ރަނގަޅު ގޮތް: ޓްރީޓޮޕަށް ދިޔަ މީހަކު ޕޮޒިޓިވްއެއް ނުވޭ

އިތުރު ހަތް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ އަދަދު 904 އަށް އަރައިފި އެވެ.


އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ބަންގްލާދޭޝް ތިން މީހަކާއި އިންޑިއާ ދެ މީހެކެވެ. އެޗްޕީއޭ އިން ބުނި ގޮތުގައި މިއީ އެންމެ ފަހުން ހާމަކުރި ކޭސްތަކުގެ ފަހުން، މިރޭ 9:00 އަށް ނަތީޖާ ކަށަވަރުވި އަދަދެވެ.

މިރޭ 9:00 އަށް ހާމަކުރި މައުލޫމާތަށް ބަލާއިރު މިހާތަނަށް 304 ދިވެއްސަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އަދި ބަންގްލާދޭޝް 495 މީހަކާއި އިންޑިއާގެ 72 މީހަކާއި ސްރީ ލަންކާގެ ފަސް މީހަކާއި އެހެން ގައުމުތަކުގެ 28 މީހަކު ވެސް ޕޮޒިޓިވް ވެފައިވެ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް މީހެއް ރާއްޖޭން އެންމެ ފުރަތަމަ ފެނުނީ މީގެ 66 ދުވަސް ކުރިންނެވެ. އެއީ ރާއްޖެ އައި ޓޫރިސްޓަކު ޕޮޒިޓިވްވެ އިތުރު ބަޔަކަށް ބަލި ޖެހިގެންނެވެ. އޭގެ 40 ދުވަސް ފަހުން މާލޭން މި ބައްޔަށް ޕޮޒިޓިވް މީހަކު ފެނުނީ މާޗް 15 ވަނަ ދުވަހު އެވެ.

ރާއްޖޭގައި ކޮވިޑް-19 އެންމެ ބާރަށް ފެތުރެމުން ދަނީ ތޮއްޖެހިގެން އެއްތަނެއްގައި އުޅޭ ބިދޭސީންގެ މެދުގަ އެވެ. ބަލި ޖެހުނު ބިދޭސީންގެ ތެރެއިން ވެސް އެންމެ ގިނައީ ބަންގްލާދޭޝް މީހުންނެވެ. އޭގެ އިތުރުން އިންޑިއާ، ސްރީ ލަންކާ އަދި ނޭޕާލް މީހުން ވެސް ހިމެނެ އެވެ.

ރާއްޖޭން ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ވަނީ 31 މީހަކު ރަނގަޅުވެފަ އެވެ. އަދި ތިން މީހަކު ވަނީ މަރުވެފަ އެވެ. އެއީ އުމުރުން ދުވަސްވީ ދެ ދިވެއްސަކާއި ބަންގްލާދޭޝްގެ 33 އަހަރުގެ ޒުވާނެކެވެ.