800 މިލިއަން ރުފިޔާ ހަރަދުކުރީ ހަރުގެތަކަކަށް: ސައީދު

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ސަރުކާރުން މިހާތަނަށް ހަރަދު ކުރި ޖުމްލަ ފައިސާގެ އަދަދު 800 މިލިޔަން ރުފިޔާ އަށް އެރުމުން، އެ ފައިސާ އަކީ ހަރުގެތަކެއް އަޅަން ހަރަދު ކުރި ފައިސާ ކަމަށް ސިފަ ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ސަރުކާރަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ސައީދު ވިދާޅުވީ ދެތިން ހަރުގެ އަޅައިލަން 800 ރުފިޔާ ހަރަދުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެއީ ބަލަން ޖެހޭ މައްސަލައެއް ކަަމަށެވެ.

"އިއްޒަތްތެރި ރައީސް ގާތްގަނޑަކަށް ދޭއް ނުވަތަ ތިނެއް ހަރުގެއެއް ވަަރު އަޅައިލަން މި ހަރަދުކޮށްލީ 800 އެތައް މިލިއަން ރުފިޔާ. މިއީ އަޅުގަނޑުމެން ކަންބޮޑުވުމަކީ. އިއްޒަތްތެރި ރައީސް މިއީ ވަކި ސަރުކާރެއް ކިޔާފައި މީގެން ބަރީއަތް ވެވޭނެ ކަމެއް ނޫން. މިމައްސަލަ ބަލަން ޖެހޭ. އެމްއެމްޕީއާރުސީ މައްސަލަ ވެސް ބަލަން ޖެހޭ. ހަރުގެތަކަކަށް 800 މިލިއަން ރުފިޔާ ހަރަދު ކުރި މައްސަލަ ވެސް ބަލަން ޖެހޭ." އައްޑޫގައި ކޮވިޑަށް ޓެސްޓް ނުކުރެވޭތީ ކަންބޮޑުވުން ފާޅުކޮށް ނައިފަރު ދާއިރާގެ މެމްބަރު ހުށަހެޅުއްވި މައްސަލައިގެ ބަހުސްގައި ސައީދު ވިދާޅުވި އެވެ.

ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ނިޒާމާ ބެހޭ ނުކުތާއެއް ނަންގަވައިގެން ސައީދުގެ ވާހަކައަށް ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ އެ ފައިސާ ހަރަދުވީ ހަމަ އެކަނި އިންފްރާސްޓްރަކްޗާ އަށް ކަަމަށް ވިދާޅުވެ ސައީދު އެ ވާހަކަ ދެއްކެވުމަކީ ރައްޔިތުންނަށް އޮޅޭ ގޮތަށް ވާހަކަ ދެއްކުން ކަމަށެވެ. އެފައިސާ ހަރަދުވި ގޮތުގެ ތަފްސީލުތައް ފެންނަން އެބަހުރި ކަމަށް ވިދާޅުވެ، އެ ތަފްސީލުތައް އޭނާ ދެއްވި އެވެ.

ނާޝިޒު ވިދާޅުވީ ވަކި ފަރާތެެއްގެ ޖީބަށް ދިއުމުގެ ބަދަލުގައި ރައްޔިތުންނަށް އެވަރު އަދަދެއްގެ ފައިސާ ހަރަދު ކުރުމަކީ ސައީދުމެން ކަންބޮޑުވެވަޑައިގަންނަވާނެ ކަމެއް ކަމަށެވެ.

"178 މިލިއަނަކީ ކެޕިޓަލް އިކިއުޕްމެންޓް. 398 މިލިއަން އެއީ ސަޕްލައިސް އާއި އިކުއިޕްމަންޓް. އަދި ގްރާންޓް އެންޑް ކޮންޓްރިބިއުޝަން އެންސްބްސިޑީސްއަށް 110 މިލިއަން. އެހެންވީމަ މިގޮތަށް މީގެ ހުރިހާ ތަފްސީލެއް އެބަހުރި އިނގޭތޯ. އެހެންވީމަ ރައްޔިތުންނަށް ކަނޑައެޅިގެން އޮޅޭ ގޮތަށް އެހެން ވިދާޅުވާ ވިދާޅުވުން އެއީ ގޯހެއް ކަމަށް އަޅުގަނޑު ދެކެނީ،" އޭނާ ވިދާޅުވި އެވެ.