މެޝިންތައް ލިބުމުން ދުވާލަކު 1000 ވުރެ ގިނަ ޓެސްޓް ހެދޭނެ: މަބްރޫކް

މެޝިންތައް ލިބުމާ އެކު ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓްކުރާ ސާމްޕަލްތަކުގެ އަދަދު ދުވާލަކު 1000 އަށް ވުރެ އިތުރުކުރެވޭނެ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.


ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި މީޑިއާ ބްރީިފިން ގައި އެ ސެންޓަރުގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އަލަށް ގެންނަން މަސައްކަތް ކުރަނީ އޮޓޮމޭޓެޑް މެޝިންތަކެއް ކަަމަށާއި އެ މެޝިންތައް އޮޕަރޭޓް ކުރަން ޓެކްނީޝަނުން ބޭނުންވާ މިންވަރު މަދުވެފައި ގިނަ ސާމްޕަލް ޓެސްޓް ކުރެވޭނެ ކަމަށެވެ.

ދުވާލަކު ޓެސްޓްކުރެވޭ ސާމްޕަލްގެ އަދަދު އިތުރުކުރަން ބޭނުންވާ އިކުއިޕްމެންޓް މި މަހުގެ 16 ހިސާބުގައި ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދުވާލަކު ހާހަކަށް ވުރެ ގިނަ ސާމްޕަލް ނެގެން ވާނެ އަޅުގަނޑެމެން މިހާރު މިކުރާ މަސަައްކަތުން ގެންނަން ޖެހޭ މެޝިނަރީ ގެނައުމާ އެކު،" މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓެސްޓް ކުރުމުގެ ގާބިލުކަން އިތުރުކުރަން ރާއްޖެއިން ކުރިއްސުރެ ކުރަމުން އަންނަ އަނެއް މަސައްކަތަކީ އަތޮޅުތަކުގައި މިހާރުވެސް ހުރި ޖީން އެކްސްޕާޓް މެޝިންތަަކަށް ލައްވާ ކާޓްރިޖް ތަކެއް ހޯދުމެވެ. އެ މެޝިންތަކަކީ ޓީބީ ފަދަ ބަލިތަކަށް ޓެސްޓްކުރަން ބޭނުންކުރާ މެޝިންތަކެކެވެ. އެކަމަކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މަސައްކަތް ކުރަމުން އަންްނަނީ އެ މެޝިންތަައް ބޭނުންކޮށްގެން ކޮވިޑް-19 އަށް ޓެސްޓް ކުރެވެ ކާޓްރިޖްތަކެއް އީޖާދު ކުރުމަށެވެ.

މަބްރޫކް ވިދާޅުވީ ރާއްްޖޭގެ ފަސް ސަރަހައްދެއްގައި ކޮވިޑް-19 އަށް ފަރުވާކޮށް ޓެސްޓް ކުރަން ސަރުކާރުން އެންމެ ކުރިން ވެސް އޮތީ ޕްލޭން ކޮށްފައި ކަމަށާއި ޖީން އެކްސްޕާޓް މެޝިންތަކަށް ބޭނުންކުރާ ކާޓްރިޖްތައް އުފެއްދުމުން އެ މެޝިންތައް ބޭނުން ކުރަން ކަމަށެވެ.

"ދެން އެ ކާޓްރިކްތައް ބޭނުންކޮށްްގެން ރާއްޖޭގެ ފަސް ސަރަހައްދުގައި ޓެސްޓްކުރުން، ނުވަތަ ރާއްޖޭގައި ހަމަ މި މެޝިނަރީ ހުރި ހުރިހާ ސަރަހައްދެއްގައި ޓެސްޓްކުރުމަކީ އަބަދުވެސް ހަމަ ޕްލޭން. އެއީ އަބަދުވެސް އެކަން ކުރަން ބޭނުންވި ގޮތް،" މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖީން އެކްސްޕާޓް މެޝިންތަކަށް ލައްވާ 25،000 ކާޓްރިޖް ލިބޭނެ ކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ. އެ ކާޓްރިޖްތައް ބޭނުންކޮށްގެން ޓެސްޓްކުރާނީ އޭނާ ވިދާޅުވި ގޮތުގައި ހދ.ކުޅުދުއްފުއްޓާއި ރ. އުނގޫފާރާއި ލ. ގަމާއި ގދ. ތިނަދޫގެ އިތުރުން އައްޑޫގަ އެވެ.