މިހާރު ތިބި ކައުންސިލް މެމްބަރުން ދައުރު އިތުރުކުރާ ބިލްގެ އާންމުންގެ ޚިޔާލަށް ހުޅުވާލައިފި

ލޯކަލް ކައުންސިލްތަކަށް އާ މެމްބަރުން އިންތިޚާބު ކުރެވެންދެން މިހާރު ތިބި ކައުންސިިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް އާންމުންގެ ޚިޔާލަށް ހުޅުވާލައިފި އެވެ.


ކޮވިޑް-19 އާ ގުޅިގެން ކައުންސިލް އިންތިޚާބު އެއް އަހަރަށް ފަސް ކޮށްފައިވާއިރު، އާ ކައުންސިލް މެމްބަރުން ހުވާ ކުރެވެންދެން މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ޚާއްސަ ގާނޫނެއް ފާސްކުރުމުގެ ބިިލެއް މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. އޭނާ އެ ބިލް ހުށަހެޅުއްވީ ކައުންސިލް މެެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ސަރުކާރުން ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅާފައި ވަނިކޮށެވެ.

އިދާރީ ދާއިރާތައް ލާ މަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ޚާއްސަ ބިލުގެ ނަމުގައި ހުށަހަޅާފައިވާ ހަސަން ހުށަހެޅުއްވި އެ ބިލާ ގުޅިގެން މަޖިލީހުން ކުރި އިއުލާނެއްގައިވަނީ އެ ބިލަށް އީމެއިލް މެދުވެރިކޮށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.

ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ހުށަހެޅި ޚާއްސަ ބިލް އާންމުންގެ ޚިޔާލަށް ހުޅުވާލިއިރު، ގާނޫނު އަސާސީ އިސްލާހު ނުކޮށް ގާނޫނަކުން އެ ބަދަލު ގެނައުމާ މެދު މެމްބަރުންގެ މެދުގައި އޮތީ ޚިޔާލު ތަފާތުވެފަ އެވެ. އަދި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވެސް ވަނީ ގާނޫނު އަސާސީ އިސްލާހު ނުކޮށް، ގާނޫނަކުން އެ ބަދަލު ނުގެނެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮޮވިޑް-19 އާ ގުޅިގެން ކައުންސިލް އިންތިޚާބު އެއް އަހަރަށް ފަސްކުރުމުގެ ގާނޫނު ދާދިފަހުން ވަނީ ތަސްދީގުު ކުރައްވައިފަ އެވެ. އެ ގާނޫނު ބުނާގޮތުން އެ އިންތިޚާބު ދެން ބޭއްވޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމި، އާންމު ސިއްހަތުގެ ނުރައްކަލެއް ނެތްކަން ކަށަވަރު ކުރުމަށް ފަހު އެވެ.