ލޮކްޑައުންގެ ތެރޭގައި ކަރަންޓެއް ނުކަނޑާނަން: ސްޓެލްކޯ

މާލީ އެކި ސަބަބުތަކާ ހެދި މި ލޮކްޑައުން ތެރޭގައި ބިލް ނުދެއްކުނަސް ކަރަންޓު ނުކަނޑާނެ ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.


އެ ކުންފުނިން މި ޔަގީންކަން ދިނީ، ކޮވިޑް-19 އާ ގުޅިގެން މާލެ ލޮކްޑައުންކުރުމާ އެކު ދިރިއުޅުމަށް ކުރިމަތިވެފައިވާ ދަތިތަކުގައި، ކަރަންޓް ކަނޑާލަފާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެ ސޯޝަލްމީޑިއާގައި ލިއުނު ވާހަކަތަކަކާ ގުޅިގެންނެވެ. އެ މީހާ ލިއެފައިވާ ގޮތުގައި، ކަރަންޓް ބިލް ނުދެއްކުމުން ޚިދުމަތް މެދުކަނޑާލަފާނެތީ ކާއެތިކޮޅު ވިއްކައިގެން ވެސް ބިލް ދެއްކޭތޯ ވަނީ މަސައްކަތްކޮށްފަ އެވެ.

ސްޓެލްކޯ އިން މިރޭ ނެރުނު ބަޔާނުގައި ބުނިގޮތުގައި، މާލޭގެ އިތުރުން ލޮކްޑައުންކޮށްފައިވާ އެހެން ރަށެއްގައި ވެސް މާލީ ދަތިތަކާ ހެދި ބިލް ނުދެއްކި ތިބި މީހުންގެ ޚިދުމަތް ކަނޑައެއް ނުލާނެ އެވެ. މިގޮތަށް ނިންމީ، އެ ކުންފުނިން ބުނެފައިވާ ގޮތުގައި، ކަރަންޓަކީ ޒަރޫރީ ބޭނުމަކަށް ވެފައި ޚިދުމަތް މެދުކަނޑާލައިފި ނަމަ ދިމާވާނެ އުނދަގޫތަކަށް ބަލައިފަ އެވެ.

ލޮކްޑައުންއާ އެކު ސަރުކާރުގެ ހުރިހާ އޮފީސްތަކެއް ވެސް ބަންދުކޮށްފައިވާއިރު، އެ ކުންފުނިން ވެސް މަސައްކަތް ކުރަމުން އަންނަނީ ކޮންމެހެން ބޭނުންވާ ޚިދުމަތްތަކަށް މަދު މުވައްޒަފުންނާ އެކު އެވެ. އަދި މި ދަނޑިވަޅުގައި އޮންލައިންކޮށް ބިލް ދެއްކޭނެ އިންތިޒާމް ވެސް އެ ކުންފުނިން ވަނީ ފަހިކޮށްދީފަ އެވެ. އެގޮތުން އެ ކުންފުނީގެ އެޕްލިކޭޝަން އަދި ވެބްސައިޓް މެދުވެރިކޮށް ވެސް ބިލް ދެއްކޭނެ އެވެ.

ސްޓެލްކޯ އިން އަންނަނީ ބިލްތައް ނުދައްކާ ގިނަ ދުވަސްވެފައިވާ ފަރާތްތަކަށް ނުދެއްކި އޮތް އަދަދު އެސްއެމްއެސްގެ ޒަރީއާއިން އަންނަނީ ފޮނުވަމުންނެވެ. އެއީ ނުދެއްކި ހުރި ބިލްތަކުގެ ތަފްސީލް ހޯދަން ގިނަ މީހުން އެދެމުން އަންނާތީ ކަމަށް ވެސް ސްޓެކްލޯ އިން ބުންޏެވެ.