ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ކޮވިޑް-19 ފެތުރުން ގާތް:ނަޝީދު

ރާއްޖޭގެ ރަށްތައް ދުރުދުރުގައި ހުއްޓަސް ކޮވިޑް-19 ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ފެތުރުން ވަރަށް އެކަށީގެންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރެއްގެ ވާހަކަ ނިމުމުން އެހެން މެމްބަރަކަށް ފުރުސަތު ދެއްވުމުގެ ކުރިން ނަޝީދު ވިދާޅުވީ ރާއްޖޭގެ ރަށްތައް ވަކިވަކިން އޮތް ނަމަވެސް، ރަށްތަކުގެ މެދުގައި މުދަލާއި މީހުން އުފުލުމުގެ ކަންކަން އަބަދުވެސް ކުރިއަށްދާ ކަމަށެވެ.

ނަޝީދު ވިދާޅުވީ ކޮވިޑް-19 ފެތުރެން ފެށިއިރު، މާލެއަށް އެ ބަލި އަންނާނެކަމަށް ދެކެވަޑައިގެންނެވި ކަމަށާއި ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް އެ ބަލި ފެތުރުން ވަރަށް އެކަށީގެންވާ ކަމަށް މިހާރު ގަބޫލުކުރައްވާ ކަމަށެވެ. އެގޮތަށް ގަބޫލުކުރައްވަނީ ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް އަބަދުސް ދަތުރުކޮށް މުދާ އުފުލާތީ ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މުދާ ވެސް ރަށް ރަށަށް އުފުލާނެ. ތަކެތިވެސްް ރަށްރަަށް އުފުލާނެ. ރާއްޖޭގެ އެއް ރަށާއި އަނެއް ރަށާ އެއީ ދުރުދުގައި ތިބޭ ތަނެއް ކަމަށް، ވަކިވަކިން އޮތް ތަންތަން ކަމަށް ބައެއް ބޭފުޅުންނަށް ހީފުޅުވިޔަސް ވެސް މި ދިވެހިރާއްޖެ އެއް ގައުމެއްގެ ގޮތުގައި ތުރާކުނުން ފެށިގެން އައްޑޫ މުއްޔާ ހަމައަށް މިއޮތީ ވަރަށް ދަތުރުކުރާތީ، އެއް ތަނުން އަނެއް ތަނަށް މީހުން ގޮސް އުޅޭތީވެ. އެހެންވީމަ އެއް ތަނެއްގައި ހުރި އެއްޗެއް އަބަދުވެސް އަނެއް ތަނަކަށް ފެތުރިގެން ދޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމުގެ ކުރިން ރާއްޖޭގެ ބޯޑަރު ބަންދުކުރާ ވާހަަކަ ފުރަތަމަ ދެއްކި ދުވަސްވަރު ނަޝީދު ވިދާޅުވަމުން ގެންދެވީ އެބަލި ރާއްޖެއަށް އަންނާނެ ކަމަށާއި ބޯޑަރުތައް ބަންދުކޮށް މަސައްކަތްތައް ހުއްޓާލައިގެން ނުތިބެވޭނެ ކަމަށެވެ. އޭގެ ބަދަލުގައި ޖެހޭނީ އެ ބައްޔާ އެކު ދިރިއުޅެން ދަސްކުރަން ކަމަށް އެ މަނިކުފާނު އޭރު ވިދާޅުވި އެވެ.

މިއަދުގެ ވާހަކަފުޅުގައި އެ މަނިކުފާ ނުސީދާކޮށް ވިދާޅުވީ މާލެއިން ރަަށަށް ނުދެވޭ ގޮތަށް މީހުން ބަންދުކޮށްފައި ތިއްބަަސް، މުދާ އުފުލުން ފަދަ ކޮންމެހެން ކުރަން ޖެހޭ ދަތުރުތަކުގެ ތެރެއިން އެ ވައިރަސް ރަށްރަށަށް ފެތުރޭނެ ކަމަށެވެ. މިހާރު އެންމެ ބޮޑަށް ދަތިވެފައި އޮތް ކަމަކީ ރަށް ރަށަށް ނުފުރިފައި ތިބި މީހުންގެ ކަންތައް ކަމަށާއި އެކަމަށް ސަމާލުކަން ދެއްވައިގެން މަސައްކަތް ކުރެއްވުމަށް މިއަދުގެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވި އެވެ.

ރަށްތަަކަށް ބަލި ފެތުރޭނެތީ ކުރަން އޮތް ކަމެއްގެ ގޮތުގައި ވިދާޅުވީ ރަށް ރަށުގައި ފަރުވާ ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި ކޮންމެ ރަށެއްގައި ވެސް މި ބަލިން ސަލާމަތް ވެވޭނެ ގޮތްތަކާ އަދި ސަލާމަތީ ފިޔަވަޅުތަކަށް ތައްޔާރުވެ ތިބުމަކީ ބުއްދިވެރިކަމެއް،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް ވަނީ 897 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އަދި ތިން މީހަކު ވަނީ މަރުވެފަ އެވެ.