އިންތިޚާބު ފަސްކުރާ ބިލް ތަސްދީގު ކުރައްވައި، ސިވިލް ސާވަންޓުންގެ ސަސްޕެންޝަން ނިމުމަކަށް

ލޯކަލް ކައުންސިިލް އިންތިޚާބު އަންނަ އަހަރަށް ފަސްކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސް ތަސްދީގު ކުރެއްވުމާ އެކު، އިންތިޚާބަށް ކުރިމަތިލުމުގެ ސަބަބުން ސަސްޕެންޝަންގައި ތިބި ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން ނިމުމަކަށް އަތުވެއްޖެ އެވެ.


މިދިޔަ މަހު ބާއްވަން ހަމަޖެއްސި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު ކޮވިޑް-19 އާ ގުޅިގެން ފަސްކުރަން ޖެހުނުއިރު، ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ސަބަބުން ގާނޫނުގެ ދަށުން ބައެއް ސިވިލް ސާވިސް މުވައްޒަފުން މިއަދާ ހަމައަށް ވެސް ތިބީ ސަސްޕެންޝަންގަ އެވެ.

އިންތިޚާބު އެއް އަހަރަށް ފަސްކުރުމަށް މަޖިލީހުން މިދިޔަ މަހު ފާސްކުރި ލޯކަލް ކައުންސިލް އިންތިޚާބުގެ ޚާއްސަ ގާނޫނުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ ތަސްދީގު ކުރައްވައިފަ އެވެ. އެ އެ ގާނޫނުގައި އިންތިޚާބު ދެން ބާއްވާނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން އަދި އާންމު ސިއްހަތަށް ނުރައްކަލެއް ނެތްކަން ކަމާބެހޭ އިދާރާތަކުން ކަނޑައެޅުމުންނެވެ.

އެ ބިލް ގާނޫނަކަށް ވުމާ އެކު، އެ އިންތިޚާބަށް ކުރިމަތިލުމުގެ ސަބަބުން ސަސްޕެންޝަންގައި ތިބި ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން މިއަދުން ފެށިގެން ނިމުމަކަށް އައީ އެވެ. އެކަމަކު އިންތިޚާބަށް އަލުން އިއުލާން ކުރެވެންދެން ކެމްޕެއިންގެ އެއްވެސް ހަރަކާތެއް އެ މީހުން ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށް އެ ގާނޫނުގައިވެ އެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން މިއަދު ނިމުމަކަށް އައިއިރު، އެ މައްސަލާގައި ހައްލެއް ހޯދައިދޭން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހައި ކޯޓަށް ވެސް ކުރިން މައްސަލައެއް ހުށަހެޅި އެވެ. އެކަމަކު ހައި ކޯޓުން ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމައިފަ އެވެ.

އިންތިޚާބު ފަސްކުރުމުގެ ބިލް ތަސްދީގުު ކުރެއްވިއިރު، އާ ކައުންސިލް މެމްބަރުން އިންތިޚާބު ކުރެވެންދެން މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ހުށަހެޅި ބިލެއް ވެސް މަޖިލީހުގައި އެބައޮތެވެ. އެކަމަކު އެ ބިލް މަޖިލީހުން އަދި ފާހެއް ނުކުރެ އެވެ.