"ނިއު ނޯމަލް"ގެ އުސޫލުތައް އެކުލަވާލައި އާންމުކުރާނެ: މަބްރޫކް

ކޮވިޑް-19ގެ ސަބަބުން ދިރިއުޅުމަށް ގެންނަން ޖެހޭ ބަދަލުތަކާ އެކު "ނިއު ނޯމަލް" ގައި އަމަލުކުރަންޖެހޭ އުސޫލުތައް މިހާރު ތައްޔާރުކުރަމުން އަންނަ ކަމަށް ކޮވިޑް-19 އަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް މިރޭ ވިދާޅުވެއްޖެ އެވެ.


އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ މިހާރު ވިސްނާފައި އޮތީ ފޭސްތަކަކަށް ބަހާލައިގެން ނިއު ނޯމަލް ނުވަތަ އާންމު ދިރިއުޅުމަށް ގެންނަންޖެހޭ ބަދަލުތައް އެކުލަވާލުމުގެ މަސައްކަތްކުރަން ކަމަށެވެ.

"އަޅުގަނޑުމެންނަށް އައިޑެންޓިފައި އެބަ ކުރެވޭ ސްޓްރެޓީޖިކް އޭރިއާސްތަކަކީ ކޮބައިކަން، މިވަގުތު އެ މަސައްކަތްކުރެވެމުންދަނީ. އެއިން ކޮންމެ އޭރިއާއަކަށް ނަގަން ޖެހޭ އެކްޝަންތައް ވަކިވަކިން ކޮންމެ ޓީމަކުން ވެސް މަސައްކަތްކުރަމުން އެބަދޭ،" މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ އެކި އޭރިއާތަކަށް ބަހާލައިގެން ލިޔެކިޔުމުން ޑްރާފްޓްތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންއަންނަ ކަމަށެވެ. އަދި އެކުލަވާލެވުނު އެންމެ އަވަހަކަށް އާންމުންނަށް ހިއްސާކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްްރާހީމް އަފްޒަލް ނޫސް ކޮންފަރެންސްގައި ވިދާޅުވީ މި ހާލަތުގައި އަމަލުކުރަން ޖެހޭނެ ގޮތުގެ އެސްއޯޕީ އާއި އާންމުންނަށާއި ވަކިވަކި މުއައްސަސާތަކަށް ދޭން ޖެހޭނެ އިރުޝާދުތަކެއް ލިޔެކިޔުމުން ތައްޔާރުކުރަމުން އަންނަ ކަމަށެވެ. އަދި އެ އެސްއޯޕީތައް ތައްޔާރުވެ އާންމުކުރާއިރު ދެން ނިއު ނޯމަލްގައި އަމަލުކުރަންވީ ގޮތުގެ އިރުޝާދުތައް ވެސް ދޭނެ ކަމަށް ވިދާޅުވި އެވެ.

ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ މި ހާލަތުގައި ދެން ކޮވިޑް-19އާ އެކު އުޅެން ދަސްކުރަން ޖެހޭ ކަމަށް ސިއްހީ މާހިރުން އަންނަނީ ވިދާޅުވަމުންނެވެ. އަދި ލޮކްޑައުން އަށް ފަހު ދެން ކުރީގެ އާންމު ދިރިއުޅުމަށް އެނބުރި ނުދެވޭނެ ކަމަށާއި ދެން ދިރިއުޅުން ބައްޓަންކުރަން ޖެހޭނީ އާ ގޮތަކަށް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އެއީ ކޮވިޑް-19 އަކީ ވަރަށް ފަސޭހައިން ގަޔަށް ގަޔަށް އަރާ ބައްޔަކަށް ވެފައި އެ ބައްޔަށް ފަރުވާއެއް އަދި ވެކްސިނެއް ވެސް ހޯދިފައި ނުވާތީ އެވެ.

މިފަދަ އާ ނޯމަލްއަކަށް ދިރިއުޅުން ބައްޓަންކޮށް މި އަހަރުގެ އޮކްޓޯބަރާ ހިސާބުގައި ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލެވޭނެ ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވެ އެވެ. އަދި އަދި ނިއު ނޯމަލްގެ މިންގަނޑު މިހާރު ރައީސް އޮފީހަށް ފޮނުވާފައިވާކަމަށް ވެސް ވިދާޅުވެފައިވެ އެވެ.