެ ބަޔަކާ ގުޅުން އޮތްކަމާއި މިފަދަ ބައެއް އަމަލުތައް ހިންގަން ރާވަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބި ހުއްޓުވާފައިވާކަން ވެސް ވަނީ އެނގިފަ އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ބުނާގޮތުން، އެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށެއް ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އެކަށީގެންވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް، މުޖުތަމައަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް މިނިސްޓަރަށް ފެންނަ މީހުންގެ މައްޗަށް މޮނިޓަކޮށް ކޮންޓްރޯލް ކުރުމުގެ އަމުރު ނެރެދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެ އެވެ. ހައި ހޮމެ މކކޯޓުން ނެރޭ އަމުރު ތަންފީޒު ކުރަން ޖެހޭނީ ފުލުހުންނެވެ.