އިންޑިއާގެ 16 ސިޓީއަކުން 234 ދިވެއްސަކު މާދަމާ ރާއްޖެ ގެންނަނީ

ކޮވިޑް-19 އާ ގުޅިގެން އިންޑިއާގައި ތާށިވެފައި ތިބި 234 ދިވެއްސަކު މާދަމާ ރާއްޖެ ގެންނާނެ ކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ.


އެ މިނިސްޓްރީން ބުނީ އިންޑިއާގެ 16 ސިޓީއަކުން 200 އަށް ވުރެ ގިނަ ދިވެހިން ރާއްޖެ ގެންނަނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ދެ ފްލައިޓެއްގައި ކަމަށެވެ.

އެ މީހުން ގެންނަނީ ޕަންޖާބް، ކަލްކަތާ، ގުރްގުއާން، ރިޝިކޭޝް، ދިއްލީ، ވެއްލޫރު، ޗެންނާއީ، ޓްރިވެންޑްރަމް، ކޮޗިން، ބެންގަލޫރު، ޕޫނޭ، ގޯއާ، ޖަމްނާގަރް، އެޒިމާލާ، ވެލިންޓަން އަދި ޕަޗްމާރީން ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

މޯލްޑިވިއަންގެ އެންމެ ބޮޑު މަތިންދާބޯޓު، އެއާބަސް ދަތުރުކުރާނީ އެ މިނިސްޓްރީން ބުނިގޮތުގައި، މާލެ–ދިއްލީ– ޓްރިވެންޑްރަމް–މާލެ ރޫޓުގައި ކަމަށެވެ. މި މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާނީ މެންދުރު ދޭއް ޖަހާއިރު އެވެ.

ޑޭޝް މަތިންދާބޯޓު ދަތުރުކުރާނީ މާލެ–ޓްރިވެންޑްރަމް–މާލެ ރޫޓްގަ އެވެ. ފޮރިން މިނިސްޓްރީން ބުނީ، އެ މަތިންދާބޯޓު ހުޅުލެ އަށް ޖައްސާނީ މެންދުރު 1:10 ގައި ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ، މި ދެ މަތިންދާބޯޓުގައި ރާއްޖެ އަންނަން ދިވެހިންގެ ތެރެއިން ދުރު ސަރަހައްދުތަކުގައި އުޅޭ މީހުން ދިއްލީ އަށާއި ޓްރިވެންޑްރަމަށް މިހާރު ދަތުރު ފަށާފައިވާ ކަމަށެވެ.

އެ މީހުން ގެންނަނީ ޕަންޖާބް، ކަލްކަތާ، ގުރްގުއާން، ރިޝިކޭޝް، ދިއްލީ، ވެއްލޫރު، ޗެންނާއީ، ޓްރިވެންޑްރަމް، ކޮޗިން، ބެންގަލޫރު، ޕޫނޭ، ގޯއާ، ޖަމްނާގަރް، އެޒިމާލާ، ވެލިންޓަން އަދި ޕަޗްމާރީން ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

"މި ފްލައިޓްގައި، ބޭސްފަރުވާ އަށް އިންޑިއާ އަށް ގޮސް، ފްލައިޓް ކެންސަލްވި ފަރާތްތަކާއި ބޮޑެތި ބަލިތަކަށް ފަރުވާ ކުރުމަށް އިންޑިއާ އަށް ދަތުރުކޮށް، ލޮކްޑައުންގެ ސަބަބުން ފަރުވާ ހުއްޓިފައިވާ ފަރާތްތަކާއި ރިޕަޓްރިއޭޝަން ފްލައިޓްތަކުގައި އައުމަށް އެއާޕޯޓްތަކަށް ދިއުމަށް ދަތި، ދުރު ހިސާބުތަކުގައި ތިބި ދިވެހިންނާއި ކުރު މުއްދަތުގެ ވިސާގައި އިންޑިއާގައި ތިބި ދިވެހިން އަންނާނެ،" ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެ އިން ކުރިއްސުރެ އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، މާދަމާ އަންނަ 234 މީހުން ވެސް 14 ދުވަހުގެ މުއްދަތަށް ކަރަންޓީންގައި ބައިތިއްބާނެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ، ކުރިމަގުގައި ވެސް މިފަދަ އިތުރު ފްލައިޓްތައް ބޭއްވޭތޯ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ކޮވިޑް-19 އާ ގުޅިގެން އިންޑިއާގައި ތާށިވެފައި ތިބި ގިނަ ދިވެހިންތަކެއް މީގެ ކުރިން ވެސް މޯލްޑިވިއަންގެ މަތިންދާބޯޓުތަކުގައި ރާއްޖެ ގެނެސްދީފައި ވެ އެވެ.